އެންމެ ފަހުގެ

|

ކަނބުލޮ (3)


ގަޑިން ހެނދުނު ހަތެއްޖަހަނީއެވެ. އަސްލަމަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ނަގާ، ގުޅަނީ ކާކުތޯ ބަލާލިއެވެ. ގުޅަނީ އަސްލަމްގެ މަންމައެވެ.
"ހަލޯ!" އަސްލަމް ފޯނުނަގާ ވާހަކަ ދައްކަން ފެށިއެވެ.
"ދަރިފުޅާ އަސްލަމް ކިހިނެއްތަ؟" އެކޮޅުން އަސްލަމްގެ މަންމަ ވާހަކަ ދެއްކިއެވެ.
"


އަހަރެން ރަނގަޅު. މަންމަމެން ކިހިނެއްތަ؟" އަސްލަމް ޖަވާބު ދެމުން ބުނެލިއެވެ.
"ދަރިފުޅުގެ ހަބަރެއް ނުވާތީ ހަމަ ގުޅާލީ. ކޮން އިރަކުންތަ ދަރިފުޅު އަންނަނީ؟" އަސްލަމް ގެ މަންމަ އޭނާގެ ހަބަރެއް ނުވާތީ އެކަމާ ޝަކުވާ ކުރިއެވެ.

"ބިޒީކަމުން ގުޅާ ނުލެވެނީ. އަދި ތިކޮޅަށްދާން ވަކި ދުވަހެއް ކަނޑައެއް ނާޅަން. މިއުޅެނީ ރަށުން ވަރަށް އާދަޔާ ހިލާފް ކަންތައް ތަކަކާ ދިމާވެގެން." މިހެން ބުނެ، ރަށުގައި ހިނގަމުންދާ ކަންތައްތައް އެއްކޮޅުން އަނެއްކޮޅަށް އަސްލަމް އޭނާގެ މަންމަ އަށް ކިޔައިދިނެވެ.
"މަންމަ އަށް އެނގޭތަ މިރަށުގަ މީގެ އެތަށް އަހަރެއް ކުރިން ކަންތައްގަނޑެއް ހިނގިކަން؟" އަސްލަމް އޭނާގެ މަންމަ ގާތު އެވާހަކަ އެހިއެވެ. ފަހަރުގައި މަންމަގެ ފަރާތުން އެކަމާ ބެހޭ މައުލޫމާތެއް ލިބިދާނެކަމަށް ހީކޮށްގެންނެވެ. ކަންތައްވީވެސް ހަމަ އަސްލަމް ހީކުރިގޮތަށެވެ. އޭނާގެ މަންމަ އޭނާއަށް އެވާހަކަތައް ކިޔައިދޭން ފެށިއެވެ. ނަމަވެސް ވާހަކަ ފެށިތަނާހެން ފޯނު ކެނޑިއްޖެއެވެ. ފޯނު ކެނޑުމުން އަނެއްކާ ގުޅަން އަސްލަމް މަސައްކަތް ކުރިއެވެ. ނަމަވެސް ބުނަނީ ފޯނު ނިވިފައިވާކަމަށެވެ. މަންމައަށް ނުގުޅުމުން ދެން އަސްލަމް މަސައްކަތް ކުރީ އޭނާގެ ބައްޕައަށް ގުޅޭތޯއެވެ. އެކަންވެސް އޭނާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ހަމަ ބުނަނީ ފޯނު ނިވިފައި ވާކަމަށެވެ. އެހެންވެ އޭނާ ނިންމީ ފޯނުގެ ބެޓެރި ގޮސްގެން ފޯނު ނިވުނީ ކަމުގައެވެ. އަސްލަމް އޭނާގެ މަންމަގެ ވާހަކަ ތަކާ ދޭތެރޭ ވިސްނާލިއެވެ. އެވާހަކަ ތަކުން އެނގުނީ، ރަށުގައި މީގެ ފަނަރަވަރަކަށް އަހަރު ކުރިން ކޮންމެވެސް ކަންތައްގަނޑެއް ހިނގާފައި ވާކަމެވެ. އެކަމާ މިހާރު ހިނގަމުން މިދާ ކަމާ ވަރަށް ބޮޑު ގުޅުމެއް ވާކަމެވެ. އަދި އެވާހަކަ ދައްކަން ބައެއް މީހުން ބިރުގަންނަކަމެވެ.
" މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން މިރަށުގައި އެއްވެސް ކަންތައްގަނޑެއް ހިނގިތަ؟" ހެނދުނު ސައިބޯން އިނދެފައި އަސްލަމް އޭނާގެ ބޮޑުބެއާ ސުވާލު ކުރިއެވެ. މި ސުވާލުން ބޮޑުބެއަށް ލިބުނީ ހައިރާން ކަމެކެވެ. މޫނު މަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ތިވާހަކަ ނުދައްކާށޭ ބުނާކަހަލަ ގޮތަކަށް އަސްލަމަށް ބަލާލިއެވެ. " އަސްލަމަށް އިނގޭތަ ކީކޭކަން ތި ކިޔެނީ؟" ބޮޑުބެ ކުރީ ސުވާލެކެވެ.
"އާނ! މިހާރު މިވާހަކަ ދައްކަން މާ ލަސްވެސް ވެއްޖެ. މުދިންބެ ބުނީ ދެން އެއްވެސް މީހަކު މިރަށުން ސަލާމަތެއް ނުވާނެޔޯ." އަސްލަމްގެ ޖަވާބުން ބޮޑުބެއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިއެވެ.
"އަހަރެން ނެތިން ތިވާހަކަ ދައްކާކަށް. އަޅަންވާވަރަށް ސަލާމަތީ ފިޔަވަޅު ނާޅާ އެހާދިސާގެ ވާހަކަ ކިޔައިދީފި މީހަކު ސަލާމަތެއް ނުވާނެ." ބޮޑުބެ މިހެން ބުނުމުން އަސްލަމުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަނެއްކާ މަންމައަށް އެވީ އެހެން ބާއެވެ؟ އަސްލަމް ހިތާ ހިތާ ކިޔާލިއެވެ.
ހެނދުނުގެ ސަޔަށްފަހު އަސްލަމް މިސްރާބު ޖެހީ މުދިންބެގެ ގެއާ ދިމާއަށެވެ. އެ ހާދިސާގެ ވާހަކަތައް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. އަސްލަމް ބޭނުންވީ އޭނާގެ ރައްޓެހިންވެސް މުދިންބެގެ ގެއަށް ގެންދާށެވެ. އެމީހުންނަށްވެސް މުދިންބެ އެ ކިޔައިދޭ ވާހަކަތައް އަޑުއިއްވާށެވެ.
އަސްލަމް ހިނގަމުން ދިޔައީ ރަށުގެ ބޮޑުމަގުންނެވެ. ޒަމީރުގެ މަރަށްފަހު ދުވާލު ގަޑީގައިވެސް ބޭރަށް ނިކުމެ އުޅޭމީހުން ވަރަށް މަދެވެ. އެހެންވެ މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. އަސްލަމް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އަސްލަމްގެ ނަމުން ގޮވާލުމުންނެވެ. އޭނާ އެނބުރި ފަހަތަށް ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އެހެންވެ އަސްލަމް ކުރިއަށް ހިނގައި ގަތެވެ. އަނެއްކާވެސް އަސްލަމްގެ ނަމުން އެ ގޮވާ މީހަކު ގޮވާލިއެވެ. މިފަހަރު އަސްލަމް ފަހަތަށް ނޭބުރުނެވެ. އޭގެ ބަދަލުގައި ހިނގުން އަވަސް ކޮށްލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާގެ ރައްޓެހި ޝިފާނުމެން ގެއަށް ވަނެވެ. އެގެއަށް ވަތްއިރު ޝިފާނާއި، އަޒްމީ އަދި ނިހާން އަސްލަމްގެ އިންތިޒާރުގައި ތިއްބެވެ.
"ކޮބާ ހިނގާ ނައްޓާލަމާ!" އަޒްމީ މިހެން ބުނުމުން އެންމެން އެކީ ހިނގައިގަތީ މުދިންބެގެ ގެއާ ދިމާލަށެވެ.
އަސްލަމްމެން މުދިންބެގެ ގެއަށް ދިޔައިރު މުދިންބެ ކޮންމެވެސް އެއްޗެއް ކިޔަމުން ގޭ ދޮރު މަތީގައި ހިނގާލަ ހިނގާލާ ހުއްޓެވެ. "އަހަނ. ތި އައީ ދޯ." އަސްލަމް މެން ފެނުމުން މުދިންބެ ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އަސްލަމް ބޯ ޖަހާލިއެވެ. އެއާ އެކީ އެތެރެއަށް ވަނުމަށް މުދިންބެ އެމީހުން ގާތު އެދުނެވެ. އަދި ބޮޑުއަށިމަތީ އިށިނދެލާ ހަމަޖެހިލުމަށް ބުނެފައި މުދިންބެ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. މާ ގިނަ އިރުތަކެއް ނުވެ މުދިންބެ ނިކުމެގެން އަތުވެއްޖެއެވެ. މުދިންބެގެ އަތުގައި އޮތް ތަވީދުތައް ދައްކާލަމުން މިއީ ރައްކާތެރި ކަމުގެ ފިޔަވަޅުކަމުގައި ބުނެ ކޮންމެ މީހެއްގެ އަތުގައި ތަވީދު އެޅުވިއެވެ.
"މިކިޔާދެނީ މި ރަށުގައި ހިނގި އެންމެ ބިރުވެރި ހާދިސާ. އެ ހާދިސާގެ ސަބަބުން މިރަށް ނާމާންވެ، އެތަށް ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވި ހާދިސާ. އަދި މިހާރު ހިނގަމުން މިދާ ކަންތައްތަކުގެ އަސްލު. އެއީ މީގެ ފަނަރަ އަހަރު ކުރިން ހިނގާ ދިޔަ، ހަނދާނުން ފޮހެ ނުލެވޭނެ ހާދިސާއެއް." ފުރަތަމަ، މުދިންބެ ވާހަކައިގެ ހުލާސާއެއް ކިޔާލިއެވެ. އަދި އެއަށް ފަހު ވާހަކަ ފެށިއެވެ.
=ނުނިމޭ=

ލިޔުނީ: ޑީބީ

ކަނބުލޮ (1)
ކަނބުލޮ (2)

ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, March 05, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

3 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (3)"

  1. އޭ ވަރަށް ސަޅި އިނގޭ. އަވަހަށް އަނެއްބައި ގެނެސްދެއްޗޭ!

  2. ސަލާމް. ވާހަކައިގެ އެއްބައި އަނެއް ބަޔާ ލިންކް ކޮށްފަ ބެހެއްޓުމުން ކިޔާ މީހުންނަށް ފަސޭހަ ވެގެންދާނެ. ސަލާމް. -ޢިމާދު ބިން ނާޞިރު-0

  3. ވ.ސަލާމް. ތިޔަ ދެއްވި ހިޔާލަށް ވަރަށް ބޮޑަށް ޝޫކުރިއްޔާ!

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް