އެންމެ ފަހުގެ

|

އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒު (رحمه الله) -- - 1330 ހ. – 1420ހ. އަށް


ތަރުޖަމާ: އަޚް ޢަބްދުލް މަތީން މިކްޔާލް (جزاه الله خير)

ނަންފުޅު: عبد العزيز بن عبد الله بن عبد الرحمن بن محمد بن عبد الله آل باز (ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން ޢަބްދު ﷲ އާލް ބާޒް)

އުފަންވެވަޑައިގަތުން: 12 ޛުލްޙިއްޖާ 1330ހ. (1909މ.) ޢަރަބި ޖަޒީރާގެ ރަށެއްކަމުގައިވާ ރިޔާޟް އަށެވެ.

ނިޔާވުން: 27 މުޙައްރަމް 1420ހ. (13 މޭ 1999މ.) ވީ ބުރާސްފަތި ދުވަހު، ރިޔާޟް ގައެވެ.

ޢުމުރުފުޅު: 89 އަހަރެވެ.


ޅަފަތުގެ ދުވަސްވަރާއި ޢިލްމު ޙާޞިލްކުރެއްވުން

ޝައިޚް ބޮޑުފުޅުވެވަޑައިގެންނެވީ ޢިލްމާއި ހެޔޮކަން ނުހަނު ފުޅާކޮށް ފެތުރިފައިވީ މާޙައުލެއްގައެވެ. އަދި ދުނިޔަވީ ފިތުނަތަކާއި ވަގުތީ މުތްތަކުން ވަރަށް ދުރުހެލިވެފައިވާ މާޙައުލެއްގައެވެ. އަދި އެވަގުތު "ރިޔާޟް" އަކީ ޢިލްމާއި ތެދުމަގު އެތަނުގައި ފާޅުވެގެންވީ ރަށެކެވެ. އުއްމަތުގެ ބޮޑެތި ޢިލްމުވެރިންނާއި ދީނުގެ އިމާމުން ތިއްބެވިއެވެ. ޤުރުއާނާއި ރަސޫލު ﷲ (صلى الله عليه وسلم) ގެ ސުންނަތުގެ އަލީގައި ޤާއިމްވެފައިވާ މި ބަރަކާތްތެރި ދަޢުވަތަކީ الإمام المجدد محمد بن عبدالوهاب (رحمه الله) ގެ ދަޢުވަތެވެ. ޝައިޚްގެ ޢުމުރުން 3 އަހަރުގައި ބައްޕާފުޅު ނިޔާވިއެވެ. އެހެންކަމުން، ތަރުބިއްޔަތު ދެއްވާ ތަޢުލީމު އުނގަންނަވާ ދެއްވެވީ މަންމާފުޅެވެ. އަދި ޚާއްޞަކޮށް ޝަރުޢީ ޢިލްމުގެ ރޮނގުން ތަޢުލީމު އުނގަންނައިދެއްވުމަށް ވަރަށް ބާރުއެޅުއްވި އެވެ. މަންމާފުޅު ނިޔާވިއިރު ޝައިޚްގެ ޢުމުރުފުޅަކީ 26 އަހަރެވެ.

ސަލަފުއް ޞާލިޙުންނެކޭ އެއްފަދައިން (رحمهم الله)، ޝައިޚުގެ ތަޢުލީމީ ދިރާސަތު ފެއްޓެވީ ކީރިތި ޤުރުއާނުންނެވެ. ފުރާވަރަށް އެރުމުގެ ކުރީން ޤުރުއާން ހިތުދަސްކުރެއްވި އެވެ. އަދި ވަރަށް ހިތްވަރާއި މިންނަތާއި ކެތްތެރިކަމާއިއެކު ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލްކުރައްވަން ފެއްޓެވިއެވެ. ޢުމުރުން 13 އަހަރުގައި، ބޭބޭފުޅާއެކު ބާޒާރުގައި މަސައްކަތްކުރައްވަން އުޅުއްވި އިރު ވެސް، ޤުރުއާނާއި ޙަދީޘް، އަދި ފިޤުހާއި ތަފްސީރު އުނގެނިވަޑައިގަތުމަށް ވަގުތު ދެއްވެވި އެވެ.

ޝައިޚުގެ ޙަޔާތުގެ ކުރީކޮޅުގައި ޝައިޚަކީ ފެނުމުގެ ނިޢުމަތް ލިބިލެއްވި ބޭފުޅެކެވެ. އަދި 1346ހ. ވަނަ އަހަރުން ފެށިގެން ލޯފުޅު ކޮށިވާންފެއްޓެވި އެވެ. އަދި 1350ހ. ގައި ދެލޯފުޅު މުޅިން ކޮށިވިއެވެ. އެކަމުގެ ޙިކުމަތް އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ޝައިޚުގެ ޢުމުރުން އޭރު ގާތްގަނޑަކަށް 20 އަހަރެވެ. އެހެންނަމަވެސް، ޢިލްމު ހާސިލުކުރެއްވުމަށްޓަކައި ކުރެއްވި ޢަޒުމާއި ހިންމަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ރައްބާނީ ޢިލްމުވެރިންނާއި ޞާލިޙު ފިޤުހުވެރީންގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވުމުގައި ކުރިއަށްވަޑައިގެންނެވި އެވެ. އަދި އެންމެ ފުރިހަމަގޮތުގައި އެރޮނގުން ފައިދާ ލިބިގެންނެވި އެވެ. އަދި އެގޮތުގެ މަތީން، ޝައިޚުގެ ޢިލްމީ ޙަޔާތް ފެށިގެންދިޔައެވެ.

ޢިލްމީ ޙަޔާތާއި ޚިދުމަތްތައް

ﷲ ގެ މިންވަރުފުޅުން، ޝައިޚަކީ، ހިތުދަސްކުރުމުގެ ޤާބިލްކަން ވަރަށް ބޮޑަށް ލިބިލައްވާފައިވާ ބޭކަލެކެވެ. (އެގޮތުގެ މަތިން، ޞަޙީޙައިން (އަލްބުޚާރީ އަދި މުސްލިމް) ހިތުދަސްކުރެއްވިއެވެ. އަދި ކުތުބު ސިއްތާ (އަލްބުޚާރީ، މުސްލިމް، އައްތިރްމިޒީ، އަބޫ ދާޥޫދު، އިބްނު މާޖާ، އައްނަސާއީ) އަދި އެނޫންވެސް ޙަދީޘް ފޮތަކުން ޙަދީޘަކާއި ބެހޭގޮތުން ޝައިޚަށް ސުވާލެއް ހުށައެޅިއްޖެނަމަ، ޖަވާބު ދެއްވަމުން، އެއީ ކޮން ފޮތެއްގެ ޙަދީޘެއް ކަމާއި، އޭގެ ސަނަދާއި ރާވީންނަށް ދާންދެން ބަޔާންކުރައްވައެވެ. އަދި ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް ވެސް ޛިކުރުކުރައްވައެވެ. އަދިވެސް، ޝައިޚުގެ ކިބައިގައިވާ ޢަޖައިބުކުރުވަނިވި އެހެންކަމަކީ، ޝައިޚާއި ބައްދަލުކޮށް މީހަކު ސަލާމް ގޮވާލުމަށްފަހު، އެތައް ދުވަހެއްފަހުން އޭނާއާއި ބައްދަލުވެ ސަލާމް ގޮވާލާ އަޑު އިވުމާއި އެކު، ސަލާމަށް ރައްދުދެއްވަމުން އެމީހެއްގެ ނަމުން ގޮވާލައްވަވާ ކަމުގައިވެއެވެ. ހަމަ އެހެންމެ މީގެ 60 އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރު ކުރިން ހިނގާފައިވާ ޙާދިޘާއެއްކަމުގައި ވިޔަސް، ދެންމެ ދެންމެ ހިނގިކަމެއް ފަދައިން، ފެނިފެނި ހުންނަ ފަދައިން ކިޔައިދެއްވަވައެވެ. ލޯފުޅުގެ ފެނުން ގެންދެވުމާއި އެކުވެސް، (ހަނދާނުގައި) މިފަދަ ޤާބިލިއްޔަތުކަމެއް ލެއްވެވުން އެއީ ﷲ ޝައިޚަށް ދެއްވަވާފައިވާ އަގުހުރި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.

ޝައިޚް ޢިލްމު ޙާޞިލްކުރެއްވެވި ބައެއް ޢިލްމުވެރިންގެ ތެރޭގައި:

• الشيخ محمد بن إبراهيم آل الشيخ (رحمه الله) – އެދުވަސްވަރު ސުޢޫދީ ޢަރަބިއްޔާގައި ހުންނެވި އެންމެ އިސް މުފްތީއެވެ. 10 އަހަރުދުވަސް (1347ހ. އިން 1357ހ.) ވަންދެން މި ޝައިޚްގެ އަރިހުން ކިޔަވާވިދާޅުވިއެވެ. ޚާއްޞަކޮށް ޝަރީޢަތުގެ ޢިލްމު އުނގެނިވަޑައިގެންނެވިއެވެ.

• الشيخ محمد بن عبد اللطيف بن حسن آل الشيخ (رحمه الله) – އެދުވަސްވަރު ރިޔާޟުގެ ޤާޟީ ކަން ކުރެއްވެވި ބޭކަލެކެވެ.

• الشيخ حمد بن فارس (رحمه الله) – އެދުވަސްވަރު ރިޔާޟުގެ ބައިތުލްމާލުގެ ވެރިޔާގެ އަރިހުން ޢަރަބި ބަހުގެ ޤަވާޢިދު ކިޔަވާވިދާޅުވިއެވެ.

• الشيخ سعد بن حمد بن عتيق (رحمه الله) – ރިޔާޟުގެ ޤާޟީ ކަން ކުރެއްވެވި ބޭކަލެކެވެ.

• الشيخ سعد وقاص البخاري (رحمه الله) - ތަޖުވީދުގެ ޢިލްމު އުނގެނިވަޑައިގެންނެވިއެވެ.

ޝައިޚް ފޮތް ލިޔުއްވި ދާއިރާތަކުގެތެރޭގައި:

• އިސްލާމީ ޢަޤީދާ.

• ބިދުޢަވެރިންނާއި މުންކަރާތްތަކުން ދުރުހެލިވުން.

• ފިޤުހުގެ އުޞޫލުތަކާއި ޤަވާޢިދުތައް.

• އަޅުކަމާއި، މުޢާމަލާތާއި، ވިޔަފާރިއާއި، ޙަރާމްކަންތައްތައް.

• ޙަދީޘާއި އޭގެ އުޞޫލުތަކާއި މުޞްތަލަޙްތައް.

• ޛިކުރުކުރުމާއި އޭގެ ފައިދާތައް.

• އަންހެނުންގެ މަސްޢޫލިއްޔަތާއި މުޖުތަމަޢުއެއް ބިނާކުރުމަށް އަންހެނުންގެ ދައުރު.

• ޝަރީޢަތާއި ﷲ ގެ މަގުގައި ޖިހާދުކުރުން.

• ﷲ ގެ ދީނަށް ދަޢުވަތު ދިނުން.

• މުސްލިމު ޒުވާނުންގެ މަސްޢޫލިއްޔަތުތައް.

• ދީނަށް ހަމަލާދީ ޝުބުހު އުފައްދާ މީހުންނަށް ރައްދުދެއްވުން.

• ފިކުރީ ހަނގުރާމައާއި ޢަރަބި ޤައުމިއްޔަތު.

އަދި މިނޫނަސް އިތުރު ދާއިރާތަކެއް ހިމެނެއެވެ. އަދި ﷲ ގެ ވާގިފުޅާއިއެކު، މީގެ އެކި ދާއިރާތަކަށް ޝައިޚް ލިޔުއްވާފައިވާ ގިނަ ޢަދަދެއްގެ ފޮތްތައްވަނީ އެކި ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ.


ޝައިޚް ލިޔުއްވި ބައެއް ފޮތްތަކުގެ ތެރޭގައި:

• الإمام محمد بن عبد الوهاب: دعوته وسيرته (އަލްއިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ދަޢުވަތާއި ސީރަތް)

• بيان معنى كلمة لا إله إلا الله ( لا إله إلا الله ކަލިމައިގެ މާނައިގެ ބަޔާން)

• فتاوى المرأة لابن باز واللجنة الدائمة (އަންހެނާއާއި ބެހޭގޮތުން އިބްނު ބާޒް އަދި ދާއިމީ ކޮމިޓީގެ ފަޠުވާ)

• وجوب الأمر بالمعروف والنهي عن المنكر (ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގެ ވާޖިބުކަން)

• وجوب العمل بالسنة وكفر من أنكرها (ސުންނަތަށް ޢަމަލުކުރުމުގެ ވާޖިބުކަމާއި، އެއަށް އިންކާރުކޮށްފިމީހާގެ ކުފުރު)

• الدعوة إلى الله سبحانه وأخلاق الدعاة (ހުސްޠާހިރުވަންތަ ﷲގެ މަގަށް ދަޢުވަތު ދިނުމާއި އަދި ދަޢުވަތުދޭ މީހުންގެ އަޚްލާޤު)

• شرح الأصول الثلاثة (ތިން އުޞޫލުގެ ޝަރަޙަ)

ޝަޚްޞިއްޔަތު

ޝައިޚްގެ ހައިބަތުގެ ސަބަބުން ބޮޑެތި ޢިލްމުވެރިންވެސް އަދި މީސްތަކުންވެސް ޝައިޚަށް ލޯބިކޮށް، އިޙްތިރާމްކޮށް ހަދައެވެ. އެއީ ޝައިޚްގެ ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. ވަރަށް މަދުންނޫނީ ޝައިޚް އިންނަވާ މަޖްލީހެއްގައި ހުނުމުގެ އަޑެއްނުއިވެއެވެ. ޝައިޚް އިންނަވާ މަޖްލީހަކީ ﷲ ހަނދުމަކުރުމާއި، އާޚިރަތުގެ ގޮވައްޗާއި މެދު ވިސްނާ ފިކުރުކުރާ މަޖްލީހެއްކަމުގައި މެނުވީ ނުވެއެވެ. އަދި މިއާއިއެކު، ޝައިޚަކީ ވަރަށް ތަވާޟުޢުވެރި، މަތިވެރި ހިންމަތަކާއި، ތެދުވެރި ޢަޒުމެއްގެ ވެރިބޭކަލެކެވެ. އަދި ވަރަށް ޒުހުދުވެރި ބޭކަލެކެވެ. ޝައިޚަކީ، ޝެއިޚަށް މަދަހަ ޘަނާ ކިޔުމަށް ވަރަށް ބޮޑަށް ނުރުހުންވެލައްވާ ބޭކަލެކެވެ. ޝައިޚް ހުންނެވި ތަނެއްގައި، ޝައިޚުގެ ހެޔޮ ކަންތައްތަކުގެ ވާހަކަ ދައްކައި، ޝައިޚަށް މަދަހަ ޘަނާ ކިޔަން ބަޔަކު ފަށައިފިނަމަ، [ހަމަކަށަވަރުން ކަލޭ، ކަލޭގެ އަޚާގެ ގުދާރު ހީނަރުކޮށްލައިފިއެވެ. މަދަހަ ޘަނާކިޔުމުން ކަލޭމެން ރައްކާތެރިވެތިބޭށެވެ! އޭ ﷲ އެވެ! އެމީހުން ހީކުރާވަރަށް ވުރެ ރަނގަޅު މީހެއްކަމުގައި މިއަޅާ ހައްދަވާނދޭވެ! އަދި އެމީހުންނަށް ނޭނގޭ (މިއަޅާގެ) ކަންތައްތަކަށް މިއަޅާއަށް ފާފުއްސަވާނދޭވެ!” މި ފަދައިން އެތައް ފަހަރެއްގެ މަތިން ވިދާޅުވިކަމަށްވެއެވެ. މިކަންކަމުން ވެސް، ޝައިޚްގެ ހިތުގައިވާ ޒާހިދުކަމާއި، ފުރާނައިގެ ޠާހިރުކަމާއި، ﷲ އަށް ބިރުވެތިވާ މިންވަރު އެނގިގެންދެއެވެ.

ޢާއްމު ސިޔާސަތު

ޝައިޚް ޤާޟީއެއްގެ ގޮތުގައި 14 އަހަރުދުވަހު މަސައްކަތްކުރެއްވިއެވެ. އަދި އޭގެފަހުން މަސައްކަތް ކުރެއްވެވީ ތަޢުލީމީ ދާއިރާގައެވެ. ރިޔާޟުގެ އިސްލާމީ ޝަރީޢާ ކޮލެޖުގައި 9 އަހަރު ދުވަސް ވަންދެން މަސައްކަތްކުރެއްވި އެވެ. އަދި އޭގެފަހުން ނައިބު ރައީސެއްގެ ގޮތުގައި މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވިއެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން، އެތަނުގެ ރައީސްކަމަށް ބަދަލުކުރެވުނެވެ. އޭގެ އިތުރުންވެސް ޝައިޚް ފުރުއްވި މަޤާމުތަކުގެ ތެރޭގައި:

• ސަޢޫދީ ޢަރަބިއްޔާގެ އެންމެ އިސް ޢިލްމުވެރިންގެ ކޮމިޓީގެ ރައީސް.

• ޢިލްމީ ބަޙުޘްތަކާއި ފަތުވާތަކުގެ ދާއިމީ ކޮމިޓީގެ ރައީސް.

• ދުނިޔޭގެ މިސްކިތްތަކާއި ބެހޭ އެންމެ މަތީ މަޖްލިސްގެ ރައީސް.

• ސުޢޫދީ ޢަރަބިއްޔާގައި އިސްލާމީ ދަޢުވަތު ދިނުމުގެ އެންމެ އިސް ކޮމިޓީގެ މެންބަރެއް.

އަދި މީގެ އިތުރުންވެސް އެތައް މަޤާމްތަކެއް ފުރުއްވާފައިވެއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ އެންމެ އިސް މުފްތީގެ ގޮތުގައި 1993މ. އިން ފެށިގެން ނިޔާވުމާއި ހަމައަށް (1999މ. އަށް) ހުންނެވިއެވެ.

މުޖާހިދުންނާއި ޝައިޚް

ފަލަސްޠީނަށް ވެރިވެ އަތްގަދަކޮށްފައިވާ ޔަހޫދީންނާއި ދެކޮޅަށް ޖިހާދުކުރުމަކީ، އެމީހުންގެ ވަޒަނަށް އެނބުރިދަންދެން އެމީހުންނާއި ދެކޮޅަށް ކުރެވޭ އިސްލާމީ ޖިހާދެއްކަމަށާއި، އަދި އެއްބަޔަކު އަނެއްބަޔަކު ކޮނޑާއި ކޮނޑު ޖެހޭ ޙާލުގައި ތިބެގެން މެނުވީ ޙައްލު ނުވާނޭ އިސްލާމީ މައްސަލައެއްކަމަށް ދެކިލައްވާކަމަށް ޝައިޚް ކުރިން ފަޠުވާދެއްވާފައި، ޞުލްޙައިގެ އެއްބަސްވުމެއް ހެދިދާނެކަމަށް ޝައިޚް ފަހުން ފަޠުވާދެއްވުމުގެ ސަބަބުން، ޖިހާދުގެ މައިދާނުގައި ޙަރަކާތްތެރިވަމުންދިޔަ ޝައިޚުންގެ ބަސްތަކާއި ތަޢާރުޟުވެވަޑައިގަތެވެ. އަދި މުޖާހިދު އަޚެއް ކަމުގައިވާ އުސާމާ ބިން ލާދިން (حفظه الله) ގެ ފަރާތުން، ޝައިޚަށް ނަޞޭޙަތްތެރިވެވަޑައިގެން 1994 ވަނަ އަހަރު ސިޓީއެއް ފޮނުއްވިއެވެ. ސިޓީގައި މުޚާޠަބުކުރައްވާފައިވަނީ ފަތުވާދެއްވެވި ޝައިޚުންނަށް ޢާއްމުކޮށެވެ. އެ ސިޓީގައި އެ މައްސަލައިގެ އިތުރުން:

1) ރިބާއަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއްކަމަށް ވިދާޅުވެ، އެކަން ހުއްދަކުރާ ބެންކުތައްފަދަ ތަންތަން ހިންގާ މުއައްސަސާތަކަށް، ސުޢޫދީ ޢަރަބިއްޔާގެ ޙުކޫމަތުން އެކަން ހުއްދަކޮށް "ޝަރުޢު" ކޮށްދީފައިވާ އިރުވެސް، ހުއްދަނޫންކަން އެނގިހުރެ ފާފަވެރިއެއްގެ ގޮތުގައި އެކަން ކުރާ ވެރިއަކާއި، އެކަން ހުއްދަކޮށް ޝަރުޢުކުރާ ވެރިއެއްގެ ތަފާތު މީސްތަކުންނަށް ބަޔާންކޮށްދީފައި ނުވުމުގެ މައްސަލަ.

2) ސުޢޫދީ ޢަރަބިއްޔާގެ ޙުކޫމަތުން ގަލްފު ހަނގުރާމާގައި، ކުވައިތު މިނިވަންކުރުމުގެ ނަމުގައި ޞަލީބީންނާއި، ޔަހޫދީންނާއި ގުޅިގެން މަސައްކަތްކުރުމަށް ފަޠުވާ ދެއްވި މައްސަލަ.

3) ސުޢޫދީ އަރަބިއްޔާގެ ރަސްގެފާނު އިނގިރޭސި ވިލާތުގެ ރާނީގެ އަތުން އެއްވެސް މަޖުބޫރުކަމެއްނެތި ޞަލީބު އަޅައި ދުނިޔެއަށް ހާމަކުރުމުން ވެސް އެކަން ޤަބޫލުކޮށް ހުއްދަކުރި މައްސަލަ.

4) ޝައިޚް ސަލްމާނުލް އަޥްދާ އާއި ސަފަރުލް ޙަވާލީ އެވަގުތު ދެއްވި ދަޢުވަތުގެ ސަބަބުން ތަބަޢުވި ބަޔަކާއި ދެކޮޅަށް ސަރުކާރުން ދޭން ރޭވި ޙަމަލާތަކުގެ ހުއްދަކަމާއިމެދު ފަތުވާ ހޯދި މައްސަލަ.

މީގެ އިރުތުންވެސް އެތައް މައްސަލަތަކެއް ފާހަގަކުރެއްވިއެވެ. އަދި އެ ފަތުވާތަކުގައި ބައިވެރިވެލެއްވި ޝައިޚުންނަށް ޢިލްމީގޮތުން ރައްދުދެއްވިއެވެ. އަދި ޝައިޚް ބައިވެރިވެލެއްވިނަމަ، ބައިވެރިވެލެއްވީ ޝައިޚްގެ ޝަރުޢީ ޢިލްމު ނެތިގެންނޫންކަމާއި، އެކަމަކު އަޞްލު ޙާލަތުގެ ޙަޤީޤަތްތަކާއި (ފުރިހަމަ ޞައްޙަ މައުލޫމާތާއި) އެފަދަ ފަތުވާތަކުން ކުރާނެ އަސަރު އެނގިވަޑައިނުގަތުމުގެ ސަބަބުން ކަމުގައި ހާމަކޮށްފައިވެއެވެ. އަދި ޤުރުއާނާއި ސުންނަތާއި އަދި ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކުގެ އަލީގައި ނަޞޭޙަތްތެރިވެފައި ވެއެވެ. އަދި ސިޓީ ނިންމާލަމުން، ނަޞޭޙަތުގެ ރިވެތި ބަސްތަކެއްކަމުގައި ޤަބޫލުކުރެއްވުމަށް ވެސް އެދިލައްވާފައިވެއެވެ.

ޝައިޚްގެ ފަރާތުން އުސާމާ ބިން ލާދިން ޝާމިލްވާގޮތަށް ދެއްވި ފަތުވާގައި، މިއިން އެއްވެސް ކަމަކަށް ޚާއްޞަކޮށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެކަމަކު، އެތަނުގެ އެހެން ސިޔާސީ އަދި ސެކިއުލާ މީހުންނާއި އެއް ފަންތިއެއްގައި އުސާމާ ބިން ލާދިން ގެންނަވާ، އެމީހުންގެ ނުބައިތަކުން ދުރުހެލިވުމަށް ގޮވާލެއްވިއެވެ. މީގެ ސަބަބެއްކަމުގައި، ސުޢޫދީ ޢަރަބިއްޔާގެ ޙުކޫމަތުން ޝައިޚަށް އެންމެ ފުރިހަމަ ގޮތުގައި މައުލޫމާތު ފޯރުކޮށްދީފައި ނުވުމަކީ އެކަށީގެންވާކަމެކެވެ. އަދި އޭގެ ބަދަލުގައި އުސާމާ ބިން ލާދިން އާ މެދު ދޮގު ޚަބަރުތަކެއް ދީފައިވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އަދި އެހެންކަމުން، އުސާމާ ބިން ލާދިންގެ ނަމުގައި މުޖާހިދުންގެ ފަރާތުން ޝައިޚަށް ހުށައެޅި ޢިލްމީ ނަޞޭޙަތްތަކަށް، ޢިލްމުވެރިއެއްގެ ޙައިޞިއްޔަތުން ޢިލްމީގޮތުން އެކަންކަން އޮތްގޮތް ވަކިވަކިން ބަޔާންކުރުމުގެ ބަދަލުގައި، އެހެންގޮތަކަށް ފަތުވާ ދެއްވެވީ އެފަދަ އޮޅުންތަކެއް ހުރުމުންކަމަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މި ފަތުވާގެ ސަބަބުން، އިސްލާމީ އުއްމަތުގެ ނިކަމެތިކަމުން ޢިއްޒަތަށް ގެންނަން މަސައްކަތް ކުރަމުންދާ، އެބައެއްގެ ލެޔާއި މުދާ ﷲ ގެ މަގުގައި ހޭދަކޮށް، ހިޖުރަކޮށް، ޢަދުއްވުންނާއި ދެކޮޅަށް ޖިހާދުކުރަމުންދާ މުޖާހިދުންނަށް ބަދުބަސްތައް ބުނެ، ޚަވާރިޖުންގެ ނަމުން ޚުދު، ޝައިޚް ނިޞްބަތްކޮށްފައި ނުވާއިރު ވެސް، އުއްމަތުގެ ބައެއް ހައްދުފަހަނައަޅާފައިވާ މީހުންވަނީ، އެއްވެސް ބެލުމެއްނެތި މުޖާހިދުންނަކީ ޚަވާރިޖުންކަމުގައި ހަދައި، ތަކްފީރުކޮށް ހަދަން ފަށާފައެވެ. އަދި އުސާމާ ބިން ލާދިން "އަލްޚާރިޖީ" ފަދަ ނަންތަކުން ނިސްބަތް ކުރަން ވެސް ފަށާފައެވެ.

ނިޔާވުން

ޝައިޚް ނިޔާވީ 1999މ. ވަނަ އަހަރުގެ މޭ މަހުގެ 13 ވަނައަށްވީ ބުރާސްފަތި ދުވަހުއެވެ. އޭރު ޢުމުރުފުޅުން 89 އަހަރެވެ. ޝައިޚުގެ ޖަނާޒާ ބޭއްވުނީ ހުކުރު ނަމާދުގެ ފަހުގައި، މައްކާގެ މަސްޖިދުލް ޙަރާމްގައެވެ. އަދި ފަސްދާނުލެވުނީ މައްކާގައެވެ. ޝައިޚް ނިޔާވިއިރު، ދެ އަނބިކަބަލުންނާއި، ހަތަރު ފިރިހެން ދަރިކަލުންނާއި، ފަސް އަންހެން ދަރިކަނބަލުން ތިއްބެވިކަމަށްވެއެވެ.

ﷲ ޝައިޚްގެ ފާފަތައް ފުއްސަވައިދެއްވައި ޝައިޚަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި ޝައިޚް ދީނަށްޓަކައި ކޮށްދެއްވި ޚިދުމަތްތައް ޤަބޫލުކޮށްދެއްވާށިއެވެ. އާމީން

ލިޔުން ނަގާފައިވަނީ: ކްލިކްފޯ އިސްލާމް އިން

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Friday, July 02, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒު (رحمه الله) -- - 1330 ހ. – 1420ހ. އަށް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް