އެންމެ ފަހުގެ

|

ޖިންނިއަކާއި އެކު ދެކެވުނު ވާހަކަތަކެއް!


އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. މިހެންކަމުން އަހަރެންނަށް ދިމާވި މިޙާދިޘާ ތިއަޚުންނާއި އުޚްތުންނާއި އެކު ޙިއްޞާ ކޮށްލާނަމެވެ. މިއީ ތިޔަ އަޚުންނާއި އުޚްތުންގެ އީމާންތެރިކަން އިތުރުކޮށްދޭނެ ފަދަ ހަދިޔާއެއްކަމަށް ވާނެކަމުގައި އުއްމީދު ކުރާ ޙާލުގައެވެ.

ފާއިތުވެދިޔަ މަހުގައި އަހަރެން ޕާކިސްތާނަށް ކުރިދަތުރެއްގައި ޖިންނި އަވަލާފައިވާ އަންހެން ކުއްޖަކަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. އަހަރެން މިކަމުގެ ހުރިހާ ތަފްޞީލެއް ކިޔައިދޭކަށް ނެތީމެވެ. އަހަރެމެން އެތަކެއްޗާއި މެދު ގިނަގިނައިން އަޑުއަހާ ނަމަވެސް ދެކިފައިނުވާ، ﷲ ތަޢާލާގެ ޚަލްޤުތަކުގެ ތެރެއިންވާ މިޖިންނިއާއި އަހަރެންނާއި ދެމެދު ދެކެވުނު ވާހަކަ ތަކަކީ ޙިއްޞާކޮށްލުން ޙައްޤު ވާހަކަ ތަކެއްކަމުގައި ދެކެމެވެ. މިދެކެވުނު ވަހާކަތައް ދެކެވިފައިވަނީ އުރުދޫ އަދި ޕަންޖާބީ ބަހުންނެވެ. މިލިޔުމުގައި މިހިމަނާލަނީ ހުރިހާ ވާހަކަތައް ފުރިހަމަކޮށްނެއް ނޫނެވެ. ނަމަވެސް އޭގެ ބައިތަކެކެވެ.

އަހަރެން ބަންގިންނާއި ޤުރުއާނުގެ ބައެއް އާޔަތްތަކުން ފެށީމެވެ. އޭތި (ނުވަތަ އޭނަ) ދެކޮޅުހެދުން ހުއްޓާލާ އަހަރެންނާ ވާހަކަ ދެއްކުމަށް އެއްބަސް ކުރުވުމަށެވެ. އެއީ ސީތާ ކިޔާ އަންހެން ޖިންނިއެކެވެ. އޭނާ މުސްލިމް އަންހެން ކުއްޖަކަށް ހައެއް ނުވަތަ ހަތް އަހަރު ވަންދެން ގޯނާ ކޮށްފިއެވެ. އެއީ އޭނާ އަމިއްލަ އަށް ފެށިކަމެއް ނޫނެވެ. އެހެންނަމަވެސް މީހަކު ސިހުރު ހަދައިގެން އޭނާ މެދުވެރި ކުރުވީއެވެ. ނަޞޭހަތެއްގެ ގޮތުން އަހަރެން އެންމެ ފުރަތަމަ އޭނާއަށް އިސްލާމް ވުމަށް ގޮވާލީމެވެ. ކަންދިމާ ކުރިގޮތުން އެފަހަރަކީ މީހަކު އޭނާއަށް އިސްލާމްވުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ކުޑަ ސިހުމެއް ލިބުނެވެ.

ސީތާ: ”އަހަންނަށް މުސްލިމަކަށް ވެވޭނީ ކިހިނެއްހެއްޔެވެ.؟“

އަހަރެން: ”ނުވެވޭންވީ ކީއްވެހެއްޔެވެ؟ ކޮންމެ މީހަކަށްވެސް މުސްލިމަކަށް ވެދިދާނެއެވެ.“

ސީތާ: ”އެކަމަކު އަހަރެންނަކީ ވަރަށް ނުބައިނުލަފާ އެއްޗަކީމެވެ. އަދި އަހަރެން ވަރަށް ގިނަ ނުބައި ޢަމަލުތައްވެސް ކޮށްފައިވާނެއެވެ.“

އަހަރެން: ”އެއީކީ މައްސަލެއްނޫނެވެ. ކަލޭ އިޚްލާޞްތެރިކަމާ އެކު ތަޥްބާ ވެއްޖެނަމަ ކަލެއަށް ފާފަ ފުއްސަވާ ދެއްވަވާނެއެވެ. އަހަރެންގެ ރައްބަކީ ގިނަގިނައިން ފާފަފުއްސަވާ ދެއްވާ އިލާހެވެ.“

ސީތާ: ”އެކަމަކު އަހަރެންމީ ޤަރުނުތަކެއް ވަންދެން ހިންދޫ އެއްކަމުގައިވީ އެއްޗެކެވެ. މިހާރު އަހަންނަކަށް ބަދަލެއް ނުވެވޭނެއެވެ.“

އަހަރެން: ”އިސްލާމްދީނަކީ ޙައްޤުދީންކަން ކަލޭ ޤަބޫލުކޮށްފިނަމަ ހަމަޔަޤީނުންވެސް ކަލެއަށް ބަދަލުވެވޭނެއެވެ. ކަލޭ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް އިސްލާމްދީނާއި ބެހޭގޮތުން އޮޅުން ފިލުވަންވީ ނޫންހެއްޔެވެ؟ ކަލެއަށް ނުލާހިކު އަވަހަށް، ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ބާރު ލިބިގެން ވޭނޫންހެއްޔެވެ؟ މިކަން ހޯދާ ބަލައިފިނަމަ ކަލޭފަދަ ޖިންނީން (އެހެންނަމަވެސް މުސްލިމް) ފެންނާނެއެވެ. އެމީހުންނާއި ވާހަކަދައްކާ އަހާބަލަށެވެ. އެމީހުން ކަލެއަށް ދަސްކޮށްދޭނެއެވެ.“

ސީތާ: ”އާ، އަހަންނަށް އިނގެއެވެ. (މުސްލިމް ޖިންނީންގެ) ބޮޑެތި ޤާފިލާ ޤާފިލާތައް އަހަރުމެންގެ ކައިރިންލާފައި ދެއެވެ. އަހަރުމެން އެތަކެއްޗަށް މަލާމަތްކޮށްހަދާ އުޅެމެވެ.“

سبحان الله! އެނާ މިހެން ބުނުމުން ހަމަހަޤީޤަތުގައިވެސް އަހަރެން ވަރަށް އަޖައިބުވިއެވެ. އެކަމުން އަހަރެންގެ ހަނދާނަށް އައީ ޖިންނި ސޫރަތުގެ ފުރަމަ އާޔަތެވެ.
”قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا“
”ކަލޭގެފާނުވިދާޅުވާށެވެ! ޖީންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެބައިމީހުންގެ ޤައުމުގެ މީހުންނަށް) އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖައިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމެވެ.“
(ސޫރަތް އަލްޖިން - 1)

އަހަންނަށް ސިފަވެގެންދިޔައީ ޖިންނީންގެ ބައިގަނޑެއް، އަދި މިހާރުވެސް އެމީހުން ޤާފިލާތަކުގައި ދަތުރުކުރަމުންދާ މަންޒަރެވެ.

އަހަރެން: ”ކަލޭމެން އުޑުތަކަށް އަރާ މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަފުޅު އަޑުއެހުމަށް މަސައްކަތް ކުރާއި ކަލޭމެންނަށް މަލާއިކަތް ބޭކަލެއް ފެނިފައި ނުވޭހެއްޔެވެ؟“

ސީތާ: ”އާނ، އެބޭކަލުން އަހަރެމެންނާއި ދިމާލަށް ހިލަ އުއްކަވައެވެ. އަހަރެންގެ ގައިގައި އެހިލަތަކުން އެތައް ފަހަރަކު ޖެހިފައިވެއެވެ. އޭގެން ހިލަޔަކުން ޖެހި އަހަރެންގެ އަތްވެސް ބިންދައިގެން ގޮސްފައިވެއެވެ.“

ހިނދުކޮޅަކަށް އަރެންގެ ވިންދު ހުއްޓުނު ކަހަލައެވެ. އަހަރެންގެ އަމިއްލަނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އުޑާދިމާލަށް ބަލަން ގަނޑުވެފައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އުޑުގެ މަތީގައި، ﷲ ތަޢާލާގެ ވަރުގަދަ ފާރަވެރިން ކަމުގައިވާ މަލާއިކަތުން، އެއުޑުތައް ދިފާޢުކޮށް ހިމާޔަތް ކުރުމުގައި ދެމިތިއްބަވައެވެ. އެބޭކަލުން ގިނި ހިލަތައް (ސީތާ ބުނިފަދައިން) އެއުޑުތަކަށް އެރުމަށް މަސައްކަތް ކުރާ ޝައިޠާނުންނާއި ދިމާއަށް އުއްކަވައެވެ. ޤުރާނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ތަޢާރުޟު ވުމެއް ނެތިއެވެ.
”وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا . وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَنْ يَسْتَمِعِ الآنَ يَجِدْ لَهُ شِهَابًا رَصَدًا“
”އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމެވެ. ފެހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނަހިލަތަކުން ފުރިފައެވެ. އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެއަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނަހިލައެކެވެ.“
(ސޫރަތް އަލްޖިން: 8-9)

”إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ . وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ . لا يَسَّمَّعُونَ إِلَى الْمَلإ الأعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ . دُحُورًا وَلَهُمْ عَذَابٌ وَاصِبٌ . إِلا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ“
”ހަމަކަށަވަރުން، ތިމަންއިލާހު އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން އެއުޑު ރައްކާތެރިކުރެއްވީމެވެ. މަތިވެރިވެގެންވާ ޖަމާޢާތުން ދައްކަވާ ވާހަކަފުޅަށް (އެބަހީ: މަލާއިކަތުން ދައްކަވާ ވާހަކަފުޅުތައް) އަޑުއެހުމަކަށް އެޝައިޠާނުންނަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެޝައިޠާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެއެވެ. ބޭރުކޮށް ފައްސާލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ. ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފިނަމަ، ޝައިޠާނަކު މެނުވީއެވެ. ފަހެ، އެޝައިޠާނާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުއްޓެވެ.“
(ސޫރަތް އައްޞާއްފާތު: 6-10).

ﷲ ގަންދީ ހުވާކޮށްބުނަމެވެ. މިބަސްތައް މީހަކަށް އަޑުއިވިއްޖެ ނަމަ، ފަހެ އެމީހެއްގެ ލޮލުން ކަރުނަތައް ފުރި އޮހޮރިގެން ނުދާންވީ އެއްވެސް ސަބަބެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. އުފާވެރިކަމުގެ ކަރުނަތަކެވެ. ފުދިގެންވާ އުފާވެރިކަމެއްގެ ހިތްހަމަޖެހުމެވެ. سبحان الله! ޣައިބުގައިވާ (ލޯތަކަށް ވަންހަނާވެގެންވާ) ކަމެއްގެ ވާހަކަ އެކަން ދެކިފައިވާ އެކަންތައްތަކަށް އީމާންނުވާ އެކަން ޤަބޫލު ނުކުރި އެއްޗެއްގެ ދުލުންކިޔާދެވުނު ހިނދެވެ. އަދި މިވާހަކަ އަޑުއަހާމީހާއަށް ކުރާނެ އަޘަރާއިމެދު ފިކުރު ހިންގާލުމެއްވެސް ނެތިއެވެ. ހަމައެކަނި އަހަންނެއް ނޫނެވެ. އަހަރެން ދުނިޔޭގައި ދިރި ހުރިހާ ހިނދަކު އަހަރެންގެ ފަރާތުން މިވާހަކަ އަޑު އަހާނޭ ކޮންމެ މީހެކުވެސް މެއެވެ.

އަހަރެންނާއި މިޖިންނިއާއި ދެމެދު ދެކެވުނު ވާހަކައިން، އޭނާއަކީ ސިކުންގެ ތެރެއިންވީ އެއްޗެއްކަމާއި، އޭނާ، (މިހާރުމަރުވެފައިވާ) ހިންދޫ (ފިރިހެން) ޖިންނިއަކާ ކައިވެނިކޮށް އޭތީގެ ދީނަށް ބަދަލު ވީކަން އެގުނެވެ. އަދި އޭނާ ޤަބޫލު ކުރީ ފިރިމީހާގެ ދީނަކީ އޭނާގެވެސް ދީން ކަމެވެ. އަދި އޭނާއަކީ މަރުވެފައިވާ ނުބައިމީހެއްގެ ފުރާނަކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއެވެ. މީގެ ކުރިން އޭނާއާއި ދިމާވި އެންމެންނަށް ވެސް މިފަދައިން ބުނެ އޮޅުވާލަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އޭނާ ހަދަމުން ދިޔަ ދޮގުތަކަށް ރައްދުދޭން ފެށުމުން އޭނާ އަދި މަރުނުވާކަމަށް އެއްބަސް ވިއެވެ.

އޭނާ މިކަމާއި (އަހަރެން އޭނާއަށް ހުށައެޅި ކަންތައްތަކާއި) މެދު ވިސްނުމަށް ފުރުޞަތު ދިނުމަށް އޭނާ އަހަރެން ގާތުގައި އެދުނެވެ. އެހެން ނަމަވެސް އަހަރެން އޭނާއަށް މަރާއި ޤިޔާމަތް ދުވަހާއި ބެހޭގޮތުން ހަދާން ކޮށްދިނުމުން، ޢާއްމުގޮތެއްގައި އެސޮރުމެން ބުނަމުން އަންނަ ބުނުމެއް އޭނާވެސް ބުންޏެވެ. ”އަހަރެމެން އުފެދިފައިވަނީ އަލިފާނުން ކަމުގައިވާއިރު، އަލިފާނުން އަހަރުމެންނަށް ޢަޛާބު ދެވޭނީ ކިހިނެއް ހެއްޔެވެ؟“; އެކިފަހަރުމަތިންވެސް އޭނާ ބުނީ އޭނާގެ ދީން ބަދަލުކުރުމަށް ބޭނުން ނުވާ ވާހަކައެވެ. އެންމެ ފަހުން އޭނާގެ އަޞްލު ޙަޤީޤަތާއި ޠަބީޢަތް ހާމަކޮށްދޭ ފަދަ ބުނުމެއް އޭނާ ބުންޏެވެ.

”ﷲ އީ ޚާލިޤުކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އެއިލާހު ކުރިމަތީގައި ސަޖިދައެއް ނުކުރެވޭނެއެވެ.“

لا حول ولا قوة إلا بالله ހަމަ އެދެކޮޅު ހެދުމެވެ. އެބޮޑާކަމާއި ކިބުރުވެރިކަމެވެ. އިބިލީހަށް، ﷲ އީ އޭނާގެ ޚާލިޤުކަން ޔަޤީންވާ ޙާލުގައި ވެސް ސަޖިދަ ކުރުމަށް ދެކޮޅު ނުހަދާ ހެއްޔެވެ؟
”...فَسَجَدُوا إِلا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ“
”ފަހެ، އިބިލީސް ފިޔަވައި، އެމަލާއިކަތުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެ އަކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ.“
(ސޫރަތް އަލްބަޤަރާ - 34)

ކަލޭ ތިކަންތައް ކުރަނީ ހަމަ ކަލޭމެންގެ ސާހިބާ އިބްލީސް ކަންތައް ކުރިގޮތަށޭ އޭތި ކައިރީ ބުނުމުން އޭނާ ޖަވާބުގައި ބުންޏެވެ.

”އަހަރެމެން އެންމެންނަކީ އެއް ޠަބީޢަތެއްގެ ބައެކެވެ.“ (أعوذ بالله)

މިކަންތައްތަކުން އަހަރެންނަށް ވިސްނުނީ މިސޮރުމެންނަކީ ދެނެގަތުމުގެ ބާރުދަށް ދެކޮޅުހެދުން ގިނަ ބައެއްކަމުގައެވެ. އަދި ﷲ ތަޢާލާގެ މުޢުޖިޒާތްތައް ކުރިމަތިން ފެނުމުންވެސް އީމާންވުމަށް ދެކޮޅުހަދާ ބައެއް ކަމުގައެވެ. އަނެއްކޮޅުން ބަލާއިރު އިންސާނުންނަށް މިޖިންނިތަކަށް ފެންނަ ކަންތައްތައް ނުފެންނަ ހިނދުގައިވެސް އެބައިމީހުންނަށް ވަނީ ދެނެގަތުމުގެ ބާރުގެ ބަރަކާތްތެރިކަން ލިބިފައެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ތެދުކަން ދެނެގަތުމަށާއި ބަލައިގަތުމަށް، ދިރިހުރި މުޢުޖިޒާތެއް ކަމުގައިވާ ޤުރުއާނާއި އެހެނިހެން ބުއްދިޔާއި ސަބަބުތަކާއި ގުޅުން ހުރި ހެކިތައް އިންސާނުންނަށް ލިބިފައިވަނީ މިސަބަބާއިހުރެއެވެ. އެހެންނަމަވެސް އިންސާނާ ދެކޮޅުހަދާނަމަ (އެކަމެއްގެ ސަބަބުން ބޮޑާކަމާއި ދެކޮޅުހެދުމަށް މެދުވެރިކުރާ) މިދެނެގަތުމުގެ ބާރުގައިވަނީ ކޮން ފައިދާ އެއްހެއްޔެވެ.

ޝައިޠާނާގެ ޢަމަލެއްކަމުގައިވާ ދެކޮޅުހެދުމާއި ބޮޑާކަމުން، އަހަރުމެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.

އިބިލީހާއި ބެހޭގޮތުން އޭނާ އިތުރުރަށް ބުނިގޮތުގައި، އިބިލީސް އަތުގައި ފެންމަތީގައިވާ ތަޚްތެއް ވެއެވެ.

ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ.

”އިބިލީސް އޭނާގެ ތަޚްތު ފެންމަތީގައި ބޭންދިއެވެ. ދެން އޭނާ އޭނާގެ މަންދޫބުން އެކިތަންތަނަށް ފޮނުވައެވެ...“ (މުސްލިމް: 5023)

އިބިލީސް އެމީހުންގާތުގައި ތިމަން ޤިޔާމަތް ދުވަހުގައި ތާޖެއް އަޅާނޭކަމަށްވެސް ބުނެފައިވެއެވެ. އަދި ޙައްދެއްނެއް ހެޔޮ ޖަޒާއާއި ނިޢްމަތް ތަކާއިމެދު ވަޢްދުވެފައިވާކަމަށް އޭނާ ބުންޏެވެ.

”ކަލޭގެ ރައްބު ކަލެއަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއި މެދު ވަޢުދުވެވޮޑިގެންފައިވެއެވެ. އަދި އަހަރެމެންގެ އިބިލީސް ވެސް އަހަރުމެންނަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއިމެދު ވަޢްދުވެފައިވެއެވެ.“

ހަމަކަށަވަރުން އޭނާގެ (އިބިލީހުގެ) ވަޢުދަކީ ދޮގުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަދައިންނެވެ.
”وَقَالَ الشَّيْطَانُ لَمَّا قُضِيَ الأمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِي مِنْ قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ“
”އަދި ކަންތައްތައް ނިޔާކުރާހިނދު، ޝައިޠާނާ ބުނާނެއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދުވީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަން ކުޅަ ވަޢުދާ ޚިލާފުވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވާލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.“
(ސޫރަތް އިބްރާހީމް - 22)

އަދި ހަމަޔަޤީނުންވެސް ޝައިޠާނާ، އޭނާއަށް ހެއްލެނިވެގެންވީ މީހުންނަށް ފުރަގަސްދޭނެއެވެ.
”كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ“
”ޝައިޠާނާގެ މިޘާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރުވާށޭ ބުނިހިނދެވެ. ފަހެ، އެއިންސާނާ ކާފިރު ވީހިނދު އެ ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ވަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲއަށް ތިމަން ބިރުގަންނަމެވެ.“
(ސޫރަތް އަލްހަޝްރު - 16)

އިބިލީހުގެ ރީތި ކަމާއި މެދު އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް ވިއެވެ. އޭނާ ތަކުރާރުކޮށް އިބިލީހަކީ ހާދަ ރީތި އެއްޗެކޭ ބުނަމުން ދިޔައެވެ. (أعوذ بالله منه) އަދި ވަރަށް ނުބައިމީހަކު ދައްކާނެ ފަދަ ވާހަކަތައް އެނާ ދެއްކިއެވެ. އަހަރެން އެވާހަކަތައް މީގައި ނުހިމަނާނަމެވެ.

އެޖިންނި އަވަލާފައިވާ އަންހެން ކުއްޖާއަށް ސިހުރު ހަދާފައިވަނީ އޭނާގެ މައްޗަށް އޮތް ހަސަދަވެރިކަމަކާއި ގުޅިގެން އެއަންހެން ކުއްޖާގެ ގާތްތިމާގެ މީހެކެވެ. ﷲ ގަންދީ ބުނަމެވެ. އެދުވަހު އޭނާގެ މައްޗަށް އަހަރެން ފަލަޤް ސޫރަތް ކިޔަވަމުން ގޮސް އެސޫރަތުގެ ފަހު އާޔަތާއި ހަމަޔަށް ކިޔެވުމުން އަހަންނަށް އިޙްސާސް ވަމުންދިޔައީ އެއީ އަހަރެންގެ ޙަޔާތުގައި އެންމެފުރަތަމަ ފަހަރަށް އެއާޔަތް ކިޔެވި ފަހަރުކަމަށެވެ. އެއާޔަތުގެ މާނަ އަހަންނަށް ފުރިހަމަޔަށް ތަޞައްވުރު ވަމުން ދިޔަކަހަލައެވެ. ”އަދި ހަސަދަ ވެރިވާ ހިނދު ހަސަދަ ވެރިޔާގެ ނުބައިކަމުންނެވެ.“

ހަސަދަވެރިކަމުން ނިކުމެދާނެ ނަތީޖާ އަހަރެންނަށް ފެންނަމުން ދިޔައެވެ. ހަސަދަ ވެރިވާ މީހާގެ ނުރައްކައުތެރިކަމާއި ބިރުވެރިކަން އަހަރެންނަށް ފެންނަމުން ދިޔައެވެ. (أعوذ بالله) އެދުވަހު އަހަރެންނަށް، ނުބައި ލޯތަކުންނާއި ހަސަދަވެރިންގެ ކިބައިން ރައްކާތެރި ވުމަށް ކުރާ ދުޢާއާއި ހެދުނާއި ހަވީރުގެ ޛިކުރުތަކުގެ މުހިއްމުކަން ވިސްނުނެވެ.

އަހަރެންނަށް މިޙާދިޘާގެ ކުރިން އެނގިފައިވާ ޖިންނީންގެ ވާހަކަތަކެއްވެސް ހިމަނާލާނަމެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ބިލާލް ފިލިޕްސްގެ ފޮތްތަކުންނާއި، ޝައިޚް ޔާސިރް ޤާދީގެ އަޤީދާ ކްލާސްތަކުން އަހަރެންނަށް އެގިފައިވާ އަދި، ސީތާ އާއި ދެކެވުނު ވާހަކަތަކުން ޔަޤީންކަން އިތުރުވި ވާހަކަތަކެވެ.

އޭނާއަށް (ސީތާއަށް) އެއަންހެން ކުއްޖާ ދޫކޮށްލެވޭނީ އޭގެ ބަދަލުގައި އެހެން މީހެއްގެ މައްޗަށް ބާރުފޯރުވާގޮތަށް ކަމުގައި ބުންޏެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.

”މީހުންނަށް ގޯނާ ކުރުމަކީ އަހަންނަށް ހިތްހަމަޖެހުމާއި މަޖާކަން ލިއްބައިދޭ ކަމެކެވެ.“ ( أعوذ بالله)

އޭނާ، އޭނާގެ މައްޗަށް ސަމާލުކަން ލިބުމަށް ބޭނުންވެއެވެ. އެނާ އެހާ ވާހަކަ ގިނަ ކުރީވެސް އެސަބަބާއި ހުރެއެވެ. ކޮންމެއަކަސް އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން (އޭނާއަށް ވީވަރަކުން) އޮޅުވާލާ މަކަރު ހެދުމަށް މަސައްކަތް ކުރި ދޮގުވެރިއެކެވެ.

އެއަންހެން ކުއްޖާ ފާޚާނައިގައި ވަނިކޮށް އޭނާ އެކުއްޖާގެ މައްޗަށް ވަރަށް ބޮޑަށް ގަދަވެގެންފައިވެއެވެ. ތެދުތެދަށް ބުނާނަމަ އެވާހަކަތަކުން ގިނަވާހަކަ ތަކަކީ ވަރަށް ބިރުވެރި ވާހަކަތަކެވެ. އަހަރެން އެވާހަކަތަކެއް ނުހިމަނާނަމެވެ. އަހަރެންގެ އިޚްލާޞްތެރި ނަޞޭހަތަކީ ފާޚާނާއަށް ވަންނަ ހިނދުގައި ކިޔާ ދުޢާ ކިއުމަށް އެއްގޮތަކަށްވެސް ހަނދާން ނައްތާ ނުލުމެވެ.

މިވާހަކަތަކުގެ އިތުރުން އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަހުރިހާ އެންމެނަށްވާ ނަޞޭހަތެއް ހިމަނާލާނަމެވެ. ﷲ އާއި މެދު ވަރުގަދަ އީމާން ތެރިކަމެއް ބޭއްވުމާއި އެއިލާހަށް ހަމައެކަނި ތަވައްކަލް ކުރުމަކީ ޝައިޠާނާއާއި ދެކޮޅަށްވާ ވަރުގަދަ ހަތިޔާރެކެވެ. އަހަރެންނަށް އެއަންހެންކުއްޖާ ހުއްދަ ދީފިނަމަ، އޭނާއަށް އެޖިންނި ގޯނާ ކުރަން ފެށިއިރު އޭނާ އުޅެމުންއައި ގޮތާއި ފަހުން އޭނާގެ އީމާންތެރިކަން އިތުރުވުމުގެ ސަބަބުން އެޖިންނި ބަލިކަށިވެފައިވާ މިންވަރާއި މެދު އަހަރެން ތިއަޚުންނާއި އުޚްތުންނަށް ކިޔައިދިނުމަށް ބޭނުމެވެ.

އެރިވެތި (ހެދުނާއި ހަވީރުގެ އަދި އެހެނިހެން) ދުޢާތަކާއި ޛިކުރުތަކަކީ ހަމަކަށަވަރުންވެސް މުއުމިނުންގެ ކިއްލާއެކެވެ. ތެދުތެދަށް ބުނާމަ (ﷲ ގެ ޢިޛްނަފުޅާއިއެކެ) ހަމައެކަނި އަހަރެމެންނަށްވާ ދިފާޢުއަކީ މިއީއެވެ. އެކަމަކު އެކަންތައްތައް އެއީ އަހަރެމެންނަށް ލިބޭ ބާރަކަށްވާހުށީ ފުރިހަމަ ޔަޤީންކަމާއި ވަރުގަދަ އީމާންތެރިކަމާއެކު (އިޚްލާޞްތެރިކަމާއެކު) އެދުޢާތައްކޮށް ޛިކުރުތައް ކުރުމުންނެވެ.

ނަމާދަށް ފަރުވާތެރިވެ ޤުރާއާން ކިޔަވާ ހަދާށެވެ. ޤުރާއާން ކިޔަވާ ހެދުމަށް ހަނދުމަނެތި ކޮށްނުލާށެވެ. ސަބަބާކައި ހުރެ ނުކިޔެވޭނަމަ ކޮންމެ ދުވަހަކުވެސް ގޭގައި ޤުރުއާން ޖަހާފައި ބަހައްޓައިގެން އަޑު އަހާށެވެ. ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުން ކުރަންޖެހޭ ޛިކުރުތައް ދޫކޮށް ނުލާށެވެ. (އެއީ ޝައިޠާނުންނަށް ތިބާއާއިއެކު ގެއަށް ވަނަ ނުދިނުމަށްޓަކައެވެ.) ކެއުމުގެ ކުރިން ﷲ ގެ ނަންފުޅު ގަތުމާއި، ފާޚާނާއަށް ވަނުމުގެ ކުރިން ކިޔާ ދުޢާއާއި، ޚާއްޞަކޮށް ނިދުމުގެ ކުރިން ކުރާ ޛިކުރުތައް މަތިން ހަދާން ނައްތާ ނުލާށެވެ. އިންސީންނާއި ޖިންނީންގެ ތެރެއިންވާ އެންމެހައި ޝައިޠާނުންގެ ފިތުނައާއި ނުބައިކަމުން، ﷲ ތަޢާލާ، އަހަރެމެން ސަލާމަތް ކުރައްވާށިއެވެ! އަހަރެމެންގެ އަނބިދަރިންނާއި ޢާއިލާއާއި އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާންދޭވެ!

އެންމެ ފަހު އަދި އެންމެ މުހިއްމު ވާޖިބެއްކަމުގައި ދެކެނީ އަހަރެންނަށް މިކަންތައްތައް އޮޅުންފިލުވާދީ އުގަންނާއިދީ މިކަންތައްތައް ކުރަންވީގޮތް ކިޔާދީ ހެއްދެވުމަށް އެބޭފުޅާގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވިކަމަށްޓަކައި، ﷲ تعالى ޙަޟްރަތުން ޝައިޚް ޔާސިރް ޤާދީއަށް ހެޔޮޖަޒާދެއްވުމަށް އެދި ދުޢާކުރުމެވެ.

ކްލިކްފޯ އިސްލާމް އިން ނަކަލު ކުރެވިފައި.......

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Wednesday, May 19, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޖިންނިއަކާއި އެކު ދެކެވުނު ވާހަކަތަކެއް!"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް