އެންމެ ފަހުގެ

|

ގެއްލުންދެނިވި " ބަނގުރާ" ބުއިމަށް ތިޔަބައިމީހުން ލޯބި ކުރަނީ ހެއްޔެވެ؟



ދި-ބުރުނު:
މިއަދު އަހަރެމެންގެ މުޖުތަމައުގައި އެންމެ އަޑު ހަރުކޮށް އިވޭ އެއް ވާހަކަ އަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން އާއްމު ކުރާ ވާހަކައެވެ. މިފަދަ ކަމެއް ކުރުމުގެ ކުރިން މިކަމުން ލިބިދާނެ ގެއްލުންތަކަކާ ދޭތެރޭ ކިހާވަރަކަށް ވިސްނާލިބާވައެވެ. ބަނގުރާ ބުއިމުން ލިބޭ ގެއްލުން ތަކާ ދޭތެރޭ ވިސްނާލީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟ އެއީ އިސްލާމް ދީނުގައި ހަރާމް އެއްޗެއްކަން އެނގި ހުރެ އެއާ ގާތްވާން ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ؟ ނިކަން ޖަވާބު ދެއްވަ ބައްލަވާށެވެ. ބަނގުރާ ބުއިމުގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ވާހަކަ އަޅުގަނޑުވެސް ދައްކާލާނަމެވެ. އަދި އިސްލާމް ދީނުގައި ބަނގުރަލާ ބެހޭ ގޮތުން އައިސްފައިވާ ވާހަކަތައްވެސް ތަކުރާރު ކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.


"އަލްކަހޯލް" މިބަހަށް އަރަބި ބަހުގައި ބޭނުން ކުރެވެނީ " ޚަމްރު" މިހެންނެވެ. އަހަރެމެން މިކިޔާ ބަނގުރާ ބޭނުން ކުރެވެނީ ޚަމްރު ގެ މާނައިގައެވެ. އެއީ ތަފާތު ވައްތަރުގެ މޭވާގެ ދިޔަ ފެލައިގެން ތައްޔާރު ކުރާ ބުއިމެކެވެ. އަދި އެ ބޭނުން ކުރުމުގެ ސަބަބުން މީހާގެ ހަމަ ބުއްދި ފިލާދާ އެއްޗެކެވެ.
ޖާހިލިއްޔަ ޒަމާނުގައި ރަލަކީ ވަރަށް އާއްމު އެއްޗެކެވެ. ކަމަކާ ހާސްވެ ކަންބޮޑުވުމުން ބޯހަމަ ޖައްސާލުމައްޓަކާ އެޒަމާނުގެ މީހުން ބަނގުރާ ބޮއެ އުޅުނެވެ. ބަނގުރާ އެމީހުންގެ ތެރޭގައި އާއްމުވެފައި ވުމުގެ ސަބަބުން އެދުވަސްވަރު އެމީހުންގެ ތެރޭގައި ތަފާތު އިޖުތިމާއި މައްސަލަތައް ވަނީ އުފެދިފައެވެ. އަނބިންނަށް އަނިޔާ ކުރުމާއި، ތަޅާފޮޅުމާއި، ފޭރުން އެމީހުންގެ ތެރޭގައި ވަނީ އާއްމުވެފައެވެ. މިހެން ކަންތައް ވެފައި ވަނިކޮށް މާތް ނަބިއްޔާ ރަސޫލު ކަމައިގެން ފޮނުއްވެވިއެވެ. ރަސޫލާ ހަދީސް ކުރައްވަނީ ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމަ ކަމުގައެވެ. އަދި ރަލާއި ބެހޭ ގޮތުން ބާވާ ލެއްވުނު ފުރަތަމަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ މި ފަދައިންނެވެ. " وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ" މާނަ އަކީ: " އަދި ކަދުރު ރުކުގެ މޭވާ އާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައި މީހުން ބޭނުން ކުރަމުއެވެ. ހަމަކަށަވަރުން ވިސްނާ ބަޔަކަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ." (ނޯޓް: މި އާޔަތް ބާވާ ލެއްވުނީ ރާ ހަރާމް ކުރެއްވުމުގެ ކުރިންނެވެ.) މިޔާޔަތް ބާވާލެއްވުމުން މުސްލިމުންގެ ތެރެއިން ބައެއް މީހުން ރަލާއި ބެހޭގޮތުން މައުލޫމާތު ހޯދަންފެށިއެވެ. އަދި ރަލާއި ބެހޭގޮތުން ސުވާލު ކޮށް އުޅުނެވެ. މިކަން ބާޔާން ކުރައްވާ ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވަނީ: " يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ..." މާނަ އަކީ: " ރާ އާއި ޖުވާ ކުޅުމާމެދު އެއުރެން ކަލޭގެފާނާއި ސުއާލު ކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރި ވުމަކާއި، މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ އެދެކަމުގެ ފާފަވެރިކަން މާބޮޑެވެ." މި އާޔަތް ބާވާލެއްވުމުން މުސްލިމުންގެ ތެރޭގައި ތިބި ވިސްނޭމީހުން ރާބުއިން ހުއްޓާލިއެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ، މުސްލިމުންގެ ތިންވަނަ ހަލީފާ އުޘްމާނުގެ ފާނެވެ. އިސްވެދިޔަ ކަންތައްތަކަށް ވިސްނާލުމުން ރަލަކީ ފައިދާ ކުރުވާއެއްޗެއް ނޫންކަން ހާމަވެއްޖެއެވެ.
ރަލާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ދެން ބާވާލެއްވުނު އާޔަތަކީ: " يَا أَيُّهَا الَّذِينَ آمَنُواْ لاَ تَقْرَبُواْ الصَّلاَةَ وَأَنتُمْ سُكَارَى حَتَّى تَعْلَمُواْ مَا تَقُولُونَ " މާނައަކީ: " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން މަސްތުވެގެން ހުރެ ނަމާދާއި ކައިރި ނުވާށެވެ. އެއީ (ނަމާދުގައި) ތިޔަބައި މީހުން ކިޔާ އެއްޗިހި ތިޔަބައިމީހުންނަަށް އެނގުމަށް ޓަކައެވެ." މި އާޔަތް ބާވާލެއްވުމުން ރާބުއިމާ ބައެއްމީހުން ދުރުވިއެވެ. އެއީ މަސްތުވެގެން ހުރެ ނަމާދު ނުކުރެވޭނެތީއެވެ. މުސްލިމުންގެ މައްޗައް ރެޔަކާ ދުވާލު 5 ނަމާދު ވަނީ ފަރުޟު ކުރައްވާފައެވެ. އެހެން ކަމުން ފަސްނަމާދު ބަރާބަރަށް ކުރާ މީހަކަށް ރާ ބޮއެ މަސްތު ވުމަކީ ފަސޭހަ ކަމަށް ނުވާނެއެވެ.
މުސްލިމުންގެ ތެރޭގައި މިހެން ކަންތައް ހިނަގަމުން އަންނަނިކޮށް ރަލަކީ ހަރާމް އެއްޗެއްކަން ބަޔާން ކުރައްވާ މާތް ﷲ ވަހީ ކުރައްވަނީ މިފަދައިންނެވެ. " يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ" އަދި " إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللّهِ وَعَنِ الصَّلاَةِ فَهَلْ أَنتُم مُّنتَهُونَ " މި ދެއާޔަތުގެ މާނައަކީ: " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަ ކަށަވަރުން ރާއާއި، ޖުވާ ކުޅުމާއި، އަޅުކަން ކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ބަލަން ގެންގުޅޭ ދުނިދަނޑި ތަކަކީ شيطان އާގެ އަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެތަކެއްޗާ ދުރުވެ ގަންނާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ." ދެވަނަ އާޔަތުގެ މާނަ: " شيطان އާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން ތިޔަބައި މީހުންގެ މެދުގައި ޢަދާވާތް ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދިމަ ކުރުމާއި، ނަމާދު ކުރުމަށް ތިޔަބައި މީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައި މީހުން ތިޔަ ތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ ހުއްޓާލާށެވެ!)" މި އާޔަތް ބާވާ ލެއްވުމުން މަދީނާގައި ތިބި މުސްލިމުން ރާބުއިން ހުއްޓާލިއެވެ. އަދި އެމީހުންގެ އަތުގައި ރައްކާކޮށްފައިހުރި ރާ ތައްވެސް އުކާލިއެވެ. އެދުވަހު މަދީނާގެ މަގުތަކުގައި ރަލުގެ ކޯރު ހެދުނުކަމަށް ވެއެވެ.
މިހާ ހިސާބަށް އައި އިރު މި ބަޔާން ކުރެވުނީ އިސްލާމްދީނުގައި ރަލާއި ބެހޭގޮތުން އައިސްފައި ހުރި ވާހަކަ ތަކެވެ. ދެން މި ބަލާލަނީ ސައިންޓިފިކް ނުވަތަ މެޑިކަލީ ގޮތުން ރަލަކީ ކިހާވަރެއްގެ އެއްޗެއްތޯއެވެ.
ޝައްކެއްވެސް ނެތެވެ. ރާ ބުއިމުގެ ސަބަބުން މީހާގެ ހަށިގަނޑަށް ހީ ނުކުރާހާ ގިނަ ގެއްލުން ތަކެއް ލިބެއެވެ. އެ ބޯ މީހާގެ ނާރު ތަކަށާއި ވިސްނުމަށް ރަލުގެ ސަބަބުން އަސަރު ކުރުވައެވެ. މިގޮތުން ކުރާ އަސަރު އެ ބޭނުން ކުރާ ރަލުގެ ބާވަތުން ތަފާތުވެދާނެއެވެ. އަދި އެމީހެއްގެ އުމުރުގެ ގޮތުން ވެސް އަސަރު ކުރާ މިން ވަރު ތަފާތެވެ. ރަލުގެ ސަބަބުން މީހާގެ ސިއްހަތައް ލިބޭ ގެއްލުންތައް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި ލިބޭ ގެއްލުންތަކާއި، ދިގު މުއްދަތެއްގެ ތެރޭގައި ލިބޭ ގެއްލުމެވެ. މިގޮތުން ބަލާއިރު ކުރުމުއްދަތުގެ ތެރޭގައި ލިބޭ ގެއްލުންތަކަކީ:
1- ރާ ބޮއެގެން ހުރެ އެއްޗެއް ދުއްވައިފިނަމަ އެކްސިޑެންޓް ވުމުގެ 30 ޕަސެންޓް އޮވެއެވެ.
2- އަލިފާނުގެ ހާދިސާއަކާ ކުރިމަތިލާން ޖެހުމުގެ 44 ޕަސެންޓް ފުރުސަތު ބޮޑެވެ.
3- ތަނަކުން ވެއްޓި މަރުވުމުގެ 34 ޕަސެންޓް ފުރުސަތު އޮވެއެވެ.
4- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 16 ޕަސެންޓް އޮވެއެވެ.
5- އަނިޔާ ކުރުމުގެ 12 ޕަސެންޓް އޮވެއެވެ.
6- އެހެނިހެން އެކްސިޑެންޓްތަކާ ކުރިމަތި ވުމުގެ 10 ޕަސެންޓް އޮވެއެވެ.
އޮސްޓްރޭލިޔާގައި ކުރި ދިރާސާ އަކުން ދައްކާގޮތުން އަހަރެއްގެ މައްޗައް 3000 މީހުން ރާބުއިމުގެ ސަބަބުން ދިމާވާ ހާދިސާ ތަކުގައި މަރުވެއެވެ. އަދި 65000 މީހުންނަށް ހޮސްޕިޓަލް ތަކުގައި ފަރުވާދޭން ޖެހެއެވެ.
ރާބުއިމުގެ ސަބަބުން ދިގު މުއްދަތުގެ ތެރޭގައި ލިބޭ ގެއްލުން ތަކަށް ބަލާއިރު، ހިތުގެ ބަލި ޖެހުން، ލޭ މައްޗައް ދިއުމާއި ސްޓްރޯކް ޖެހުން، މޭ ހަލާކު ވުން، ކެންސަރު ޖެހުމާއި ހަޖަމް ކުރުމުގެ ބަލިތައް، ނިދުމުގައި ދަތިތަކާ ކުރިމަތި ވުން، ސިކުނޑީގެ ބަލިތައް ޖެހުން އަދި ހަނދާންނެތުން ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. ދާދި ފަހުން ފަރަންސޭސި ވިލާތުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު ރާ ތައްޓެއް ބުއިމުން ކެންސަރު ޖެހުމުގެ ފުރުސަތު 168 ޕަސެންޓް އިތުރުވެއެވެ.
ތިޔަ ބޭފުޅުން ނިކަން ވިސްނާލަ ބައްލަވާށެވެ. ރަލަކީ މިހާގިނަ ގެއްލުން ތަކެއް ލިބޭއެއްޗެކެވެ. ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމައެވެ. އެކަމަކުވެސް ހަމަ އެ ބަނގުރާ ބުއިމަށް ތިޔަބައިމީހުން ލޯބި ކުރަނީހެއްޔެވެ؟


ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, January 12, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ގެއްލުންދެނިވި " ބަނގުރާ" ބުއިމަށް ތިޔަބައިމީހުން ލޯބި ކުރަނީ ހެއްޔެވެ؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް