މިނިވަންކަމުގެ ހާސަރެއް
ލިޔުނީ: މުހައްމަދު އިބްރާހީމް
މި ދުނިޔެ އުފެދި މިދުނިޔޭގައި މީހުން އުޅެން ފެށި ދުވަހުން ފެށިގެން މިއަދާޖެހެންދެން ވެސް އަދި މިހާރުވެސް މިނިވަންކަމާއި، އަޅުވެތިކަމުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވެމުން އަންނަ ވާހަކައެކެވެ. ހާއްސަކޮށް މިއަދުގެ މުޖުތަމަޢުތަކުގައި މިނިވަންކަން ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ހައިރާންވާން ޖެހޭފަދަ މަސައްކަތްތަކެކެވެ. އެއްވެސް ކަމެއްގައި މިނިވަންކަމެއް ނެތޭ ބުނެ އަޑުގަދަ ކުރާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މި ދަނީ އިތުރު ވަމުންނެވެ. "އަޑުގަދަ މިހާގެ ރުއް ގިނަވާނެޔޭ" ބުނާ އުސޫލުންނެވެ. މިނިވަން ކަމޭ ކިޔައިގެން އަޑުގަދަ ކުރާ އިރު މިނިވަން ކަމަކީ ކޮބައިކަން އެނގެންޖެހެއެވެ. އަދި ހަމައެއާއި އެކު، މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަންވެސް އެނގެންޖެހެއެވެ.
އެހެންކަމުން މިހާ ހިސާބުން އުފެދޭ ސުވާލަކީ މިނިވަންކަމަކީ ކޮބައި ބާއެވެ؟ މިނިވަންކަމަކީ ހިތައްއެރިހާ ގޮތަކަށް ބިތަށް ތެޅުން ހެއްޔެވެ؟ ނޫނެކެވެ! އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. އެއީ މިނިވަންކަން ކަމުގައި ވާނަމަ ހައްތަހާވެސް ތިބޭނީ އަޅުވެތިވެފައި ތިބޭ މީހުންނެވެ. މި ދެންނެވި ބަހުގެ މުރާދަކީ ކުރިން ދެންނެވި ގޮތަށް މިނިވަންކަން މާނަ ކޮށްފިނަމަ އަނެކާ އަބަދުވެސް ވާނީ ތިމާގެ އަޅަކަށެވެ. ނުވަތަ ތިމާ ވާނީ އަނެކާގެ އަޅަކަށެވެ. " ހިތަށް އެރިހާ ގޮތަކަށް ބިތަށް ތެޅުމަކީ މިނިވަން ކަމެއް ނޫނޭ " އުސްތާޒުލްޖީލް މުހައްމަދު ޖަމީލް ވިދާޅުވަނީ އެހެން ވެގެންނެވެ.
" މިނިވަންކަން" މި ބަހުގެ މާނަޔާމެދު ވިސްނާލުމަށް ކުޑަ ކުޑަ މިސާލެއް ދަންނަވާ ލާނަމެވެ. މިނިވަންކަމުގެ އެންމެ މުހިންމު ބަހާ ކަމުގައިވާ ދިދަޔާ މެދު ކުޑަކޮށް ނަމަވެސް ވިސްނާލައްވާށެވެ. އެ ދިދައިގެ އެއްކޮޅު ހުންނަނީ ހައްޔަރުކުރެވިފައެވެ. އަނެއް ކޮޅު ހުންނަނީ ވައިގެ ތެރޭގައި ވިހުރި ވިހުރި އެވެ. އަޅުގަނޑު މާނަ ކުރާގޮތުގައި މިނިވަންކަމަކީ އެއީއެވެ. ތިޔަބޭފުޅުން މާނަ ކުރާގޮތް މާނަކުރަން ދޫކޮށްލާނީ ތިޔަބޭފުޅުންނަށެވެ. ނަމަވެސް ވިސްނާލަން ޖެހޭ އެންމެ މުހިންމު ކަމަކީ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެށްޓިފައި އޮންނަން ޖެހޭނެ އެއްޗެއްކަމެވެ. އެ ހުދޫދުން ބޭރު ވެއްޖެ ނަމަ އެއަރައި ގަނެވުނީ އަނެކާގެ މިނިވަންކަމަށެވެ. ތިމާގެ މިނިވަންކަމުގެ އިން، ނިމޭތަން ވާންޖެހޭނީ އަނެކާގެ މިނިވަންކަން ފެށޭ އިމަށެވެ.
= ނުނިމޭ=
Monday, April 13, 2009 | Posted in | އިތުރަށް ވިދާޅުވޭ »
ގަބޫލުކުރަން ދަތި ހަޤީގަތް
= މަދިރީގައި 47 ދަތް ހުރެއެވެ.
ސްނެއިލް އެއްގައި 25000 ދަތް ހުރެއެވެ.
= އޫރަކީ އިރުގެ އަލީގެ ސަބަބުން ހަންގަނޑު އަނދާ ހަމަ އެކަނި ޖަނަވާރެވެ.
= ޒަރާފާ އޭތީގެ ކަންފަތް ސާފުކުރަނީ އޭތީގެ ދުލުންނެވެ.
= ހަރުފަޔަކައް އަޑެއްނީވެއެވެ.
= އިހީގެ ލޭހުންނަނީ ނޫކުލައިގަ އެވެ.
= ޖަނަވާރު ތަކުގެ ތެރެއިން ފުމެ ނޫޅެވޭ ޖަނަވާރަކީ ހަމަ އެކަނި އެތެވެ.
= ކޮކާލުގެ ވަސް ބެލުމުގެ ހިއްސު ހުންނަނީ އޭތީގެ ފައިގައެވެ.
= ކޯމަސް ނިދަނީ އޭތީގެ އެއްލޯ ހުޅުވައިގެންނެވެ.
= އޮސްޓްރިޗްގެ ލޯ އޭތީގެ ސިކުނޑި އައްވުރެ ބޮޑެވެ.
= ކުރަތްޕަކަށް އޭތީގެ ބޮލާނުލާ 9 ދުވަހު ދިރި އުޅެވެއެވެ.
Monday, April 13, 2009 | Posted in | އިތުރަށް ވިދާޅުވޭ »
ހުރިހާކަމެއްވެސް ﷲ ދެނެވޮޑިގެން ވެއެވެ
ހަސަނުގެ ތިން ފިރެހެން ދަރިން ހުރެއެވެ. އެއީ ފާރޫޤް، ޢަބްދުﷲ އަދި ޤާސިމް އެވެ. ހަސަނު އޭނާގެ ދަރިން ދެކެ ވަރަށް ލޯބިވެއެވެ. އޭނާގެ އެއްމެ ބޮޑު އެދުމަކީ އޭނާގެ ތިން ދަރިން ފުރިހަމަ މުސްލިމުންގެ ގޮތުގައި ބޮޑުވުމެވެ.
ހަސަނަކީވެސް ވަރަށް ދީންވެރި މީހެކެވެ. ﷲ ކުރުމަށް އަންގަވާފައިވާ ކަންތައްތައް ބަރާބަރަށް އަދާ ކުރެއެވެ. އަދި ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލިވެއެވެ.
އެއްދުވަހަކު ހަސަނު އޭނާގެ ތިން ދަރިން އިމްތިހާނު ކޮށްލާނަމޭ ހިތަށްއެރިއެވެ. އެގޮތުން އެކުދިން ގެ އަތައް މެޓާތަކެއް ދިނުމަށްފަހު ބުންޏެވެ. " ކޮށްމެ ކުއްޖަކުވެސް އެކުއްޖެއްގެ މެޓާތައް، އެއްވެސް މީހަކަށް ނުފެންނާނެ ތާކުހުރެ ކައިގެން އަންނާންދާށެވެ."
ފާރޫޤު އޭނާގެ މެޓާތަށް ހިފައިގެން އޭނާގެ ކޮޓަރިއަށްވަނެވެ. އަދި ދޮރު ތަޅުލިޔެވެ. އެއަށްފަހު އެއްވެސް މީހަކަށް ނުފެންނާނޭހެން އޭނާގެ މެޓާތަށް ކާލިޔެވެ.
ޢަބްދުﷲ އޭނާގެ މެޓާތަށް ހިފައިގެން ވަނީ ގޭގައި އެއްޗިހި ރައްކާކުރަން ހަދާފައި ހުންނަ ގުދަނަށެވެ. އެއީ އެތަން އަނދިރިކަމުން އެއްވެސް މީހަކަށް އޭނާ ނުފެންނާނެތީއެވެ. އަދި ވަރަށް ސިއްރުން އޭނާގެ މެޓާތަށް ކާލިޔެވެ.
ޤާސިމް ވިސްނަ، ވިސްނާވެސް އެހެން މީހަކަށް ނުފެންނާނޭހެން މެޓާތަށްކާން ވަންނާނޭ ތަނެއް ނުފެނުނެވެ. އޭނާ ތަނަކަށްވަދެ ފިލަން ހިތަށްއެރިޔަސް ﷲ އޭނާކުރާ ކަންކަން ދެނެވޮޑިގެންވާކަން ހަނދާނަށް އާދެއެވެ. އަދި ﷲ އަށް ފިލަން ވަންނާނޭ ތަނެއް ނެތްކަން އޭނާއަށް އިނގެއެވެ. އެހެންވެ އޭނާއަށް އޭނާގެ މެޓާތަށް ކެވޭގޮތެއް ނުވިއެވެ.
މާގިނަ އިރުތަކެއްނުވެ ފާރޫޤާއި، ޢަބްދުﷲ އެނބުރި އެމީހުންގެ ބައްޕަގެ ގާތަށް އައެވެ. އަދި އެމީހުން ކަން ކުރިގޮތް ކިޔާދިނެވެ. ޤާސިމް ވެސް އެނބުރި އައެވެ. އޭނާ އައީ އޭނާގެ މެޓާތަށްވެސް ހިފައިގެންނެވެ. އަދި ބުންޏެވެ. " ﷲ އަށް ނުފެންނާނޭހެން ފިލޭނޭ އެއްވެސް ތަނެއް ނުވެއެވެ. އެހެންވެ އަހަރެންގެ މެޓާތަށް ނުކައި ގެނައީއެވެ. ބައްޕަ ބުނުއްވީ އެއްވެސް މީހަކަށް ނުފެންނާނޭހެން ކެއުމަށް ނޫންތޯއެވެ."
ޤާސިމްގެ ވާހަކަ އަޑު އަހާފައި ހަސަނު ވަރަށް އުފާވިއެވެ. އަދި ފާރޫޤާއި، ޢަބްދުﷲ އަށް ބުންޏެވެ. " ކަލޭމެން ކަލޭމެންގެ ބޭބެގެ ކިބައިން އިބުރަތް ލިބިގަންނާށެވެ." އަދިވެސް ބުންޏެވެ. " އަހަރެންގެ ލޯބިވާ ދަރިންނޭވެ! ﷲ އީ ހުރިހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަހަރެމެން ކުރާ ހުރިހާކަމެއް އެކަލާނގެ ބައްލަވާ ވޮޑިގެންވެއެވެ. އެހެންކަމުން ނުބައި ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ. ހުރިހާ ކަމެއްވެސް ﷲ ދެނެވޮޑިގެންވެއެވެ."
Monday, April 13, 2009 | Posted in | އިތުރަށް ވިދާޅުވޭ »