އެންމެ ފަހުގެ

|

ޒަކޫމީ، ޖަބުލާނީ އަދި ވުވުޒެލާ


ދުނިޔޭގެ އެންމެ ބޮޑު އަދި ޝަރަފްވެރި ފުޓުބޯޅަ މުބާރާތް “ވޯލްޑްކަޕް” މިހާރު މިވަނީ ބޯމަތިވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފުޓުބޯޅައިގެ އީދު އައިސްފައެވެ. ސައުތު އެފްރިކާގައި މިފަހަރު ބޭއްވޭ ވޯލްޑްކަޕާއި އެކު އަހަރެމެންގެ ތެރެއަށްވެސްވަނީ ވަރަށް ތަފާތު މުޅިންއާ ބަސްތަކެއް ތައާރަފްވެފައެވެ. އެހެންކަމުން އަހަރެމެން ދުވަހުގެ މުއާމަލާތުގެ ތެރެއަށް މިހާރު ވަދެފައިވާ ތިން ބަހަކަށް ބަލައިލާނަމެވެ.

ޒަކޫމީ

ޒަކޫމީ އަކީ މިފަހަރުގެ ވޯލްޑްކަޕްގެ ރަސްމީ މެސްކޮޓަށް ދެވިފައިވާ ނަމެވެ. މިފަހަރުގެ މެސްކޮޓުން ފެނިގެންދަނީ ލެޕަޑް އެކެވެ. ފެހި ކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާ މިލެޕަޑްގެ ގައިގާ ވާ ރީނދޫ ކުލައާއި ފެހި ކުލައިން ދައްކައި ދެނީ މުބާރާތް ބާއްވާ ގައުމު، ސައުތު އެފްރިކާގެ ކުޅުންތެރިން ބޭނުންކުރާ ޖޯޒީގައި ހިމެނޭ ކުލަތަކެވެ.

ޒަކޫމީގެ “ZA” އަކީ ބައިނަލްއަގްވާމީ ގޮތުން ސައުތު އެފްރިކާގެ ނަން ކުރުކޮށް ބޭނުންކުރެވޭ ގޮތެވެ. އަދި “kumi” ގެ މާނައަކީ ދިހައެކެވެ. އެފްރިކާގެ އެކިބަސްތަކުގައި ކޫމީގެ މާނައަކީވެސް ދިހައެކެވެ. ޒަކޫމީ ކެރެކްޓަރ އަށް ދެވިފައިވާ ރަސްމީ މޮޓޯއަކީ “ޒަކޫމީގެ ގޭމަކީ ކުޅިވަރުގެ ރޫޙާއި އެއްގޮތް ގޭމެ”ކެވެ. މި ކެރެކްޓާ ފަރުމާކޮށްފައިވަނީ ސައުތު އެފްރިކާގެ ކޭޕްޓައުންގެ އެންޑްރީސް އޮޑެންޑާލް ކިޔާމީހެކެވެ.

ޖަބުލާނީ

ޖަބުލާނީ އަކީ މިފަހަރު ވޯލްޑްކަޕް ކުޅޭ ރަސްމީ ބޯޅައަށް ދެވިފައިވާ ނަމެވެ. އެފްރިކާގެ އިސިޒުލޫ ބަހުން ޖަބުލާނީގެ މާނައަކީ “އުފާވެރިކަން ގެނެސްދިނުމެ”ވެ. ކުޅިވަރު ސާމާނު އުފެއްދުމުގައި ދުނިޔޭގެ އެއްވަނަ ކުންފުނި އެޑިޑާސްއިން ފަރުމާކޮށް އުފައްދާފައިވާ މިބޯޅައަކީވެސް ވޯލްޑްކަޕްގެ ބޯޅަ އުފެއްދުމުގެ ސިލްސިލާއަށް އެކުންފުނިން އަމުނާލި އިތުރު ބޮޅެކެވެ. 1970 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެވުނު “ޓެލެސްޓަރ” އިން ފެށިގެން އެންމެ ފަހުން ޖަރުމަނުގައި ބޭއްވުނު ވޯލްޑްކަޕްގައި ބޭނުންކުރެވުނު “ޓީމްޖީސްޓް” އާއި ހަމައަށް ކޮންމެ ވޯލްޑްކަޕަކަށްވެސް ވޯލްޑްކަޕް ބޯޅަ އުފެއްދި އެޑިޑާސްގެ 11 ވަނަ ވޯލްޑްކަޕް ބޯޅަ، ޖަބުލާނީ އަކީވެސް އެތައްދުވަހެއްގެ ދިރާސާތަކަށްފަހު “ކޮށާމަށައިގެން” ހަދާފައިވާ ބޯޅައެކެވެ. މިފަހަރުވެސް ބޯޅައިގެ ފެންވަރު ރަނގަޅުވިއިރު، އެހެންފަހަރު ތަކެކޭވެސް އެއްފަދައިން ފާޑުކިއުންތައް އަމާޒުވިއެވެ.

އާއްމުކޮށް ފުޓުބޯޅަ ތައްޔާރުކޮށްފައި ހުންނަނީ 32 ހަކަން ނުވަތަ 32 “ހެކްސަގޮނަލް” ޕެނަލް ހިމެނޭގޮތަށެވެ. ޖަރުމަނުގައި ބޭނުންކުރެވުނު “ޓީމްޖީސްޓް” ގައި ހިމެނުނީ 14 ޕެނަލްއެވެ. ނަމަވެސް ޖަބުލާނީގައި ނިމެނެނީ އެންމެ 8 ޕެނަލެވެ. ބޯޅައިގައި ހުންނަ ކުދިކުދި އުން ތަކެއްގެ ސަބަބުން ގޯލްކީޕަރުންނަށް ބޯޅަ ތަތްކޮށްލަން ފަސޭހަވެފައި، މަތިން ޖަހާއިރު ގޮލްފް ބޯޅަ ދާގޮތަށް އޮމާންކަމާއެކު ދަތުރު ކުރާނެއެވެ.

އެޑިޑާސްއިން ހާމަކުރާ ގޮތުން ޖަބުލާނީ، ނަންބަރު 11 އާއި ވަރަށްބޮޑަށް ގުޅިފައިވެއެވެ. މިއީ އެޑިޑާސްގެ 11 ވަނަ ވޯލްޑްކަޕް ބޯޅައެވެ. އެފްރިކާގައި ހިމެނެނީ 11 ޓްރައިބެކެވެ. ފުޓުބޯޅަ ޓީމެއްގައި ހިމެނެނީ 11 ކުޅުންތެރިންނެވެ. މިފަދަ އެތައްބައިވަރު މާނަތަކަކާއި ގުޅިފައިވާ ޖަބުލާނީގައި ހިމެނީވެސް 11 ކުލައެވެ.

ވުވުޒެލާ

ވުވުޒެލާ އަކީ ސައުތު އެފްރިކާގައި ބޭނުންކުރާ ދުންމާރިއަކަށް ކިޔާނަމެކެވެ. ބައެއްފަހަރު “ލެޕަޓާޓާ” އޭވެސް ކިޔާ ވުވުޒެލާއަކީ ދިގުމިނުގައި 1 މީޓަރު ހުންނަ ޓިނުން ހަދާފައިވާ، އެއެއްޗަކުން ބާރުއަޑެއް ނުކުންނަ ދުންމާރިއެކެވެ. ނުވަދިހައިގެ ތެރޭގައި އެގައުމުގެ މީހުންގެ މެދުގައި މަގުބޫލުވި ވުވުޒެލާގެ ޕްލާސްޓިކް ވައްތަރު އުފައްދަން ފެށީ 2001 އެއްވަނަ އަހަރު އެގައުމުގެ މަސިންސިޑޭން ސްޕޯޓްސް އޭކިޔާ ކުންފުންޏަކުންނެވެ. ތުންފަތާއި ފުއްޕާމެޔަށް ވަރަށް ބާރުލައިފައި ފުމެންޖެހޭ މި ދުންމަރިން ނުކުންނަނީ ރަށްތަކުގެ އައްސޭރި ފަށުގައި ހުންނަ ލައިޓްހައުސްތަކުން ގޮއްވާ “ފޮގްހޯން” ގެ އަޑެވެ. ބައެއްފަހަރު އެތުގެ އަޑާވެސް ވުވުޒެލާގެ އަޑުވައްތަރެވެ.

ސައުތު އެފްރިކާގެ ފުޓުބޯޅަ ލީގުގެ މެޗުތައް ކުޅޭއިރު ވުވުޒެލާ ފުމުމަކީ އާއްމުކަމެކެވެ. އެކިޓީމުތަކުގެ ސަޕޯޓަރުން ބޭނުންކުރަނީ އެކިކުލައިގެ ވުވުޒެލާއެވެ. ބައެއްފަހަރު ސްޓޭޑިއަމްތަގައި ވުވުޒެލާ ފުމުން މަނާކުރެވިފައި ވެއެވެ. ބުނެވޭގޮތުން ވުވުޒެލާއިން އިވޭ އަޑަކީ ކުޅުންތެރިންނާއި ކޯޗުންގެ ސަމާލުކަން މެޗުން ގެއްލުވާލާ އުނދަގޫ ކުރުވާ އެއްޗެކެވެ. އެފްރިކާގެ ފްލޯކް ވާހަކަތަކުގައި ކިޔާގޮތުން ވުވުޒެލާ ފުމެގެން ބެބޫން ފަދަ ޖަނަވާރުތައް ރޯނާކޮށްލައެވެ. ނުވަތަ މަރާލައެވެ. މެޗުތަކުގެ ފަހު ފަނަރަމިނެޓަށް އެޅީމާ އިދިކޮޅު ޓީމުގެ ސަޕޯޓަރުން، ކުޅުންތެރިންގެ ކުޅުން މަރާލުމަށް ހަތިޔާރެއްގެ ގޮތުގައި ހުއްޓައިނުލާ ވުވުޒެލާ ފުމެއެވެ.

ކުޅުދުއްފުށީ.ކޮމް

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Friday, May 28, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

2 ޚިޔާލު ލިބިފައިވޭ "ޒަކޫމީ، ޖަބުލާނީ އަދި ވުވުޒެލާ"

  1. ސަޅި ބްލޮގެއް. ތިގޮތުގަ ކުރިއަށް ދޭ!

  2. މިލިޔުމަކީ ކުޅުދުއްފުށީ ޑޮޓް ކޮމް އިން ނަގާފަ އިން ލިޔުމެއްދޯ. ވަރަށް ސަޅި.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް