އެންމެ ފަހުގެ

|

ޙައުލާ ބިންތް އަލްއަޒްވަރު


ޙައުލާ އަކީ، ބަނީ އަސަދު ވަންހައިގެ ބޮޑުންގެ ތެރެއިން އެކަކުގެ ދަރިކަނބަލެކެވެ. އަދި އެކަމަނާގެ ޢާއިލާ ވަނީ އިސްލާމް ދީނުގެ އެންމެ ކުރީ ކޮޅުގައި އެދީން ޤަބޫލުކޮށްފައެވެ. އެކަމަނާގެ ބައްޕަގެ ނަމަކީ މާލިކް ނޫންނަމަ ޠާރިޤް ބިން އަވްސް އެވެ. އަދި ކުންޔާއަކީ އަލް-އަޒްވަރުއެވެ. އެކަމަނާގެ ބޭބެ، ޛިރާރް އަކީ ހަނގުރާމަވެރިއެއް އަދި އެވަންހައިގެ ޅެންވެރިޔާވެސް މެއެވެ. އަދި އޭނާއަކީ ވިސްނުން ތޫނުކަމަށް މަޝްހޫރު މީހެކެވެ. ޛިރާރް އޭނާގެ ކޮއްކޮ، ޙައުލާ ދެކެ ވާލޯތްބާއި އެކަމަނާގެ ޤާބިލް ކަމާއިމެދު ޔަޤީންކަން ބަހައްޓާ މިންވަރަކީ ޢަޖައިބު ކުރުވަނިވި ފަދަ މިންވަރެކެވެ. އަދި މިދެބެއިންގެ ގާތް މިންވަރަކީ، ޛިރާރް ދާ ކޮންމެ ތަނަކަށް އެކަމަނާ އޭނާއާއިއެކު ވުމެވެ. ޛިރާރް ، އެކަމަނާއަށް ކަނޑީގެ ހުރިހާ އުކުޅުތައް ދަސްކޮށްދިނެވެ. އެހެން ކަމުން އެކަމަނާ ވެގެން ދިޔައީ ފުރިހަމަ ހަނގުރާމަވެރިއަކަށެވެ. މީގެ އިތުރުން ޙައުލާ ވަނީ ޅެންވެރިކަމުން ވެސް ފުރިހަމައަށް ޢިލްމު ލިބިވަޑައިގެންފައެވެ. ހަމުގެ ކުލަ ކަޅު، އިސްކޮޅުން ދިގު އަދި ހަށިނގަޑުން ހިކި ޙައުލާ އަކީ ރީތި އަންހެން ކަނބަލެކެވެ.

ފަލަޞްޠީނާއި ދުރުނޫން ތަނެއް ކަމުގައިވާ އަޖްނާދިން ގައި ހިނގި ހަނގުރާމައިގެ ކުރިން، އެކަމަނާގެ ނަންވަނީ ވަންހަނާވެފައެވެ. އެތަނުން، ޛިރާރް އަތުން އޭނާގެ ދުނިދަނޑި ގެއްލުނެވެ. އަދި އަހުން ވެއްޓި އަސީރު ކުރެވުނެވެ. އެވަގުތު އެކަމަނާ ފިރިހެން ހަނގުރާމަ ވެރިއެއްގެ ހެދުން އަޅައިގެން ހަތިޔާރާއިއެކު ރޯމަނުންގެ ލަޝްކަރާއި ދިމާލަށް އަސް ދުއްވާފައި ދިޔައެވެ. މުސްލިމް ހަނގުރާމަވެރިންނާއި އެބޭކަލުންގެ ލަޝްކަރުގެ ވެރިޔާ ޚާލިދު ބިން ވަލީދު، އެކަމަނާއާއި ދިމާލަށް ފަޚުރުވެރިކަމާއިއެކު ބެއްލެވިއެވެ. އެއީ އެކަމަނާއަކީ ފިރިހެނެއް ކަމަށް ހީކޮށެވެ.

ޢަރަބި، ތާރީޚް ދިރާސާ ކުރާ މީހެއް ކަމުގައިވާ އަލވާޤިދީ އޭނާ ލިޔުނު ފޮތް ކަމުގައިވާ، 'އައްޝާމް ފަތަޙަ ކުރުން (ސީރިއާގެ ބޮޑުބައެއް) ފޮތުގައި ލިޔުނެވެ.

[އަޖްނާދިންގެ ބައިތް ލައިހާން ކިޔުނު ތަނުގައި ހިނގި ހަނގުރާމައިގައި، ޚާލިދު ބިން ވަލީދު ހަނގުރާމަވެރިއަކާއި ދިމާލަން ބައްލަވަން ހުންނެވިއެވެ. ކަޅުހެދުމެއްގައި ބޮޑު ފެހި ފޮތިގަނޑަކުން އުނަގަނޑާއި މޭމަތި ފޮރުވައިގެން ހުރި މީހަކަށެވެ. ތީރެއް ފަދައިން އެހަނގުރާމަ ވެރިޔާ ރޯމަނުންގެ ލަޝްކަރުގެ ތެރެއަށް ވަދެގަތެވެ. ހަނގުރާމަވެރިޔާއަކީ ކާކުކަން ނޭނގި، ޚާލިދު ބިން ވަލީދާއި، އެކަލޭގެފާނާއިއެކު ވީ މީހުން ހަނގުރާމައާއި ގުޅުނެވެ.

ރާފީ ބިން އުމޭރާ އަލް-ޠާއިމް އަކީ މިހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރިއެކެވެ. މިކަލޭގެފާނުވެސް، އެހަނގުރާމަވެރިޔާ، ރޯމަނުންގެ ލަޝްކަރުގެ ތެރެއަށް ވަދެގަތް ގޮތް ކިޔައި ދެއްވިއެވެ. އެބޭކަލުންގެ ތެރެއިން ގެއްލިގެން ގޮސް އެނބުރިއައީ އޭނާގެ ކަނޑިން ލޭއޮހޮރިގެންވާ ޙާލުއެވެ. އޭނާ އަނެއްކާވެސް މިސްރާބު ބަދަލުކޮށް ބިރުކުޑަކަމާއި އެކު ދުޝްމަނުންގެ ލަޝްކަރުގެ ތެރެއަށް އެތަކެއް ފަހަރު ވަދެގަތެވެ. މުސްލިމު ލަޝްކަރުގެ އެންމެން ތިބީ އޭނާއާއި މެދު ކަންބޮޑުވެ އޭނާއަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާ ކުރުމުގައެވެ. ރާފީ އާއި އެހެނިހެން ބޭކަލުންވެސް ހީކުރެއްވީ އެއީ ޚާލިދު ބިން ވަލީދު ކަމުގައެވެ. އެހެނީ ޚާލިދު ބިން ވަލީދަކީ، އެކަލޭގެފާނުގެ ބިރުކުޑަކަމާއި، ހިތްވަރުގަދަ ކަމާއި އަދި ކުޅަދާނަ ހަނގުރާމައިގެ އުކުޅުތަކަށް މަޝްހޫރު ބޭކަލަކަށްވީމައެވެ. ނަމަވެސް ކުއްލިއަކަށް ޚާލިދު ބިން ވަލީދު އެހެން ހަނގުރާމަވެރިންތަކަކާއި އެއްކޮށް ވަނިކޮށް ފެނުނެވެ. ރާފީ ވެރިޔާގެ ގާތުގައި އެހިއެވެ.

[އެއީ ކޮން ހަނގުރާމަވެރިއެއް ހެއްޔެވެ؟ ﷲ އަށްޓަކައި ބުނަމެވެ. އޭނާގެ ސަލާމަތާއި މެދު އޭނާ އެއްވެސް ފަރުވާލެއް ނެތެވެ.]

ޚާލިދު ބިން ވަލީދު ވިދާޅުވީ އެކަލޭގެފާނަށް އެއީ ކާކުކަމެއް ނޭނގޭ ކަމަށާއި އެކަމަކު އެކަލޭގެފާނުވެސް އެމީހާގެ ހިތްވަރުގަދަކަމަށް ތަޢުރީފް ކުރައްވާ ކަމުގައެވެ. އެހަނގުރާމަ ވެރިޔާގެ ފަހަތުން އެތަކެއް ރޯމަނުން ވީތަން ބަލަން ހައިރާންކަމާއި ޝައުޤުވެރިކަމާއިއެކު އެބޭކަލުން ތިއްބެވިއެވެ. ދެން އެހަނގުރާމަވެރިޔާ އެނބުރި ހަމަލާތައް ކުރިއަށް ގެންދިއުމުގެ ކުރިން، އެންމެ ގާތުގައި ހުންނަ މީހާ ޤަތުލުކުރެއެވެ.

ހަނގުރާމައިގެ މައިދާނުގައި އެތަކެއް ބަޔަކު މަރުވެ، އަނިޔާ ލިބިފައިވާ ޙާލު އެންމެ ފަހުން ރޯމަނުން ހަނގުރާމަ ދޫކޮށް ދިޔައެވެ. ޚާލިދު ބިން ވަލީދުއަށް އެހަނގުރާމަ ވެރިޔާ ފެންނަން ދެން ހޯއްދެވިއެވެ. އެކަމަކު އޭރު އޭނާވަނީ ލެއިން ފޯވެފައެވެ. ޚާލިދު ބިން ވަލީދު، އޭނާގެ ހިތްވަރުގަދަކަމަށް ތަޢުރީފް ކުރައްވައި ފަރުދާ ނެގުމަށް ވިދާޅުވިއެވެ. އެކަމަކު އޭނާ ޖަވާބު ނުދީ ދާން އުޅުނެވެ. ނަމަވެސް ލަޝްކަރުގެ އެހެން ހަނގުރާމަވެރިން އޭނާދާން ދޫކޮށެއް ނުލިއެވެ. އަދި ހުރިހާ ބޭކަލުންވެސް އޭނާއަކީ ކާކުކަން ބެލުމަށްޓަކައި އެދުނެވެ.

މިތަނުން ސަލާމަތްވެވޭނެ ގޮތެއް ނެތް ކަން އެނގުމުން، ހަނގުރާމަވެރިޔާ އަންހެން އަޑަކުން ޖަވާބު ދިނެވެ، [އަޅުގަނޑުގެ ވެރިޔާއެވެ! އަޅުގަނޑު ޖަވާބު ނުދިނީ ލަދުންނެވެ. ކަލޭގެފާނަކީ މަތިވެރި، ވެރިއެކެވެ. އަދި އަޅުގަނޑަކީ، އެތެރޭގައި ހިތް އަނދަމުންދާ އަންހެނަކީމެވެ.]

[ތީކާކު؟] ޚާލިދު ބިން ވަލީދު ތަކުރާރު ކުރެއްވިއެވެ. އަންހެން ކަމަނާ ޖަވާބު ދެއްވިއެވެ. [އަޅުގަނޑަކީ، ޙައުލާ ބިންތް އަލްއަޒްވަރުއެވެ. ހަނގުރާމައާއިއެކު އައި އަންހެނުންނާއި އެކު އަޅުގަނޑުވެސް ވީމެވެ. އެކަމަކު، ދުޝްމަނުން އަޅުގަނޑުގެ ބޭބެ އަސީރު ކުރި ކަން އެނގުމުން އަޅުގަނޑަށް ކުރެވުނު ކަންތައްތައް ކުރުމަށް ދެވުނީއެވެ.]

ރޯމަނުންގެ ލަޝްކަރުގެ ފަހަތުން ދިއުމަށް ޚާލިދު ބިން ވަލީދު، ލަޝްކަރަށް އެންގެވިއެވެ. މިޢަމަލިއްޔާތުގެ އިސްމީހަކަށް ޙައުލާ ހުންނަވައި އެކަމަނާގެ ބޭބެ ފެނޭތޯ ހުރިހާ ދިމާލެއް ބެއްލެވިއެވެ. އެކަމަކު ރޯމަނުންގެ ލަޝްކަރެއް ނުފެނުނެވެ. މެންދުރު ވަގުތު ވަމުން ދިޔައިރު ނަޞްރު ވަނީ ޔަޤީންވެފައެވެ. ރޯމަނުންގެ ގިނަ ސިފައިންތަކެއް ޤަތުލުކުރެވުނެވެ.

އަސީރުންތައް ކޮންމެވެސް ތަނެއްގައި ވާނެކަން އެނގިވަޑައިގެން، ޚާލިދު ބިން ވަލީދު ޙައުލާއާއިއެކު އެހެން މީހުން ފޮނުއްވެވިއެވެ. ވަރުގަދައަށް ހޯދުމަށްފަހު، އެމީހުންނަށް ފެނުނީ އަސީރުންތައް ރޯމަނުންގެ މައިމަރުކަޒަށް ގެންދަން އުޅުނު ލަޝްކަރުގެ ބައެކެވެ. ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރެވި ރޯމަނުންގެ ފާރަވެރިންތައް ޤަތުލު ކުރުމަށްފަހު އަސީރުން ސަލާމަތް ކުރެވުނެވެ.

އަޖްނާދިން ގައި ހިނގި އެހެން ހަނގުރާމައެއްގައި، ޙައުލާގެ ދުނިދަނޑި ހަލާކުވެ އެކަމަނާގެ އަސް މަރުވިއެވެ. އަދި އެކަމަނާ އަސީރެއްގެ ގޮތުގައި ހައްޔަރު ކުރެވުނެވެ. އެއަށްފަހު އެކަމަނާ ހައިރާން ވެގެން ދިޔައީ ރޯމަނުންތައް އަންހެނުން ތިބި ކޭމްޕަށް ޙަމަލާދީ އެތަކެއް އަންހެނުން އަތުލައިގަތް ކަމެވެ. އެމީހުންގެ ލީޑަރު އެންގީ އަންހެނުންތައް އެމީހުންގެ ކޮމާންޑަރަށް ދިނުމަށެވެ. އަދި ޙައުލާވެސް އެފޭލިގެއަށް ބަދަލު ކުރުމަށް އެންގުނެވެ. އެކަމަނާ ވަރަށް ކަންބޮޑުވިއެވެ. އަދި ނިކަމެތިކަމާއިއެކު ދިރިއުޅުމުގެ ބަދަލުގައި، ޤަދަރުވެރި ގޮތެއްގައި މަރުވުން ރަނގަޅުވާނެ ކަމަށް އެކަމަނާ ނިންމެވިއެވެ. އެކަމަނާ އަންހެނުން ތެރޭގައި ހުއްޓި ހުރެ، މިނިވަންކަމާއި ޢިއްޒަތް ހޯދުމަށް ނޫންނަމަ މަރުވުމަށް ދާންދެން ހަނގުރާމަ ކުރުމަށް އެމީހުންނަށް ގޮވާލެއްވިއެވެ. އެކަމަނާގެ ގޮވާލެއްވުމަށް އެހެން އަންހެން ކަނބަލުންވެސް ޝައުޤުވެރިވިއެވެ. މިބޭކަނބަލުންތައް ފޭލިގެތަކުގެ ދަނޑިތަކާއި، ވަރުގަދަ ކުރަން ޖަހާފައި ހުރި އެއްޗެހިތައް ނަގާ، އޭގެއިން ރޯމަނުންގެ ފާރަވެރިންނަށް ޙަމަލާ ދިނެވެ. ޙައުލާގެ އިރުޝާދުގެ މަތިން ވަރުގަދަ ވަށްބުރެއް ހެދުމަށްފަހުގައެވެ.

ޙައުލާ އިސްވެ ހަމަލާ ދިނުމަށްފަހު، ފުރަތަމަ ފާރަވެރިޔާ މަރާލިއެވެ. އަދި އެކަމަނާއަށް ފަހު ދެން ތިބި އަންހެން ބޭކަނބަލުން ވެސް އެގޮތަށް ކަންތައް ކުރެއްވެވިއެވެ. އަލް-ވާޤިދީ ބުނެފައިވާ ގޮތުގައި، ޙައުލާ އެކަމަނާގެ ޅެންތަކުން އެކަނބަލުންނަށް ހިތްވަރު ދެއްވަވުން، މުޅިއެކު 30 ރޯމަނުން ޤަތުލް ކުރެއްވެވިއެވެ.

ދިމާވި ކަންތައްތަކާއިމެދު ރޯމަނުންގެ ލީޑަރު ރުޅިގަދަވެ، އަންހެން ކަނބަލުންގެ ދެކޮޅަށް ތިބި ސިފައިންތައް ވަކިކުރިއެވެ. އެއީ، ކުރިން އޭނާ އެއަންހެނުން ކަނބަލުންނަށް އެކިއެކި ވަޢުދުތައްވީ ކަމުގައިވިޔަސް މެއެވެ. އޭނާ ޙައުލާގެ ގާތުގައި، ޙައުލާ އާއި އޭނާ ކައިވެނި ކުރަން ބޭނުން ކަމަށާއި އަދި ދިމިޝްޤުގެ ރާނީކަމުގައި ހައުލާ ހަދަން ބޭނުންވާ ކަމުގައި ބުންޏެވެ. އެހެން ނަމަވެސް، އެކަމަނާ ވަރަށް މަޑުމައިތިކަމާއިއެކު އަދި ލީޑަރަށް އިޙްތިރާމު ނުކުރާ ހާލު ވިދާޅުވިއެވެ. [ކަލެއަކީ ، އަހަރެންގެ ޖަމަލުތައް ބަލަހައްޓާ މީހެއްގެ ގޮތުގައިވެސް ޤަބޫލެއް ނުކުރާނަމެވެ. ވީއިރު، އަހަރެންގެ ނަފްސު ނިކަމެތިކޮށް، ކަލެއާއި އެއްކޮށް ދިރިއުޅެން ރުހޭނެ ހެއްޔެވެ؟ ކަލޭގެ ނުބައިކަމާއި ހެދި، އެންމެ ފުރަތަމަ ކަލޭގެ ބޯކަނޑާ މީހަކަށް ވުމަށް އަހަރެން ހުވާ ކުރަމެވެ.]

ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އަންހެން ކަނބަލުންތައް އެބޭކަނބަލުންގެ ހިތްވަރުގަދަކަން ދެއްކެވިއެވެ. ހިނދުކޮޅަކަށް މަޑުން ތިއްބަވައި، އެކަކު އަނެކަކަށް ހިތްވަރުދީ، ދިގު ދަނޑިތަކަކުން ހަމަލާދީ ރޯމަނުން ފައްސާލެއްވިއެވެ. ކުއްލިއަކަށް، ޚާލިދު ބިން ވަލީދާއި އެކަލޭގެފާނުގެ ލަޝްކަރާއިއެކު މައިދާނަށް ވަޑައިގަތެވެ. ނިމިދިޔަ ހަނގުރާމައިގައި 30000 ރޯމަނުން ގަތުލުކުރެވުނެވެ. ޙައުލާގެ ޙަމަލާގެ ސަބަބުން 5 ރޯމަނުން މަރާލެވުނު ވާހަކަ، ފަޚުރުވެރިކަމާއިއެކު ހަނގުރާމައިގައި ބައިވެރިވި އަންހެންކަނބަލުން ފާހަގަަކުރެއްވިއެވެ. އޭގެ ތެރޭގައި، ޙައުލާއަށް ފުރައްސާކުރި ލީޑަރުވެސް ހިމެނުނެވެ.

އެހެން ހަނގުރާމައެއްގައި، މުސްލިމުން ވަނީ އެއަށްވުރެ ބޮޑު ރޯމަން ލަޝްކަރަކާއި ކުރިމަތި ލާން ޖެހިފައެވެ. ގިނަ ހަނގުރާމަވެރިން، ކުޑަ ވަގުތުކޮޅަކަށް ހަނގުރާމައިން އެނބުރި ދިޔައެވެ. ޙައުލާ އާއި އެހެން އަންހެން ކަނބަލުންތައް، އެނބުރި ދިޔަ ހަނގުރާމަވެރިންނާއި ބައްދަލުކޮށް، އެމީހުންނާއި ސުވާލުކުރިއެވެ. އެމީހުންގެ ހިތްވަރާއިމެދު ސުވާލުކޮށް، މައިދާނަށް އެނބުރި ދިއުމަށް މަޖުބޫރު ކުރުވިއެވެ. ޙައުލާ، އެކަމަނާގެ ކަނޑި ނެގުމަށްފަހު އިސްވެ ޙަމަލާ ދޭ ތަން ފެނިފައި މުސްލިމު ހަނގުރާމަވެރިން ތިބީ ހައިރާންވެފައެވެ. އެހެން ކަމުން، އެމީހުންވެސް އެމީހުންގެ އަސްތައް އަނބުރާލުމަށްފަހު ހަނގުރާމައާއި ގުޅުނެވެ. އާޚިރުގައި އެހަނގުރާމަ ނިމުނީ މުސްލިމުންނަށް ނަޞްރު ލިބިގެންނެވެ.

އެދުވަހުގައި ތިބި ހަނގުރާމަވެރިންގެ ތެރެއިން އެއްބޭކަލަކު ވިދާޅުވިއެވެ. [ރޯމަނުންނަށް ވުރެ، އަޅުގަނޑުމެންގެ އަންހެނުން، އަޅުގަނޑުމެންނާއިމެދު މާހަރުކައްޓެވެ. އަޅުގަނޑުމެންނަށް ވިސްނިގެން ދިޔައީ، ހަނގުރާމައަށް އެނބުރި ގޮސް ހަނގުރާމައިގައި މަރުވުންވެސް، އަޅުގަނޑުމެންގެ އަންހެން ކަނބަލުންގެ ރުޅިވެރިކަމާއި ކުރިމަތިލުމަށްވުރެ ރަނގަޅެވެ.]

ޙައުލާ ވެވަޑައިގެންފައިވަނީ އެކަމަނާގެ ހަޔާތްޕުޅުގައިވެސް ބަޠަލާއެއްގެ ގޮތުގައެވެ. އަދި މިއަދާއި ޖެހެންދެންވެސް ވަނީ ބަޠާލާއެއްގެ ގޮތުގައެވެ. އަންހެނުންނަށާއި ފިރިހެނުންނަށް، އެކަމަނާ ނަމޫނާއެއް ކަމުގައި ވެވަޑައިގެންނެވިއެވެ. އެއީ، އެމީހަކު އީމާންވާ ކަމަކަށްޓަކައި ހަނގުރާމަ ކުރުމަށާއި ފަހަރެއްގައިވެސް ބަލި ޤަބޫލު ނުކުރުމެވެ.

ލިޔުން ނަގާފައިވަނީ ކްލިކް ފޯ އިސްލާމް.ކޮމް އިން

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, April 14, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޙައުލާ ބިންތް އަލްއަޒްވަރު"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް