އެންމެ ފަހުގެ

|

އައިޕެޑެއް ގަތުމުގެ ކުރިން އެގެންޖެހޭ މުހިންމު 12 ކަމެއް.

އައިޕެޑްގެ ތަފާތު ވީޑިއޯތަށް ފެނިފައި ވުމަކީ އެކަށީގެންވާކަމެކެވެ. ފަހަރެއްގައި، އެފަދަ އިލެކްޓްރޯނިކް އާލާތްތަކަށް ލޯބި ކުރާ ފަރާތްތަށް އައިޕެޑް ގަތުމާއިމެދު ދެޚިޔާލެއްގައި ތިބުންވެސް ހަމަ އެކަށީގެންވެއެވެ. ވުމާއިއެކު، އެފަދަ މީހުންނަށް ކުޑަވަރެއްގެ އެހީއެއް ވެވިދާނެކަމަށް އުންމީދު ކުރާހާލު، މި ލިއުން އައިޕެޑެއް ގަތުމުގެ ކުރިން އެގެންޖެހޭ މުހިންމު 12 ކަމެއް ގެ މައްޗައް ބަލާލާނަމެވެ.
އައިޕެޑެއް ގަންނާނަންތަ ހަމަ؟ ދެން ކޮން ބޭނުމެއް އެއިން ހިފާނީ؟


1- ލެޕްޓޮޕަކާއި އައިޕެޑަކާއި ހުރި ތަފާތަކީ ކޮބާ؟
' ލެޕްޓޮޕް ' އެބަސް މިހާރު ޓެކްނޮލޮޖީގެ ދުނިޔެއިން ނެތިދިއުން ވަނީ ވަރަށް ގާތުގައެވެ. ހިރަފުސް އަރާފައިވާ މޭޒެއްގެ މަތިން ހިރަފުސް ފޮޅާލީމާ އެވާ ހަލަ ގޮތެއް ލެޕްޓޮޕްތަކަށްވެސް ވާން ދާދި ކުޑަތަން ވަނީ ވެފައެވެ. އެޕަލް އައިޕެޑަކީ ތުނި ހިފާގެންގުޅެން ފަސޭހަ ޕަރސަނަލް ކޮމްޕިއުޓަރެކެވެ. ނަމަވެސް ލެޕްޓޮޕަކާއި ވަރަށް ތަފާތު، ފިޒިކަލް ކީބޯޑެއް އެއާއި އެކުލެވިގެން ނުވާ އާލާތެކެވެ. ތަފާތު ތަންކޮޅަކީ އައިޕެޑްގައި ހަލުއި ކަމާއިއެކު އެއްފައިލުން އަނެއްފައިލަށް ދެވުމާއި ފޮޓޯ ހުންނަ ފައިލްތައް ހުޅުވޭލެއް އަވަސް ކަމާއި މިހަކަލަ އެތައް ހިތްގައިމު ކަންތައް ކުރެވޭލެއް ފަސޭހަވުމެވެ. އައިޕެޑް ޓަޗް އަދި އައިފޯން ގައިވެސް މަސައްކަތް ކުރާ ގޮތާއި ދާދި އެއްކަހަލަ ގޮތަކަށެވެ. މިގޮތަށް މަސައްކަތް ކުރާ ބައެއް ލެޕްޓޮޕްތައްވެސް މަދުން ނަމަވެސް މިހާރު ފެންނަމުން ދެއެވެ.

2- ކިންޑްލް ކަހަލަ އީ-ރީޑަރ އާއި އައިޕެޑް ތަފާތުވަނީ ކިހިނެއް؟
އެމޭޒަން ކިންޑްލް އަކީ ދުނިޔޭގައި ވަރަށް ހަލުއި ކަމާއިއެކު ކުރިއަރަމުން މަޝްހޫރުވަމުން އަންނަ ޑިޖިޓަލްކޮށް ފޮތްތައް ފަސޭހަ ކަމާއެކު ކިޔާލެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ އާލާތެކެވެ. އައިޕެޑަކީ ޑިޖިޓަލްކޮށް ފޮތްތައް ފަސޭހަ ކަމާއެކު ކިޔާލެވޭ ގޮތަށާއި ޕާރސަނަލް ކޮމްޕިއުޓަރެއްގެ ބޭނުންވެސް ކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ އާލާތެކެވެ. އެމޭޒަން ކިންޑްލްއާއި އައިޕެޑްގައި ތަފާތު ކަންތަކެއް ހުންނަނީ މިސަބަބަށްޓަކައެވެ.
އެންމެ ފުރަތަމަ ކަމަކަށް، އައިޕެޑަކީ ތަފާތު ކުލަތަކުން ޖަރީކުރެވިގެންވާ 'ކަލަރ ޑިސްޕްލޭ' އެއް އެކުލެވިގެންވާ އާލާތެކެވެ. ކިންޑްލްގައި ހަމައެކަނި ޑިސްޕްލޭވާނީ ކަޅު ކުލައާއި ހުދު ކުލައެވެ. ބައެއް މީހުން ބުނާގޮތުގައި އެ ސަބަބަށްޓަކާ އައިޕެޑް، ކިންޑްލް ގެ މައްޗައް ކުރި ހޯދަފާނެއެވެ. ކިޔަވާ ކުދިންނާއި ފޮތްކިޔާމީހުނަށް އެމީހުން ގަޔާވާ ކަހަލަ، ކިޔާހިތުން ކުލަ ފޮޓޯއާއި ލިޔުންތަކުން ހިތްގައިމުކަން ގެނެސްދޭ އެކުވެރިޔަކަށް އައިޕެޑް ވެގެންދާނެކަމީ ދުރުގައިވާ ކަމެއް ނޫނެވެ.

ކިންޑްލް އާއި އަޅާބަލާލާއިރު އައިޕެޑްގައި ވަރަށް ރަގަޅު ތަފާތެއް ހުރެއެވެ. ފޮތް ކިޔާ މީހުންނަށް ބޭނުންވާނޭ ގޮތަށް ތަފާތު ގޮތަކަށް ލިޔުންތައް ފެންނާނެއެވެ. ފޮތެއްގެ ދެ ޞަފުޙާ ފެންނާނެއެވެ. ފޮތެއް ހުޅުވާފައި އޮންނަ އިރު ފެންނަ ގޮތަށެވެ. މުޅި ސްކްރީނަށްވެސް ފިޓުވެފަ ހުންނަގޮތަށް ސެޓުކޮށްލެވެއެވެ. ހަމަ އެހެންމެ ފޮތުގައި ލިޔެފައި ހުންނަ ލިޔުން ބޮޑުކޮށް ކުޑަކޮށް، ވަކިވަކި ބަސްތައްވެސް ހޯދާލެވެއެވެ. ކިންޑްލްގައި ފޮތެއް ހުޅުވައިފިނަމަ ހުންނާނީ ހަމަ އެކަނި މުޅި ސްކްރީނަށްވެސް ފިޓުވެފަ ހުންނަގޮތަށް ސެޓުވެފައެވެ. އިތުރު ގޮތަކަށް ބަދަލެއް ނުކުރެވެއެވެ.
ފަހަރުގައި ތަފާތު އެކިއެކި އޮންލައިން ބުކްޝޮޕް ތަކުން ފޮތް ގަންނަން ލިބެން ހުރެދާނެއެވެ. އައިޕެޑްގެ އަހުލުވެރިންނަށްޓަކައި އެޕަލްގެ އާ ޑިޖިޓަލް ފޮތްފިހާރަ 'އައިބުކް ސްޓޯރ' 24 ގަޑިއިރު ހުޅުވިފައި ހުންނާނެއެވެ. އީ-ޕަބް އެޕްލިކޭޝަނަކީ، އެޕަލުން ގަންނަ ފޮތްތައް ކިޔަން ޚާއްޞަ ސޮޕްޓްވެއާރ އެކެވެ. ކިންޑްލްގެ އަހުލުވެރިން ފޮތްތައް ގަންނަންޖެހޭނީ އެމޭޒަން.ކޮމް އިންނެވެ.

3- އައިޕެޑްގެ އަގުތައް އުޅެނީ ކިހާވަރަކަށް؟
އައިޕެޑްގެ އަގުތައް އުޅެނީ 499 އެމެރިކާ ޑޮލަރާއި 829 އެމެރިކާ ޑޮލަރާއި ދެމެދުގައެވެ. އެންމެ އަގު ބޮޑު އާލާތަކީ، އެންމެ މެމޮރީ ސްޕޭސް ބޮޑު އެއްޗެވެ. އޭގެ މާނައަކީ، އެންމެ ގިނައިން މިއުޒިކާއި ވީޑިއޯ ރައްކާކުރެވޭ ކުރެވުމެވެ. ހަމައެކަނި ވައި-ފައި އާ ގުޅާލެވޭ އައިޕެޑަކީ އެންމެ އަގުހެޔޮކޮށް ވިއްކާ އައިޕެޑެވެ. އެންމެ އަގުބޮޑުކޮށް އުޅެނީ ވައި-ފައި އާއި ތްރީޖީ ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އައިޕެޑު ތަކެވެ.

4- އައިޕެޑު ގަންނައިރު 'އޭޓީ އެންޑް ޓީ' ގެ ކަސްޓަމަރަކަށް ވާން ޖެހޭތަ؟
އައިޕެޑު ގަންނައިރު 'އޭޓީ އެންޑް ޓީ' ގެ ކަސްޓަމަރަކަށް ވާކަށް ކޮންމެހެން ލާޒިމެއް ނޫނެވެ. އައިޕެޑް ވައި-ފައި ޓެކްނޮލިޖީ ހަމައެކަނި ހިމަނާފައިވާ އާލާތެއް ގަންނަ ނަމަ، ގޭގަ އާއި ކޮފީ ޝޮޕްތަކުގަ އާއި އަދި ވައި-ފައި ލިބޭ ކޮންމެ ތަނެއްގައި ވެސް އިންޓަރނެޓުގެ ބޭނުން ކުރެވޭނެއެވެ. ތްރީޖީ ޓެކްނޮލޮޖީ ހިމަނާފައިވާ އައިޕެޑް، އެ ކަނެކްޝަން ލިބޭ ކޮންމެ ތަނެއްގައި ބޭނުން ކުރެވޭނެއެވެ. 'އޭޓީ އެންޑް ޓީ' ގެ ތްރީޖީ ނެޓްވޯރކް ވެސް ބޭނުންވާނަމަ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަން އައިޕެޑްގެ ވެރިންނަށް ލިބިގެންވެއެވެ. 'އޭޓީ އެންޑް ޓީ' އިން ތްރީޖީ ނެޓްވޯރކް ޚިދުމަތް ހޯދައިގަތުމަކީ ކޮންމެހެން ކުރަން މަޖުބޫރު ކަމެއް ނޫނެވެ. އެ ޚިދުމަތް ދޭ އެހެން ކޮންމެ ކުންފުންޏެއްގެ ޚިދުމަތްވެސް ހޯދިދާނެއެވެ. އިޚްތިޔާރު ކުރާނީ އައިޕެޑްގެ ވެރިންނެވެ.

5- ކީބޯޑެއް ނެތީމަ އައިޕެޑްގައި ލިޔަނީ ކިހިނެއް؟
ފިޒިކަލް ކީބޯޑުގެ ބަދަލުގައި އައިޕެޑްގައި ވަނީ ޑިޖިޓަލް ކީބޯޑެކެވެ. ކީބޯޑް ބޭނުންވާ ހާލަތެއްގައި ކީބޯޑު ހުޅުވަން އައިޕެޑްގެ ވެރިން އިޒުނަ ހަމަ ދިނުމާއި އެކު އައިޕެޑްގެ ތެރެއިން ކީބޯޑް ތިލަވެގަނެއެވެ. އައިޕެޑް ޓަޗް އައި އައިފޯނުގައި ކަންތައް ވެގެންދާ ގޮތާއި ދާދި އެއްގޮތަކަށެވެ. އައިޕެޑްގައި ލިޔެވޭނީ ކުރިން ދެންނެވިގޮތަށް ތިލަ ވެފައިވާ ކީބޯޑް ގެ މަތީގައި އިގިލި ޖެއްސުމުންނެވެ. ޑިޖިޓަލް ކީބޯޑެއް ކަމުން، ފިޒިކަލް ކީބޯޑެއްބޭނުން ކުރާއިރު އެވާ އިހުސާސެއް ނުވާނެއެވެ.

6- އެންމެ ރަގަޅަށް އައިޕެޑުން ހިފޭނެ ބޭނުމަކީ ކޮބާ؟
އައިޕެޑް ތައްޔާރުކުރެވިފައި ވަނީ މީޑިއާގެ ތަފާތު ބޭނުން ކުރެވޭ ގޮތަށެވެ. ފޮތް ކިޔުމަށާއި އިންޓަނެޓް ބޭނުން ކުރުމަށާއި ތަފާތު ވީޑިއޯއާއި ފިލްމު ބެލުމަށެވެ. އަދި ހަމަ އެހެންމެ ގޭމްކުޅުމަށްވެސް އެންމެ އެކަށޭނެ އާލާތަކަށް އައިޕެޑް ވެގެންދެއެވެ. ސަތޭކައިން ގުނާލެވޭ ތަފާތު އެޕްލިކޭޝަންތަކާއި ގޭމްތައް 'އައިޕެޑް އެޕް' ސްޓޯރުން ލިބެން ހުންނާނެއެވެ. ބައެއް އެޕްލިކޭޝަންތަކަކީ ގަންނަން ލިބެން ހުންނާނެ އެޕްލިކޭޝަންތަކެވެ.
އައިޕެޑްގައި ޑީވީޑީ ޕްލެޔަރެއް ނީންނާނެއެވެ. އެކަމަކު ފިލްމެއް ބަލާލަން ބޭނުންވާ ނަމަ އެޕަލުން ޑައުންލޯޑް ކޮށްލައިގެން ބަލާލެވިދާނެއެވެ. ނުވަތަ ވެބްސައިޓެއް މެދުވެރިކޮށް ޔޫޓިއުބުން ބަލާގޮތަށްވެސް ބެލިދާނެއެވެ. ބުނެވޭގޮތުގައި އައިޕެޑްގެ ބޭނުން އެންމެ ރަގަޅަށް ހިފޭނީ އީ-މެއިލް ފަދަ އެއްޗެހި ކިޔާލާހަދާލާށެވެ. ކޯޑް ކުރުމާއި ވެބްސައިޓު ފަދަ އެއްޗެތި ހަދާލުމަށް އައިޕެޑްބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް ވެބްސައިޓު ތަކުގައި ހުންނަ ލިއުން ކިޔާލުމަށާއި ފޮޓޯފަދަ ތަކެތި ބަލާލުމަށް އައިޕެޑަކީ ހަމަ އެއްވަނައިގެ އާލާތެއްކަމަށް މާހިރުން ވިދާޅުވެއެވެ.

7- އެކްސެލް ޝީޓާއި ޑޮކިއުމެންޓު އަދި ޕްރެޒެންޓޭޝަން އައިޕެޑުން ހެދޭތަ؟
އައިޕެޑުގައި އެކްސެލް ޝީޓާއި ޑޮކިއުމެންޓު އަދި ޕްރެޒެންޓޭޝަން ހެދުންފަދަ މަސައްކަތަށް ޚާއްޞަ އެޕްލިކޭޝަންތައް އެޕަލުން ވަނީ އުފައްދާފައެވެ. 'އައިވޯރކް' ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަންތައް ކޮންމެ މަސައްކަތަކަށް އެ މަސައްކަތަކާއި ގުޅޭ ގޮތަށް ވަނީ އުފައްދާފައެވެ. ކޮންމެ އެޕްލިކޭޝަނެއްވެސް ޖެހެނީ ވަކިވަކިން ގަންނާށެވެ. އަގަކީ 9.99 އެމެރިކާ ޑޮލަރެވެ. އެކްސެލް ޝީޓާއި ޑޮކިއުމެންޓު އަދި ޕްރެޒެންޓޭޝަން އައިޕެޑުން ހެދުމުގެ ގާބިލުކަން އެ އެޕްލިކޭޝަން ތަކުން ލިބޭނެއެވެ.
އެކްސެލް ޝީޓާއި ޑޮކިއުމެންޓު އަދި ޕްރެޒެންޓޭޝަން އައިޕެޑުން ހެދުމަކީ ކިހާ ފަސޭހަ ކަމެއް ކަމެއް އަދި އެނގޭވަރެއް ނުވެއެވެ. ބައެއް މީހުން ބުނާގޮތުގައި ވިޔަފާރި ދާއިރާގައި އުޅޭ މީސްމީހުންނަށް ފަސޭހަކަން ގެނުވައިދޭ އާލާތަކަށް އައިޕެޑް ވެގެން ދާނެއެވެ. އަނެއްބައި މީހުން ބުނާގޮތުން ތަންކޮޅެއް ސީރިއަސްކޮށް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އައިޕެޑް ގެ އިތުރުން އެހެން ކޮމްޕިއުޓަރެއްގެ ބޭނުންވެސް ކުރަންޖެހޭނެއެވެ.
އައިޕެޑްގައި ވައި-ފައި ކޮށް ޕްރިންޓަރާއި ގުޅުވާލުމުގެ ގާބިލުކަން ވެސް ލިބިގެން ވެއެވެ. ތަފާތު ޑޮކިޔުމަންޓު ތަކާއި ފޮޓޯތައް ވަޔަރލެސްކޮށް ޕްރިންޓު ކޮށްލެވޭކަމީ އައިޕެޑަށް ލިބޭ އިތުރު ޕޮއިންޓަކަށް ވާނެއެވެ. މި މަސައްކަތް ކުރުމަށް އެޕްސްޓޯރުން ޚާއްޞަ އެޕްލިކޭޝަނެއް ގަންނަން ޖެހެއެވެ.

8- އައިޕެޑުން އެއްވެސް ވެބްސައިޓަކަށް ވަދެ ބްރައުޒް ކުރެވޭތަ؟
އައިޕެޑުން ފްލޭޝް ޕްލޭޔަރ މެދުވެރިކޮށް ބެލޭ އެއްވެސް ވީޑިއޯއެއް ނުބެލޭނެއެވެ. އައިޕެޑްގައި ފްލޭޝް ކޯޑް ސަޕޯޓް ނުކުރުމުގެ ސަބަބުން އެޕަލްއަށް ވަރަށްގިނަ ފާޑުކިޔުންތައް ރައްދުވަމުންދެއެވެ.
މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު ގިނަ ވެބްސައިޓުތައް ދަނީ އެޗް ޓީ އެމް އެލް 5 ބޭނުންކޮށްގެން އެމީހުންގެ ވެބްސައިޓުތައް އަލުން ފަރުމާކުރަމުންނެވެ. މިގޮތަށް އެޗް ޓީ އެމް އެލް 5 ބޭނުންކޮށްގެން ވެބްސައިޓުތައް ފަރުމާކުރުމުން އައިޕެޑްއިން ފްލޭޝް ޕްލެޔަރު މެދުވެރިކޮށް ނުފެންނަ ވީޑިއޯތައް ފެންނާނެއެވެ. ނަމަވެސް، ހަމަ ފަހަރެއްގައި ވެބް ޕޭޖުގައި ހުސް ގޮޅިއެއް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، އެންމެ އާދައިގެ ގޮތަށް ކޯޑް ކޮށްފައި ހުންނަ ވެބްސައިޓު ތަކުގައި ހުންނަ އެފަދަ ވީޑިއޯތައް ނުފެންނާނެތީއެވެ.

9- އަހަރެން މިހާރު ބޭނުން ކުރަމުންދާ ކޮމްޕިއުޓަރު ބާކީކޮށްލަން ޖެހޭނެތަ؟ ނުވަތަ ހަމަ އައިޕެޑާއި އެކު ކޮމްޕިއުޓަރުވެސް ބޭނުން ކުރަން ޖެހޭނެތަ؟
ޓެކްނޮލޮޖީ ގެ ޚަބަރުތައް ލިޔާ ބައެއް ލިޔުންތެރިން ބުނާގޮތުން އައިޕެޑަކީ ހުރިހާ ބޭނުމެއް ހިފޭނެ އާލާތެއްކަމަށެވެ. އަނެއްބައި ލިޔުންތެރިން އެކަމާ ދެކޮޅު ހަދައެވެ. އެމީހުން ބުނާގޮތުން އައިޕެޑަކީ ކުދި ކުދި މަސައްކަތް ކޮށްލަން ރަގަޅު އާލާތެއް ކަމަށާއި، އައިޕެޑާއި އެކު ލެޕްޓޮޕެއް ނުވަތަ ޑެސްކްޓޮޕެއް ވެސް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
ކޮމްޕިއުޓަރަކީ ހަގީގަތުގައި އެމީހަކު އޭގެއިން ކުރާ މަސައްކަތެއްގެ މައްޗައް ބިނާވާ އާލާތެކެވެ. ގިނަ ވަގުތު ކޮމްޕިއުޓަރު ދޮށުގައި މަސައްކަތް ކުރަންޖެހޭ މީހުންނަށް އެންމެ ރަގަޅުވަނީ ލެޕްޓޮޕެއް ކަހަލަ އެއްޗެކެވެ. ސަބަބަކީ، އައިޕެޑަށްވުރެ ފަސޭހައިން މަސައްކަތް ކޮށްލެވޭނެތީއެވެ. އައިޕެޑު ބޮޑަށް ކަމުދާނީ ވެބްސައިޓުތައް ހުޅުވާ ޚަބަރާއި ފޮތް ފަދަ ތަކެތި ކިޔާލުމަށާއި، ވީޑިއޯއާއި ފިލްމު ބަލާލުމަށެވެ.
އެޕަލުންނާއި އެނޫންވެސް އެހެން ބައެއް ފަރާތްތަކުން އައިޕެޑުގައި ބޭނުންކުރެވޭ ފިޒިކަލް ކީބޯޑު ވިއްކައެވެ. ދިގުކޮށް އެއްޗެއް ލިޔެލަން ބޭނުން ވާ މީހުންނަށް ޚާއްޞަ ކޮންނާއި އަދި ޑިޖިޓަލް ކީބޯޑުން ލިޔަން ބޭނުން ނުވާ މީހުން ބޭނުންކޮށްލަން ވަރަށް ކަމުދާނެކަމަށް ވެއެވެ.

10- 'އީ- ރީޑާރސް' ނުވަތަ އާންމުކޮށް ލިބެން ހުންނަ ލެޕްޓޮޕު ތަކަށްވުރެ އައިޕެޑް ކުޑަވެފައި ލުއިތަ؟
އައިޕެޑަކީ ބައި އިންޗި ތުނި އާލާތެކެވެ. ބަރު މިނުގައި 700 ގްރާމް ހުންނައިރު، ވާތް ފަރާތު ކަނުގެ މަތިން ކަނާތް ފަރާތުގެ ތިރިއަށް ކަތިކޮށް މިންއަޅާއިރު ސްކްރީނުގެ ބޮޑުމިނަކީ 9.7 އިންޗިއެވެ. ބައެއް ލެޕްޓޮޕްތަކަށް ވުރެން އައިޕެޑް ލުއިވެފައި ކުޑައެވެ. ޑެލް އިން އުފައްދާފައިވާ، ސްކްރީނުގައި 10 އިންޗި ހުންނަ ނެޓްބުކް އައިޕެޑާއި ސައިޒުގެ ގޮތުން ދާދި އެއްވަރަކަސް އައިޕެޑަށްވުރެ 453.5 ގުރާމު ބަރެވެ. އެމޭޒަންގެ ކިންޑްލް އައިޕެޑަށްވުރެ 3 އިންޗި ތުނިވެފައި ގާތްގަޑަކަށް 544.2 ގުރާމް ލުއިވާނެ ކަމަށް އެމޭޒަން.ކޮމް އިން ބުނެއެވެ. ކިންޑްލް ގެ ސްކްރީން އައިޕެޑާއި އެއްވަރުވީ ކަމުގައި ވިޔަސް ކުލަ ސްކްރީނެއް އެއަށް އަދި ލިބިގެނެއް ނުވެއެވެ.

11- ނޫސްތަކާއި މަޖައްލާތައް އައިޕެޑު މެދުވެރިކޮށް ގަނެވޭނެތަ؟
ބައެއް ނޫސްތަކާއި މަޖައްލާތައް އުފައްދާ ކުންފުނިތަކުން ބުނެފައިވަނީ އައިޕެޑަކީ، އެމީހުންގެ އިނދަޖެހެމުން އަންނަ ކުންފުނިތަކަށް ވަރަށްބޮޑު އެހީއެއްވާނެ އާލާތެއް ކަމުގައެވެ. ވަރަށްގިނަ ކުންފުނިތަކުން ޑިޖިޓަލްކޮށް އެމީހުންގެ ނޫސްތަކާއި މަޖައްލާތަށް އައިޕެޑަށް ޚާއްޞަކޮށް މީހާރުވަނީ ފަރުމާކުރަން ފަށާފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ 'ދަ ވޯލް ސްޓްރީޓް ޖާނަލް' އަކީ އެމީހުންގެ މަސައްކަތްތަށް އައިޕެޑަށް މިސްރާބު ޖަހާފައިވާ އެއް ކުންފުންޏެވެ. ގަނެގެން ނޫސް ކިޔާލަން ބޭނުންމީހުންނަށް މަހަކު 17.99 އެމެރިކާ ޑޮލަރަށް އައިޕެޑުގެ ޒަރީޢާއިން އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

12- އައިޕެޑު ގޮތަށް ހިފައިގެން ތަންތަނަށް ގެންދެވޭ އެފަދަ އެހެން ކޮމްޕިއުޓަރު ހުރޭތަ؟
އައިޕެޑު ކަހަލަ ފަތި ލުއި ކޮމްޕިއުޓަރު ހަމައެކަނި އުފައްދަނީ އެޕަލް ކުންފުނިން ނޫނެވެ. އިލެކްޓްރޯނިކް އާލާތްތައް އުފައްދާ އެހެން ކުންފުނި ތަކުންވެސް އެފަދަ ޓެބްލެޓް ޕީސީތައް އަންނަނީ އުފައްދަމުން، އަދި އުފައްދާފައިވެސް ވެއެވެ. ޖެނުއަރީ މަހު އިލެކްޓްރޯނިކްސް އާލާތްތައް ދައްކާލުމަށް ބޭއްވުނު ޝޯ ގައި އެޗްޕީން ވަނީ އެމީހުންގެ ޓެބްލެޓް ޕީސީ ދައްކާލާފައެވެ. ޑެލް ކުންފުނިންވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ޓެބްލެޓް ޕީސީ ބާޒާރަށް ނެރޭނެ ކަމަށް އިއުލާން ކޮށްފައެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, April 04, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އައިޕެޑެއް ގަތުމުގެ ކުރިން އެގެންޖެހޭ މުހިންމު 12 ކަމެއް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް