ނިމުމެއް ނެތް ލޯބި
ޕަބްލިޝް ކުރީ : ޢިމާދު ބިން ނާޞިރު
އަހްމަދު އަމީން
"އަހްމަދު އަމީން
އަހަންނަށް މިކަންތައް ލައިގަތީ ކީއްވެތަ؟ ... އަހަރެންގެ މަންމައަކަށް ކަލޭވީކީއްވެތަ؟ ... އަހަރެން އެތައް ދުވަހަކު ބުނެފީމެއްނު ކަލޭގެ އެހީއެއް އަހަރެން ބޭނުމެއް ނޫނޭ... ކީއްވެތަ އަހަރެން ފަހަތުން ނުނެއްޓިގެން ތިއުޅެނީ...؟ ކަލޭގެސަބަބުން އަހަންނަށް ރައްދުވަނީ މަލާމާތް... ހުސް މަލާމާތް... ހެޔޮނުވާނެ އަހަރެން ދޫކޮށްލަބަލަ! "
އަހަރެންނަށް ހޭލެވުނުއިރު އޮތީ އެނދުގައެވެ. އެއީ ހުވަފެނެކެވެ. އެކަމަކު ޙަޤީޤަތުގައިވެސް
އަހަރެންގެ ހިތުގައި މަންމައަށްޓަކައި ވަނީ މިކަހަލަ ޖުމްލަތަކެކެވެ. ބޭރު ކުރަން ނުކެރެނީއެވެ. އަހަރެންގެ ދިރިއުޅުމުގެ ގިނަދުވަސްތައް ފެށިފައި ހުންނާނީ މިކަހަލަ ގޮތަކަށެވެ. ހުވަފެނަކުންނެވެ. ވާނީވެސް އެހެންތާއެވެ. މަންމަ ދެކެ ރުޅިއައިސްގެން ހުރެ އެނދަށް އެރީމާ އެކަހަލަ ހުވަފެން ނުފެނި ނުދާނެ ނޫންހެއްޔެވެ؟ އެންމެ ކުޑައިރުވެސް އަހަރެން މަންމަ ދެކެ ވަރަށް ރުޅިއާދެއެވެ. މަންމަޔާ ހަތަރު ކަޅި ހަމަކޮށްލެވޭ ދުވަހެއް ވިއްޔާ އެދުވަސް އެއްކޮށް ޚަރާބުވީއެވެ. އެއީ އެހާވެސް އަހަރެން ދެކޭ ހިތްނުވާ މޫނެކެވެ. އަހަރެންގެ ރައްޓެހި ކުދިން އެކުދިންގެ މަންމަދެކެ ވަރަށް ލޯބިވާކަން އެނގެއެވެ. އެކަމަކު އަހަންނަށް އެކަން އެގޮތަށް ކުރެވޭކަށް ނެތެވެ. މައްސަލައަކީ އެންމެ ކަމެކެވެ. މަންމަގެ ސަބަބުން އަހަރެންގެ ރައްޓެހި ކުދިން އަހަންނަށް މަލާމާތް ކުރާތީއެވެ. އެހެން ކަމުން އަހަރެންދާ އެއްވެސް ތާކަށް އަހަންނާއެކު މަންމަ ދާކަށް އަހަރެން ޤަބޫލެއް ނޫނެވެ. އަދި އަހަރެން އުޅޭތާކަށް މަންމަ ދިއުން ވެސް އަހަރެން ނޭދެއެވެ. " ދަރިފުޅާ ބެލްޓް ނާޅައެއްނު ތިޔައީ " އަހަރެން ސްކޫލް ކައިރީ ހުއްޓާ ފުރަގަހުން މަންމަގެ އަޑު އިވުނެވެ. އަހަންނަށް ރުޅިވެރި ނަޒަރަކުން އެނބުރި މަންމައާ ދިމާއަށް ބަލާލެވުނެވެ. މަންމަ އިސްދަށަށް ޖަހައިގެން ބެލްޓް ދިއްކޮށްލިއެވެ. އަހަރެން ފާޑަކަށް ބެލްޓް ޖަހައިގަތީމެވެ. މަންމަ އެނބުރި ހިނގައިގަތެވެ. ވަރަށް ދެރަވެ ހުރެއެވެ. އަހަރެން ފަސްއެނބުރި ބަލައިވެސް ނުލާ ގޮސް ސްކޫލު ތެރެއަށް ވަނީމެވެ.
" ޝިޔާންޓޭ މަންމަތަ އެއީ؟ " ރައްޓެހި ކުއްޖަކު ބުންޏެވެ. " ނޫން... ޝިޔާންޓޭ މާމަ އެއީ " އެހެން ކުއްޖަކު ޖަވާބު ދިނެވެ. " މާމަގެ އެއްލޯ މާކަނާކަލޯ ބޯލީތަ؟ " ހުރިހާ ކުދިން އެއްފަހަރާ ހޭންފެށިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން ބުނާނެ އެއްޗެއް ނުވެސް ނެތީއެވެ. އެއީ އަހަރެންގެ މަންމައެވެ. އެއްލޯ ނެތް މަންމައެވެ.
" ކިތައް ދުވަހު މަންމަ ގާތު ބުނާނީ ސްކޫލް ކައިރިއަށް ނުދާށޭ " އަހަރެން ގެއަށް އައިސް ހިތްހަމަ ނުޖެހިފައި ހުރެ ބުނީމެވެ. "
ދަރިފުޅު.... ބެލްޓް... " މަންމައަށް ބުނެވުނެވެ. " އަބަދުވެސް މަންމަ ކަންތައް ކުރާނީ އެހެން " އަހަރެން ރުޅި މޫނަކާއެކު ކާން އިށީނީމެވެ. "
މަންމަ ދިޔައީ ދަރިފުޅަށް ރަނގަޅަކަށް " މަންމަގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެކަމަކު އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. "
ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަގޭ ފަހަތުން ދާންވެގެން... މިކަމުން ދުވަހަކު ސަލާމަތެއްވެސް ނުވި " އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ކުޑަކުޑަ އެތިކޮޅެއް ކާލައިގެން ހިނގައިގަތީމެވެ. " ދަރިފުޅު ހާދަ މަދުން ތިކެއީ؟ " މަންމަ އަހަރެން ދާން ހެދީމާ ބުނެލިއެވެ. އަހަރެން އިވޭ ކަމަށްވެސް ހަދާ ނުލައި ދިޔައީމެވެ. ދިޔަ މަގުމަތީގައި ނޭނގޭ ކަމަށް ހަދާފައި މަންމަ ކިއްލި ހަދަން
ގެންގުޅުނު ފޯއްއެތި ބަންޑުން ކޮށްލީމެވެ. އެއީ އަހަރުމެންގެ ޢާއިލާ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ބައްޕައެއް ނެތެވެ. ބައްޕަ ވީ ހިސާބެއްވެސް ނޭނގެއެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ދުވަހަކުވެސް ބައްޕަ ނުދެކެމެވެ. އަހަރަމެން ކައިބޮއި އުޅެނީ މަންމަ ކުރާ ކުދިކުދި މަސައްކަތުންނެވެ. ދުވަހަކުވެސް ސްކޫލަށް ބޭނުންވާ އެއްޗެއް ނުލިބިގެން އުޅޭކަށް ނުޖެހެއެވެ. މަންމަ އެއެއްޗެއް ހޯދައި
ދޭނެއެވެ. ބަނޑުހައިވެފަ ހުންނާކަށް ނުޖެހެއެވެ. އެންމެ ފެންވަރުގެ ކެއުން ނޫނަކަސް ކާން ހުންނަ އެއްޗެހި ނުބައެއް ނޫނެވެ. މިހުރިހާ ކަމެއް މިހެން
ހުންނައިރުވެސް މަންމަދެކެ އަހަރެންނަށް ރުޅިއާދެއެވެ. އެންމެ ސަބަބަކަށްޓަކައެވެ. މަންމަގެ އެއްލޯ ނެތީމައެވެ. މަންމައާ ވަކިވެވޭނެނަމަ މިހާރުވެސް އުޅުނީހީ ވަކިންނެވެ. ދުވަހަކުވެސް ފެންނަ ހިސާބަށް ނުވެސް އައީމުއެވެ.
މެންދަމުން އަލިވެ ދޭއްޖެހީއެވެ. އަހަންނަށް އޮވެވުނީ އެނދުގައި ފުރޮޅި ފުރޮޅިއެވެ. ނިދި އަހަންނާ ވަރަށް ދުރުހެން ހީވެއެވެ. ނިދީގެ އެއްވެސް އަސަރެއް އަހަރެންގެ ކިބައަކު ނެތެވެ. ވިސްނެނީ ހަމަ މަންމަގެ އުނދަގުލުން ސަލާމަތް ވެވޭނެ ގޮތަކާ ދޭތެރޭގައެވެ. އެންމެ ފަހުން އަހަރެން އެނދުން ތެދުވެގެން ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. ފެންބޮވައިގަނެގެންނެވެ. އަހަރެން ގޮސް ކާކޮޓަރީގެ ދޮރާ ހިސާބަށް އެރިއިރު މީހަކު ގިސްލަ ގިސްލާފައި ރޯއަޑު އިވެއެވެ. އެއީ މަންމައެވެ. މަންމަ އިނީ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއެވެ. މަންމަ އިނީ މިއަދުވީ ކަންތަކާ ދެރަވެފަކަން އަހަންނަށް ޔަޤީން ވިއެވެ. އެކަމަކު އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ގޮސް އައިސް އަލަމާރީ ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން ފެންތައްޓެއް ބޯލީމެވެ. އަދި މަންމައާ ދިމާއަށް ބަލައިލީމެވެ. މަންމަ މޫނު ފޮހެލުމަށްފަހު ހިނިތުންވެލިއެވެ. އަހަރެން ވަރަށް އަވަހަށް އެތަނުން ނިކުމެ ހިނގައިގަތީމެވެ. " ދަރިފުޅާ " މަންމަ ގޮވާލިއެވެ. އަހަރެން އަޑު އިވޭކަމަށްވެސް ހަދާނުލާ ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދެވުނު އިރު އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ. ހިތައް އެރިއެވެ. " އެދައިތަ އެއުޅެނީ ކިހިނެތް ވެގެން ހެއްޔެވެ؟ މަގޭ ރުހުން ހޯދަން ހާދަ ވަރެއް އެބަވެއެވެ. އެކަމަކު އަހަރެން އޭނާދެކެ ނަފުރަތު ކުރަމެވެ. އަހަރެންގެ ރުހުން ދުވަހަކުވެސް އޭނާއަކަށް ނުލިބޭނެއެވެ. "
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ސްކޫލް ދައުރު ނިމި، އަހަންނަށް ސްކޮލާޝިޕެއް ލިބުނެވެ. އެދުވަސްހާ އަހަރެން އުފާވީ ދުވަހެއް އަހަރެންގެ ޙަޔާތުގައި ނާދެއެވެ. އަހަރެން ބޮޑަށް އުފާވީ ކިޔަވަންދާން ފުރުޞަތު ލިބުނީމައެއް ނޫނެވެ. މަންމައާ ދުރަށް ދެވޭތީއެވެ. ދަތުރަށް ތައްޔާރުވާން ހުރިހާ ކަމެއް ކޮށްދިނީވެސް މަންމަ އެވެ. ބޭނުން ހުރިހާ އެއްޗެއް ހޯދައިދިނެވެ. އެކަމަކު އަހަރެން ނުކުމެގެން ދަމުން މަންމައާ ސަލާންކޮށް ނުލިތާނގަ ބަލާވެސް ނުލަމެވެ. އެކަމަކު އެއީ އެންމެ ކުޑައިރުއްސުރެ އަހަރެން ގެންގުޅެ މިވަރުކުރި އަހަރެންގެ އުފަން މަންމައެވެ.
އަހަރެން ޓެކްސީއަށް އަރާ ޓެކްސީ ނައްޓާލީމާ މަންމަގެ ލޮލުން ކަރުނަ ހިލުނެވެ. އަހަންނަށް އެމަންޒަރު ޓެކްސީގެ ލޯގަނޑުން ފެނުނެވެ. ޓެކްސީ ގޮސް އޮބާލަން ހެދުމުން އަހަރެން ފަހަތައް އެނބުރި ބަލާލީމެވެ. އޭރު މަންމަ ހުރީ ވަދާޢުގެ
ސަލާމަށް އަތް ހިއްލާލައިގެންނެވެ. ހިނިތުންވެފައެވެ. އަހަރެން މޮޅުމީހަކަށް ވުންއެއީ މަންމަގެ އުއްމީދެވެ.
ކިޔަވަން ގޮސްއުޅުނުއިރު ފުރަތަމަ ކޮޅު މަންމަގެ މަތިން ވަރަށް ހަނދާންވިއެވެ. އެކަނި ކަންތައްތައް ކުރަން ޖެހުމުން މަންމަގެ ރަނގަޅުކަން ހިތައް އެރިއެވެ. އެކަމަކު ފަހުން ވިސްނުނީ އެއީ ރަނގަޅު ނޫނަސް ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައް ވީމަ ކޮށްދިނީ ކަމަށެވެ. އެހާހިސާބުން ކުރިން ވެސް މަންމައާ މެދު ދެކެމުން އައި ގޮަތަށް އަހަރެންގެ ނަޒަރު ބަދަލުވިއެވެ. އެހެން ކަމުން މަންމަ މަތިން އެއްކޮށް ހަނދާން ނައްތާލަން މަސައްކަތް ކުރީމެވެ. ދެވަނަ ފަހަރަށް ދެކެން ބޭނުންވެސް ނުވަނީއެވެ. މަންމައާ ވަކިން އުޅެން ފެށުމުން އަހަންނަށް އެއްވެސް ރައްޓެއްސެއްގެ ފަރާތުން
މަލާމާތެއް ރައްދެއް ނުވެއެވެ. އެހެންކަމުން އަހަރެން ނިންމީ ކުރިން ދިމާވި ހުރިހާ ކަމަކީވެސް މަންމަގެ ސަބަބުން ދިމާވި ކަންތައް ކަމުގައެވެ. އަހަންނަށް އަހަރެންގެ ސިކުނޑި ޅަކަމެއް ނުވިސްނުނެވެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަހަންނަށްވުރެ ވިސްނޭ މީހެއްވެސް ނެތެވެ. އެހެން ގޮތަކަށް ބުނަންޏާ އަހަންނަށް އަހަރެން ފެނިއްޖެއެވެ. އަހަރެން މީހަކަށް ހަދައިދިނީ ކާކުކަން ހަނދާން ނެތިއްޖެއެވެ.
ކިޔަވާ ނިމިގެން އަހަރެން މާލެއައީ މީހަކާވެސް އިނދެގެންނެވެ. އެއީ އަހަރެންނާ އެއްކޮށް ކިޔަވަން އުޅުނު ދިވެހި ކުއްޖެކެވެ. އޭރު އަހަރެންނަށް ދަރިޔަކުވެސް ލިބިއްޖެއެވެ. އަހަރެން މާލެ އައިކަން މަންމައަށް ނުވެސް އެނގެއެވެ. އަހަރެން ކިޔަވަން ދިޔަފަހުން އަހަރެން ދުނިޔޭގައި އުޅޭކަމެއްވެސް މަންމައަށް އަންގާނުލަމެވެ. އެއީވެސް މަންމަ އަހަރެން މަތިން ހަނދާން ނެތޭތޯއެވެ. އެކަމަކު މަޔަކަށް އަމިއްލަ ދަރިއަކު ހަނދާން
ނައްތާ ނުލެވޭނެކަންވެސް އަހަންނަށް ނޭނގުނެވެ. އަހަރެން މާލެއައިސް އަމިއްލަ ފައިމައްޗަށް ތެދުވެ އުފަލުގައި އުޅުނީމެވެ. ލޯބިވާ އަނބިމީހާއާ ދަރިފުޅާއެކީއެވެ. އަހަރެންގެ އަންހެނުން އަބަދުވެސް އަހަރެންގެ ޢާއިލާގެ އިތުރު މީހަކު ނުހުންނަނީތޯ ސުވާލު ކުރެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ހަދަނީ ދޮގެވެ. " ޝިޔާމް ޢާއިލާގެ ހަމަ އެއްވެސް މީހަކު ދުނިޔޭގަ ނެތީތޯ؟ " ދުވަސްތަކަކަށް ފަހު ނަޝީ އަހަންނާ ސުވާލުކުރިއެވެ.
އެސުވާލުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެސުވާލު އަޑުނީވޭތާ ގިނަ ދުވަސް ވީމައެވެ. މަންމަ މަތިން ހަނދާންވެސް ވިއެވެ. އެކަމަކު އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. މަންމަގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އަސަރެއް ކޮށްފާނެތީއެވެ. މަންމަގެ ސަބަބުން އަހަރެންގެ އަނބިމީހާއާއި ދަރިފުޅު އަހަންނާ ވަކިވެދާނެތީއެވެ. އަހަރެން ދެކޭ ގޮތުގައި މަންމައަކީ އެހާވެސް ސުންޕާ މީހެކެވެ. " އާނ... ހުރިނަމަ މިހާދުވަސް ވާއިރު
ފެނިފައެއްނު ހުންނާނީ " އަހަރެންގެ އާދައިގެ މަތިން ދޮގު ހެދީމެވެ. އެހެން ކަމުން ނަޝީވެސް އެވާހަކަ ހުއްޓާލިއެވެ.
އަހަރެންގެ ކުޑަކުޑަ ޢާއިލާ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ތިއްބާ މީހަކު އައިސް ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަކުޑަ ޝަފާ ދުވެފައި ގޮސް ދޮރުހުޅުވާލިއެވެ. އަދި ދިޔަ ވަރަށްވުރެ ބާރަށް ދުވެފައި އައިސް އަހަރެންގެ އުނގަށް ވަނެވެ. " ކިހިނެތްވީ ދަރިފުޅާ؟ " އަހަރެން ސުވާލުކުރީމެވެ. ޝަފާ ބޯހިއްލާވެސް ނުލިއެވެ. އަހަރެން ދަރިފުޅު ނަޝީއާ ހަވާލުކޮށްފަ ދޮރާ ދިމާއަށް ދިޔައީމެވެ. ބޭރުގައި އިން މުސްކުޅި މީހާ ފެނިފަ އަހަރެންގެ މުޅި ދުނިޔެއަށް ބިންހެލުމެއް އައިހެން ހީވިއެވެ. އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކުރީގެ ހަނދާންތައް އާވާން ފެށިއެވެ. " ކީއްކުރާ މީހެއް... ކީއްކުރަން މިގޭ ދޮރުގަ ޓަކި ޖަހަނީ... ކަލޭމެން އެހެން މީހުނަށް ނުފެންނަ ހިސާބުގަ އުޅެބަލަ... މީސްމީހުންގެ
ޅަދަރިން ބިރުގެންނުވީމާ ކަލޭމެން ވަރަށް ހިތްހަމަޖެހޭތަ؟ ... އަދިވެސް ބަލަން ހުންނަނީތަ؟ ... ދާންއުޅޭ މިތަނުން... " އަހަރެން ހިތަށް އައި ހުރިހާ
އެއްޗެއް ކިޔާލީމެވެ. އެއީ އަހަރެންގެ މަންމަކަން އެނގިހުރެއެވެ. ނަޝީއަށް ހުރިހާ ކަމެއް ފަޅާ އަރާފާނެތީއެވެ. " މާފުކުރައްވާ....! އަޅުގަނޑަށް ނުބައި އެޑްރެހެއް ލިބިފައި އޮތީމަ ވީގޮތް! " މަންމަ ވަރަށް ދެރަވެފަހުރެ މާފަށް އެދުނެވެ. އަހަރެން ވަރަށް ބާރަށް ދޮރުލެއްޕީމެވެ.
" އެކަހަލަމީހުން ބުނާނީ އެހެން...! އެމީހުން އަބަދުވެސް ތިބޭނީ އޮޅިފަ! " އަހަރެން އައިސް އިށީނީމެވެ. " އެދެން އެވަރުކަމެއްތަ؟ ވެދާނެއެއްނު ހަމަ އަސްލުގަވެސް އެމީހާއަށް އޮޅުނީ ކަމަށް " ނަޝީ ބުންޏެވެ. " އޮޅިގެނެއް ނޫން...! ހަމަ ހުންނަ ނުލަފާ ކަމުން! އެމީހުންގެ ޢާއިލާގެ ބަޔަކުވެސް ނުތިބެނީތަ އެކަހަލަ މީހުން ގޭގަ ބައިތިއްބަން!! " އަމިއްލަ ނަފުސަށް އެއްޗިހި ކިޔޭއިރުވެސް އަހަންނަށް ނޭނގުނެވެ. " ދެން އެކަން ހަނދާން
ނައްތާލަބަލަ..........! އެކަން އެނިމުނީނު؟ " ނަޝީ އެންމެ ފަހުން ބުންޏެވެ.
އެރޭ ނިދަން އެނދަށް އަރާފަވެސް އަހަންނަށް ވިސްނުނީ އެކަމާއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ މަންމަގެ އުނދަގޫ ފެށުނީ ބާވައެވެ؟ އަހަރެން ހީކުރީ މިހާ ދުވަސްވީއިރު ދުނިޔޭގައި ނުވެސް ހުންނާނެ ކަމަށެވެ. " ކޮންކަމަކާ ތިވިސްނަނީ؟ " ނަޝީ އަހަންނާ ސުވާލު ކުރިއެވެ. " ނޫން ނުވިސްނަން! " އަހަންނަށް ބުނެވުނެވެ. " މިއަދު ވީކަންތަކާތަ " " އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފަތަ؟ އެވެސް
އިންސާނެކޭ...! އޭނަ ގަސްދުގަ ޝަފާ ބިރުގެންނެވީ ނޫނެއްނު؟ " ނަޝީގެ ވިސްނުމާ އަހަރެންގެ ވިސްނުމާ ވަރަށް ތަފާތެވެ. ވާނިވެސް އެހެންނެވެ. ނަޝީއަކަށް އެކައްޗެއްވެސް ނޭނގެއެވެ. " އެކަމަކާ ނުވިސްނަމޭ " އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. " އެކަމަކު ދަވަހަކުވެސް ޝިޔާމް އުޅުނުގޮތެއް ނޫން ތީކީ " ނަޝީއަށް ކަމެއް ފާހަނގަ ކުރެވިއްޖެކަން އަހަންނަށް އެނގުނެވެ. އަހަރެން ހަމަ ޖެހިލެވޭތޯ ބެލީމެވެ. " ހިނގާ ނިދަމާ... މާދަން އޮފީހަށެވެސް ދާންޖެހެއެއްނު " އަހަރެން ބުނީމެވެ.
ހެނދުނު އޮފީހުގަ އިންއިރުވެސް އަހަރެން ހަމައެއް ނުޖެހެއެވެ. ހުންނަނީ ބޮލަށް އުނދަގޫ ވެފައެވެ. އެދައިތަ ފެނިއްޖެއްޔާ ކުރިންވެސް އަހަރެންގެ ރުޅި ގަދަވެއެވެ. މިހާރު މިއޮތީ އަނެއްކާވެސް އެދުވަސް އައިއްސައެވެ. އޮފީހުގަ އަހަންނަށް ރަނގަޅަކަށް އެއްކަމެއްވެސް ނުކުރެވުނެވެ. މާޒީގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ. އެހެން އިންދާ އަހަންނަށް އެޑްރެސްކޮށްފަ އޮތް ސިޓީއެއް އަހަރެންގެ ސެކްރެޓަރީ
ގެނެސްދިނެވެ. އަހަރެން އެސިޓީ ހުޅުވާފަ ކިޔަން ފެށީމެވެ.
"
އެންމެ ލޯބިވާ ދަރިފުޅަށް މަންމަ ހެޔޮދުޢާ އަބަދުވެސް ވާނީ ދަރިފުޅާއެކުގައެވެ. މިހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. ދުވަހަކު ނުވެސް އޮންނާނެއެވެ. ތީހަމަ މިމަންމަގެ ލެޔެވެ. ދަރިފުޅު މަންމަދެކެ ތިހާ ރުޅި އަންނަނީ ދަރިފުޅަށް ނުވިސްނޭތީކަން މަންމައަށް އެނގެއެވެ. "
އެހާ ހިސާބަށް ކިޔާފައި ސިޓީ ވީދާލަންވެސް ހިތަށް އެރިއެވެ. އުނދަގޫ ކުރާނެ އާގޮތެއް ފެނުނީއޭ ހިތަށް އަރާފައެވެ. އަހަރެންގެ ހިތް ދުވަހަކުވެސް އެދައިތަޔަށް ހެވެއް ނުވާނެޔޭ ހިތަށް އެރިއެވެ. އަހަރެން ސިޓީ ގުޅަކޮށްފަ ވަށިގަނޑަށް ލީމެވެ. " ސިޓީ ގެނައިމީހާ އެބައިން ބޭރުގަ... ސިޓީގެ ޖަވާބެއް ލިބޭނީ ކޮންއިރަކުންތޯ ބަލާފަޔޯ ދާނީ؟ " އަހަރެންގެ ސެކްރެޓަރީ އައިސް ބުންޏެވެ. " އެހީއެއް ދެވެން ނެތޭ ބުނޭ
" އަހަރެން ބުނީމެވެ. ސިޓީގަ އޮތީ ކީކޭކަމެއްވެސް ނޭނގި ހުރެއެވެ. ސެކްރެޓަރީ ދިއުމުން އަހަންނަށް ވަރަށް ބާރަށް މޭޒުމަތީ ޖަހާލެވުނެވެ. އަހަރެން ރުޅި އައިއްސަ ހުރެ ނަޝީ އަށް ގުޅީމެވެ. " ނަޝީ ބުނާނެ އެކަމާ ނުވިސްނާށޭ... އެއީ މަގޭ ފަހަތުން އަޅައިގެން އުޅޭ މީހަކޭ... މިއަދު އަނެއްކާ ފާޑެއްގެ ސިޓީއެއް ހިފައިގެން އޮފީހަށްވެސް އައިއްސި " އަހަރެން ބުނީމެވެ. " ކީކޭ ސިޓީގަ އޮތީ؟ "
ނަޝީ ކުރީ އެހެން ސުވާލެކެވެ. " އަހަރެން ނުކިޔަން... ޑަސްބިނަށް ލައިފިން " އަހަރެން ވަރަށް ފަރުވާ ކުޑަ ގޮތަކަށް ބުނީމެވެ. " އަނހާ...
ކިހިނެތް އެނގޭނީ... ކޮންމެފަދަ ވާހަކައެއްވެސް އޮވެދާނެ... އަޅެ ކިޔާލަބަލަ " ނަޝީ އެދުނެވެ. " މަށެއް ނޫޅެން... ކޮންމެވެސް ލާރިގަނޑެއް
ބޭނުންވެގެން ކަމަށް އެވާނީ " އަހަރެން ފޯނު ބޭއްވީމެވެ. އަދި ގޮޑީގައި ހަމަ ޖެހިލީމެވެ. އެކަމަކު އަހަންނަކަށް އަސްލު ހަމައެއް ނުޖެހެވުނެވެ. އަހަރެންވަށިގަނޑުން އެސިޓީ ނަގާ އަނެއްކާވެސް ކިޔަން ފެށީމެވެ.
"އެންމެ ލޯބިވާ ދަރިފުޅަށް މަންމަ ހެޔޮދުޢާ އަބަދުވެސް ވާނީ ދަރިފުޅާއެކުގައެވެ. މިހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. ދުވަހަކު ނުވެސް އޮންނާނެއެވެ. ތީހަމަ މިމަންމަގެ ލެޔެވެ. ދަރިފުޅު މަންމަދެކެ ތިހާ ރުޅި އަންނަނީ ދަރިފުޅަށް ނުވިސްނޭތީކަން މަންމައަށް އެނގެއެވެ. ދަރިފުޅު މަންމައާ ވަކިވެގެން ދިޔަފަހުން މަންމައަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ތިރުޅި މޫނާއެކީ ވެސް ދަރިފުޅު މަންމަގާތު އުޅެން މިހިތް އަބަދުވެސް އެދެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ދަރިފުޅަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެނބުރި މިނިކަމެތި މަންމައާ ހިސާބަށް އާދޭތޯ ދުޢާ ކުރަމެވެ. މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އަހަރެންގެ ތިދަރިފުޅަކީ މިހާރު މިމާލޭގައި ނެތްވަރުގެ މުއްސަނދި ވިޔަފާރި ވެރިއެކެވެ. އެކަމަކު ދަރިފުޅުގެ ފައިސާއިން އެންމެ ލޯ ލާރިއެއްވެސް މިމަންމަ ބޭނުމެއް ނޫނެވެ. ދަރިފުޅާ ދަރިފުޅުގެ ޢާއިލާ އުފަލުގަ އުޅުނީމަ މަންމައަށް އެނިމުނީއެވެ. އަދި ބުނަން ހެއްޔެވެ؟ މިމަންމަގެ މާމަދަރިފުޅު ވަރަށް ލޯތްބެވެ. އެއީ ހަމަ ދަރިފުޅުގެ ބައްޕަގެ މޫނެވެ. ފިރިހެން ކުއްޖެއްނަމަ ވަރަށް ބޮޑަށް ވައްތަރުވީހެވެ. ދަރިފުޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. މާމައަކަށް ވުމުގެ އުފާ މިމަންމައަށް އިޙްސާސް ކޮށްދިނީތީއެވެ.
ދަރިފުޅާއެވެ.
މަންމަގެ މިސިޓީގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ދަރިފުޅުގެ ކިބައިން ކަންތައް ތަކަކަށް އެދުމެއް ނޫނެވެ. ދަރިފުޅަށް އުނދަގޫ ތަކެއް ކުރުމެއްވެސް ނޫނެވެ. ދަރިފުޅުގެ އަގުހުރި ވަގުތު މިސިޓީ ކިޔަން ބޭކާރުކޮށްލުމެއްވެސް ނޫނެވެ. މަންމަ މިދުނިޔެ ދޫކޮށް ދިއުމުގެ ކުރިން ހުރިހާ ޙަޤީޤަތެއް ދަރިފުޅަށް އެންގުމެވެ.
އާނއެކެވެ.
މިމަންމަގެ ހުންނަނީ އެންމެ ލޮލެކެވެ. އެކަމާ މިމަންމަ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. ކީއްވެކަން ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މަންމަ އެންމެ ލޯބިވާ ދަރިފުޅަށް ދުނިޔެ ފެނުނީ މިމަންމަގެ ލޮލުންނެވެ. ދަރިފުޅުގެ ވާތުލޮލަކީ މިމަންމަގެ މަދު ލޮލެވެ. ދަރިފުޅު ކުޑައިރު ހިނގި އެކްސިޑެންޓެއްގަ ދަރިފުޅުގެ ބައްޕަ މިދުނިޔެއާ ވަކިވީއެވެ. އެޙާދިޘާގަ ދަރިފުޅުގެ ވާތުލޯވެސް ދަރިފުޅަށް ގެއްލުނީއެވެ. އޭރު އަހަރުމެންނަކީ ފުދިގެން އުޅުނު ތަނަވަސް ބަޔަކީމެވެ. ދަރިފުޅުގެ ލޯބަދަލުކުރަން ކުރި އޮޕަރޭޝަނަށް އަހަރެންގެ އަތުގަ ހުރި ހުރިހާ ލާރިއެއް ޚަރަދު ވީއެވެ. ދަރިފުޅާއެވެ. އެހެންމީހުން މަންމައާ ދިމާއަށް އެއްލޯ ނެތޭ ބުންޏަސް، ދަރިފުޅާ ދިމާއަށް އެހެން ބުނާ އަޑުއަހަން މިމަންމައަކަށް ކުޅަދާނައެއް ނުވާނެއެވެ. އެންމެ ލޮލަކާ އެކީ ދަރިފުޅު ބޮޑުވާތަން ދެކޭނެހާ ހިތްވަރެއްވެސް މިމަންމައަށް ނުލިބޭނެއެވެ. މަންމަ މިގޮތަށް ނިންމީ އެހެންވެއެވެ. މަންމަ ހަޑި މީހަކަށް ހުތުރު
މީހަކަށްވީ އެއްލޯ ނެތީމައެވެ. އެކަމަކު ދަރިފުޅު މޮޅުމީހަކަށް ރީތިމީހަކަށްވީ މިމަންމަގެ ލޮލާއެކުއެވެ.
ދަރިފުޅާއެވެ.
މަންމަ ދަރިފުޅުމަތިން ވަރަށް ހަނދާންވެއެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެސް ވެއެވެ. ދަރިފުޅާ ވަކިން މިހޭދަކުރި ފަސް އަހަރު މަންމަ އުޅުނު ހިތްދަތި ޙާލުދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އެވެ. ގިނަ ރޭރޭ އިރު އަރަނީ ދަރިފުޅުގެ ހަނދާނުގައި ނުނިދި ހޭލާ އޮތްވައެވެ. ބައެއް ރޭރޭ ހިތްފުރާ ކަރުނަ އަޅާ ރޮމެވެ. އެކަމަކު ތިދަރިފުޅާ ނުލާ މިހިތަށް އެއްވެސް ހަމަ ޖެހުމެއް ނުލިބެއެވެ. އަބަދުވެސް ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެންނާނެ ކަމުގެ ފޮނި އުއްމީދު ކުރެވެއެވެ. މިހުރިހާ ކަމެއް އެނގި ހުރެވެސް ދަރިފުޅު މަންމަދެކެ ރުޅި އަންނަންޏާ މަންމައަށް ފަރުވާލެއް ނެތެވެ. އެކަމަކު މަންމަގެ އެދުމެއް އެބައޮތެވެ. އެއްދުވަހަކުން ދަރިފުޅުގެ ކުޑަކުޑަ ޢާއިލާ ގޮވައިގެން މަންމައަށް ޒިޔާރަތް ކޮށްލާނެ ކަމުގެ އުއްމީދު ކުރަމެވެ. ދަރިފުޅުގެ ކުޑައިރުގެ ގެޔަށެވެ. އޭރުން މަންމަގެ ހުރިހާ އެދުމެއް ފުރިހަމަ ވީއެވެ. ދަރިފުޅުދެކެ އަބަދުވެސް ލޯބިވާ - މަންމަ - "
ސިޓީ ކިޔާ ނިމުނު އިރު އަހަރެންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަހަރެންމީ ކިހާ ގޯސް މީހެއްކަން އިޙްސާސް ކުރެވުނެވެ. އެމަންމަގެ ދަރިއަކަށް އަހަރެންވީތީ އުފާ ކުރީމެވެ. މަންމަ ކިހާ ކެތްތެރި ހެއްޔެވެ؟ އެކަމަކު އަހަންނަށް އެއްލޯ ދިންގޮތަށް ކެތްތެރިވާން ދަސްކޮށް ނުދިނީ ކީއްވެހެއްޔެވެ؟ އެއީ މަންމަ އަހަރެން ދެކެ ލޯބިވާ ވަރުންނެވެ. ދުވަހަކުވެސް ބުރަބަހެއް އަހަންނާ ދިމާއަށް ނުބުނެއެވެ. އެކަމަކު އަހަރެން އެމަންމައާ ދިމާއަށް ނުކިޔާ އެއްޗެއް ނެތެވެ. ހިލޭ މީހަކަށްވެސް ނުކިޔާނެ އެއްޗެހިވެސް ކީމެވެ. ނުވިތާކަށް އަހަންނަށް ނުފެންނަ ހިސާބަށް ދޭތޯ އަބަދާ އަބަދު ދުޢާ ކުރީމެވެ.
އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަދެ އަހަރެން އެނދުގައި އޮށޯތީމެވެ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މަންމަގެ ކުރިމައްޗަށް ދާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. " ކިހިނެތް ވެފަ ތިއޮތީ؟ ... ކާންހެދިފައޭ ހުރީ... ހިނގާ ކާން " ނަޝީ އައިސް އަހަރެންގެ ގާތުގައި އެނދުގައި އިށީނެވެ. " ނަޝީ އަހަންނަށް މާފުކުރޭ " އަހަންނަށް ބުނެވުނީ އެހާ ހިސާބަށެވެ. އަހަރެންގެ ރުއިންގަނޑު
ފަޅައިގެން ދިޔައެވެ. " ކޮން މާފެއް....؟ ކިހިނެތްވީ؟ " ވާނުވާ ނޭނގި ހުރެ ނަޝީ ސުވާލު ކުރަމުން ގެންދިޔައެވެ. " އަހަންނަކީ ވަރަށް ގޯސް މީހެއް... ވަރަށް ނުލަފާ މީހެއް " އަހަރެން އަމިއްލަ ނަފްސު ކުށްވެރި ކުރީމެވެ. " ވީގޮތެއް ބުނެބަލަ؟ " ނަޝީ ސުވާލު ކުރިއެވެ. " އެދުވަހު މިގެއަށް އައި އަހަރެންގެ މަންމަ... އަހަރެން ނަޝީއަށް ދޮގު ހެދީ " އަހަރެން އެސިޓީ ނަޝީއަށް ދިއްކޮށްލީމެވެ. ނަޝީ ސިޓީ ކިޔަން ފެށިއެވެ. ސިޓީގެ ވަކި ހިސާބަކަށް ދިޔައިރު ނަޝީގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އަހަރެން ހަދާނެ ގޮތް ހުސްވެފަ އެނދުމަތީ އޮތީމެވެ. " އަދިވެސް ތިހެން އޮންނަނީތަ؟ ދެންވެސް މަންމަ ހޯދަން ދޭބަލަ " ނަޝީވެސް ހުރީ ރުޅި އައިސްފައެވެ. " އާނ ކިޔާ... ބޭނުން އެއްޗެއް މަށާ ދިމާއަށް ކިޔާ... ކޮންމެ އެއްޗެކޭ ކިޔަސް ކީއްވެތޯވެސް ނާހާނަން... ކީއްވެތޯ އެހުމުގެ ޙައްޤެއް އަހަންނަކަށް ނެތް " އަހަރެން ބުނީމެވެ. ނަޝީ އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދޭން ފެށިއެވެ. " އަހަރެން ރުޅިއަކުން ބުނި އެއްޗެއް ނޫން އެއީ " ނަޝީ އަހަރެން ހަމަޖައްސަން މަސައްކަތް ކުރިއެވެ. " ބައްޕައަށް ފޯނެއް " ކުޑަކުޑަ ޝަފާ ގޮވާލިއެވެ. އަހަރެން ކޮޓަރީގެ ފޯނު ނެގީމެވެ. " މީ އައި.ޖީ.އެމް ހޮސްޕިޓަލުން... ޝިޔާމްތޯ؟ ... ޝިޔާމްގެ މަންމަ ހޮސްޕިޓަލްގަ އެޑްމިޓްކޮށްފި... ޝިޔާމަށް އަންގަދޭށޭ ބުނެގެން މިގުޅީ " އެކޮޅުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. " އާނ މިދަނީ " އަހަންނަށް ބުނެވުނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ހޮސްޕިޓަލަށް ދިޔައީމެވެ. އޭރު މަންމަގެ ޙާލު ތަންކޮޅެއް ރަނގަޅު ވެއްޖެއެވެ. މުސްކުޅި ކަމާއެކު ލިބެމުން ދިޔަ ހިތްދަތި ކަމަށް ކެތް ނުކުރެވިގެން ކުއްލި ޝޮކެއް ލިބުނީއެވެ. އަހަރެން ގޮސް މަންމަގާތު އެނދުގައި އިށީނީމެވެ. މަންމަ
އަހަންނާ ދިމާއަށް ބަލާލަމުން ހީލިއެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. މަންމަގެ ރޫޖެހިފައިވާ ދެއަތުން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދޭން ފެށިއެވެ. އަހަރެން މަންމަގެ އަތުގައި ހިފާ އަހަރެންގެ މޭގައި ޖައްސާލީމެވެ. އަދި އެދެއަތުގައި މަޑުމަޑުން ފިރުމަމުން ބޮސްދޭން ފެށީމެވެ. " މަންމާ އަހަންނަށް މާފުކުރޭ " އަހަންނަށް ބުނެވުނެވެ. " އަހަންނަށް މަންމައާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް... ވަރަށް އިހާނެތިކޮށް! އަހަންނަށް މާފް " މަންމަ އަހަރެންގެ އަނގަމަތީގައި މަންމަގެ އަތް އެޅިއެވެ. އަދި މަޑުމަޑުން ދެފަރާތަށް ބޯ ހަލުވާލަމުން ހީލިއެވެ. މަންމަގެ މޫނުމަތިން ދުވަހަކުވެސް ނުފެންނަހާ އުފާވެރިކަން އެދުވަހު އަހަންނަށް ފެނުނެވެ. އަހަރެން ޝަފާ ގެނެސް މަންމަ ގާތު އެނދުގައި ބޭންދީމެވެ. މަންމަ ޝަފާގެ ގައިގާ ބައްދާލިއެވެ. އަދި އެމަންޖެގެ މޫނުގައި ބޮސްދެމުން ގެންދިޔައެވެ. ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލަން ހުރި އިރު ނަޝީގެ ލޮލުންވެސް ކަރުނަ ފައިބައެވެ. އަހަރެން ނަޝީ ގާތަށް ގެނެސް އަތުގައި ހިފާ ބާރަށް ފިތާލީމެވެ. އަދި ނަޝީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނީމެވެ. " އަހަންނަށް މާފުކުރޭ ނަޝީ! " އަހަންނަށް ރޮމުން ބުނެވުނެވެ. ނަޝީ މަޑުމަޑުން އަހަރެންގެ ބުރަކަށީގައި
ފިރުމާލިއެވެ.
ކީރިތި ޤުރުއާނުގައި لله صبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ.
وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً
كَرِيمًا - سورة الإسراء
23 -
" އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! ( އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ! ) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ. "
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا - سورة الإسراء
24 –
" އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! "
ރަސޫލު لله صلى لله عليه وسلم އާއި ޞަޙާބިއްޔަ ބޭކަލަކު ސުވާލު ކުރެއްވިއެވެ.
"يا رسول الله من أحق الناس بحسن صحابتي، قال: أمك، قال: ثم من، قال: أمك، قال: ثم من، قال: أمك، قال: ثم من، قال أبوك"
رواه البخـاري (5514) ومسـلم
(4621)
" އޭ ﷲގެ ރަސޫލާއެވެ. ތިމަން އެމީހަކަށް އެންމެ ހެޔޮކޮށް ހިތުމަށް ޙައްޤުކަން ބޮޑީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ
މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް
އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ ބައްޕައެވެ".
ޕޯސްޓް ކުރީ عماد بن ناصر
ތާރީޚް Sunday, January 24, 2010. މިލިޔުން ހިމެމެނޭނީ
ވާހަކަ
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..
ވަރައްވެސް އަސަރުގަދަ ވާހަކައެއް. އަޅުގަޑު މި ވާހަކަ ކިޔާނިމުނު އިރު ހުރީ ހަމަ ގިސްލަ ގިސްލަ ގިސްލާ ރޮވުމު. ވަރައްގިނައިން މިކަހަލަ ކަންތައް ހިގާ. .