އެންމެ ފަހުގެ

|

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި

އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގެ ފުރިހަމަ ޖަވާބެއް އެއްވެސް މީހަކަށް ހޯދިފައެއް ނުވެއެވެ. ބައެއްމީހުން ގަބޫލު ކުރާގޮތުގައި ނިދަނީ ހަށިގަނޑަށް އަރާމުކަން ހޯދައިދިނުމުގެ ގޮތުންނެވެ. ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެފައި އައިސް ރޭގަނޑު ނިދާލުމުގެ ސަބަބުން ހަށިގަނޑަށް ފަސޭހަ ތަކެއް ލިބިދެއެވެ.


ނިންޖަކީ އަހަރެމެންނަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނިދީގެ ސަބަބުން ވިސްނުމަށާއި ހަނދާން ވަރުގަދަ ކުރުމަށް އެހީވެދެއެވެ. އެހެންކަމުން ނިންޖަކީ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ނުނިދާ ނަމަ ދެން ވަނީ ކިހިނެއް؟
މީހަކު މާގިނަ ދުވަހު ނުނިދާ ހުރެއްޖެ ނަމަ ތަފާތު ގިނަ މައްސަލަ ތަކާ ކުރިމަތި ލާން ޖެހެއެވެ. މިގޮތުން ސިކުނޑިޔަށް ހީނުކުރާފަދަ ގިނަ ގެއްލުންތައްލިބެއެވެ. ހަނދާން ނެތުމާއި، ތިމާގެ ހަށިގަނޑު ކޮންޓްރޯލް ނުކުރެވުމާއި އަދި ހިއްސުތައް ބަރާބަރަށް މަސައްކަތް ނުކުރުން ހިމެނެއެވެ. އަދިވެސް މީގެ އިތުރުން، ލޭގެ ޕްރެޝަރު މައްޗައްދިޔުމާއި، ސްޓްރެސް ފަދަ އުނދަގޫތަކާ ކުރިމަތި ލާން ޖެހެއެވެ.
ނިދުމުން ދެން ވަނީ ކިހިނެއް؟
ނިދި ބެހެނީ ދެބަޔަކަށެވެ. އެއީ: ނަން ރެމް ސްލީޕް އަދި ރެމް ސްލީޕްއެވެ.
1- ނަން- ރެމް ސްލީޕް: މީގައި ތަފާތު ސްޓޭޖް ތަކެއް ހިމެނެއެވެ.
= މިގޮތުން ފުރަތަމަ ސްޓޭޖްގައި އަހަރެމެންގެ ހަށިގަނޑުގެ މަސައްކަތްލަސްވެ، ލޯމެރެމުންދެއެވެ. މިއަށް ދިވެހިބަހުން ދެބަދޭތެރޭ އޮތުމޭވެސް ކިޔައެވެ. މި ސްޓޭޖްގައި ވަރަށް ފަސޭހައިން މީހަކު ގޮވައިލައިފި ނަމަ ހޭލެވެއެވެ.
= ދެވަނަ ސްޓޭޖަކީ ރަނގަޅަށް ނިދޭ ސްޓޭޖެވެ. ފުރަތަމަ ސްޓޭޖްގައި ދިހަވަރަކަށް މިނެޓް ވުމަށްފަހު ދެން ވަދެވޭނީ ދެވަނަ ސްޓޭޖަށެވެ. މި ސްޓޭޖްގައި ވިއްސަކަށް މިނެޓް ފާއިތުވުމުން، ހިތުގެ ވިންދާއި، ނޭވާލުމުގެ ނިޒާމަށް ލަސްކަމެއްގެނުވައެވެ. އިންސާނުންގެ ނިދީގެ ބޮޑުބައެއް ހޭދަކުރަނީ މި ސްޓޭޖުގައެވެ.
=ތިންވަނަ އަދި ހަތަރުވަނަ ސްޓޭޖަކީ ގަދަ ނިދި އަންނަ ސްޓޭޖެވެ. ސްޓޭޖް ތިނަކަށް ވާސިލްވެވުމުން ސިކުނޑީގައި ބޮޑު ރާޅުތަކެއް އުފައްދައެވެ. މިރާޅަށް ޑެލްޓާ ވޭވްސް އޭ ކިޔައެވެ. ހަމަ މި ސްޓޭޖްގައިވެސް ހިތާއި ނޭވާލުމުގެ ނިޒާމް މަސައްކަތް ކުރަނީ ލަސްލަހުންނެވެ. ސްޓެޖް ހަތަރެއްގައި ގުގުރި ދަމާ މީހެއް ނަމަ ގުގުރި ދަމައެވެ. އަދި ހަށިގަނޑުގެ ބައެއް ގުނަވަންތައް ހަރަކާތް ކުރެއެވެ. މި ސްޓޭޖްގައި ހޭލެވިއްޖެ ނަމަ ވާނުވާ އެނގުމަށް ކުޑަވަގުތުކޮޅެއް ނަގައެވެ. އަދި މި ސްޓެޖްގައި ހޭލެވޭއިރު ބައެއްފަހަރު ކުޑަކުދިންނަށް ތަންމައްޗައް ކުޑަކަމުދެވޭގޮތް ދިމާވެއެވެ.

2- ރެމް ސްލީޕް: އަހަރެމެންނަށް ރަނގަޅަށް ނިދޭތާ ގާތްގަނޑަކަށް 70 ނުވަތަ 90 މިނެޓް ފަހުން އަހަރެމެން އުޅޭނީ މި މަރުހަލާގައެވެ. ހުވަފެން ފެންނަނީ މި މަރުހަލާގައެވެ. މި މަރުހަލާގައި ހިތުގެ ވިންދާއި ނޭވާލުމުގެ ނިޒާމް ހަލުއިކަމާއެކީ މަސައްކަތް ކުރެއެވެ.
ދުވާލެއްގެ މައްޗައް ބޭނުންވަނީ ކިހާ ނިންޖެއް؟
ބައެއް މީހުން 5 ގަޑި އިރާއި 11 ގަޑި އިރާ ދެމެދު ނިދައެވެ. ނަމަވެސް އެވަރެޖް ގޮތެއްގައި އިންސާނަކަށް ބޭނުންވަނީ 6 ނުވަތަ 7 ގަޑިއިރުގެ ނިންޖެވެ. އިންސާނުންނާ ހިލާފަށް ޖަނަވާރުންގެ ނިދުމުގެ ވަގުތު ތައް ތަފާތެވެ. މިގޮތުން ބަލާއިރު، ހަރުފަ 18 ގަޑިއިރު ނިދާކަމަށް ވެއެވެ. މިނިކާވަގު 13 ގަޑިއިރު ނިދައެވެ. ބުޅާ 12 ގަޑި އިރު ނިދައެވެ. ޗިމްޕަންޒީ 9.7 އަދި ޝީޕް 3.8 ގަޑިއިރު ނިދާ ކަމަށް ވެއެވެ. ޖިރާފް ނިދަނީ 1.9 ގަޑިއިރެވެ.
އެންމެ ގިނަދުވަހު ނުނިދާ ހުރުމުގެ ރެކޯޑް ހަދާފައިވަނީ ރޭންޑީ ނަމަކަށް ކިޔާ މީހެކެވެ. އެއީ 9165 ވަނައަހަރެވެ. އޭނާ ނުނިދާ 11 ދުވަހު ހުރި ކަމަށް ވެއެވެ.

ނޯޓް: މިއީ މި ބްލޮގް ގެ ކިޔުންތެރިއަކު ފޮނުވާފައި ވާ ލިޔުމެކެވެ. މިފަދަ ލިޔުންތަކަށް ދި-ބުރުނުގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, January 16, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އަހަރެމެން ނިދަނީ ކީއްކުރަން؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް