އެންމެ ފަހުގެ

|

ތަރަށްޤީއަކީ ވަކި ބައެއްގެ ހައްޤެއް ހެއްޔެވެ؟


މިއަދުގެ މި ދުނިޔެ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރާ ތަރަށްގީ ވަމުންނެވެ. މިގޮތުން އަހަރެމެންގެ މި ދިވެހިރާއްޖެވެސް މިދަނީ ތަރަށްގީގެ ރޭހުގައި ތަފާތު ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަމަވެސް އަހަރެމެންގެ ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން ތަރަށްގީގެ ކުލަވަރުތައް ފެންނަނީ ބައެއް ދިމަ ދިމާލުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.


ބައެއް ރަށްތަށް ވަރަށް ބޮޑަށް ތަރަށްގީވެފައި ތަހުޒީބެވެ. އަނެއްބައި ރަށްތަކުން ތަރަށްގީއޭ މިކިޔާ އެއްޗެއްގެ ހިލަމެއްވެސް ފެންނާކަށްނެތެވެ. ބަނދަރު ހަދަނީ ވަކި ރަށްތަކެއްގައެވެ. މަގުތަކުގައި ތާރު އަޅާ ނަރުދަމާ ހަދަން ޖެހެނީވެސް ވަކި ރަށްތަކެއްގައެވެ. ކަރަންޓުގެ ހިދުމަތް އެންމެ ފުރި ހަމަ އަށް ލިބެން ޖެހެނީވެސް ވަކި ރަށްތަކަކަށެވެ. މިއީ މިކަން ވާންޖެހޭނެ ގޮތްތޯއެވެ؟ ނޫނެކެވެ. މިގޮތަށް މިކަން ވާނަމަ މިކަމަކީ އިންސާފުން ހިނގާ ކަމެކޭ ނުބުނެވޭނެއެވެ. އެންމެންވެސް ހަމަހަމަ ވާންޖެހޭނެއެވެ. ތަރަށްގީއަކީވެސް އެންމެންގެ ހައްގެކެވެ.

ރާއްޖޭގެ ރަށްތައް ތަރަށްގީކުރުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތް ތަކެއް ކުރަމުންދާކަން މި ދަނޑިވަޅުގައި ފާހަގަ ކޮށްލާނަމެވެ. ނަމަވެސް މިބުނާ ތަރަށްގީ ކުރުމަކީ ކުރިން މި ދެންނެވި އުސޫލުން ހިނގާ ތަރަށްގީއެކެވެ. އިސްކަން ދެވެނީ ވަކި ބަޔަކަށެވެ. އެކަމަކު ޓީވީ ތަކުންނާއި ރޭޑިޔޯ ތަކަށް އަރާ ގޮވާނަގަނީ މިއީ ރައްޔިތުންގެ ސަރުކާރޯލައެވެ. ރައްޔިތުންގެ ސަރުކާރެއްނަމަ ރައްޔިތުންގެ ހަމަހަމަ ކަމަށްވެސް ވިސްނަވާލަށްވަން ވާނެ ނޫންތޯއެވެ؟
މީގެ ކުރިން 30 އަހަރު ވަންދެން ވެރިކަން ކުރި ފަރާތުންވެސް ތަރށްގީކުރަން މަސައްކަތްކޮށްފައިވަނީ ވަކި ބައެކެވެ. ވަކި ރަށްތަކެކެވެ. މިގޮތުން ރާއްޖޭގެ ދެކުނުގެ ރަށްތައް، ހާއްސަކޮށް އައްޑޫ އަދި ފުވަށްމުލަށް ފާހަގަ ކޮށްލެވެއެވެ. މިކަހަލަ ވާހަކަ ތަކުން ބައެއްބޭފުޅުންގެ ހިތުގައި ނަފުރަތު އުފެދޭގޮތް ވެދާނެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ.

ދެން އޮތީ މިއަދުގެ މި ސަރުކާރު ގެ ވާހަކައެވެ. އާދެ! އެމްޑީޕީގެ ހެޔޮ ސަރުކާރުގެ ވާހަކައެވެ. މި ސަރުކާރުގެ ތަރަށްގީގެ ޕްލޭންވެސް ހިނގަމުން މިދަނީ ކުރީގެ ސަރުކާރުގެ ޕްލޭނާއި ދާދި އެއްގޮތަކަށެވެ. ތަރަށްގީކުރަނީ ވަކިބައެކެވެ. ވަކި ރަށްތަކެކެވެ. ނަމަވެސް ވެރިކަމަށް އެރުމުގެ ކުރިން ގޮވަމުން ދިޔަ ގޮވެލި ފައްޗަކީ ތިމަންނަމެން ރައްޔިތުންގެ އަޑުއަހާނަމޭއެވެ. ރައްޔިތުން އެދޭ އެދުންތައް ފުއްދައިދޭނަމޭއެވެ. އެކަމަކު ކަލޭމެންނަށް އެކަން ކޮށްދެވޭހެއްޔެވެ؟ އިވެނީ ވަކި ބައެއްގެ އަޑެވެ. ކޮށްދެވެނީ ވަކި ބަޔަކު އެދޭ އެދުންތަކެވެ. ނިކަން އަޑުއަހާ ބަލާށެވެ.
ރަށުގައި ހުރި އިންޖީނުން ރަނގަޅަށް ކަރަންޓް ނުދެވުމުގެ ސަބަބުން ރޭގަނޑު ކަނު އަނދިރީގައި އެތިބެނީ ކިތައް ކިތައް ރަށްތޯއެވެ؟ ބަނދަރު ނެތުމުގެ ސަބަބުން ރަށަށް އަރާ ރަށުން ނުފޭބިފައި އެ ތިބެނީ ކިތަށް ރަށުގެ ރައްޔިތުންތޯއެވެ؟ ނަރުދަމާގެ ހިދުމަތް ނެތުމުގެ ސަބަބުން ރަށުގެ ފެން ތަގައްޔަރުވެފައި އެވަނީ ކިތައް ކިތައް ރަށުގައި ތޯއެވެ؟ އެބެފުޅުން އެހެން އުޅެން އެޖެހެނީ އެބޭފުޅުންނަކީ ތިޔަ ސަރުކާރުގެ ރައްޔިތުންނަށް ނުވާތީތޯއެވެ؟ އެއީ ވެސް ހަމަ ދިވެހި ލޭހިނގާ ދިވެހި ދަރިންނެވެ. ދިވެހި ސަރުކާރުގެ ދަށުގައިވާ ދިވެހިންނެވެ. އެމީހުންވެސް އެކަންކަމަށް ހައްލު ހޯދާ އެމީހުންގެ ރަށް ތަރަށްގި ކުރަން ބޭނުންވާނެއެވެ. އެމީހުން މަތިން ކަލޭމެން ހަނދާންވަނީ ވޯޓު ބޭނުންވީމާހެއްޔެވެ؟ އެމީހުންގެ ވޯޓު ބޭނުން ކަމުގައި ވާނަމަ އެމީހުންގެ އެއަޑުވެސް ނިކަން އަހާށެވެ. އެމީހުންނަށްވެސް އެމީހުން ބޭނުންވާ ތަރަށްގީ ހޯދައިދޭށެވެ.
ތަރަށްގީއަކީ ވަކި ބައެއްގެ ހައްގެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެ ހައްގެކެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, February 13, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ތަރަށްޤީއަކީ ވަކި ބައެއްގެ ހައްޤެއް ހެއްޔެވެ؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް