އެންމެ ފަހުގެ

|

ޤިޔާމަތް ދުވަހާއި ބެހޭގޮތުން ޤުރުއާނުގައި އައިސްފާހުރި ބައެއް ވާހަކަތައް.


ދި-ބުރުނު
ޤިޔާމަތް ދުވަހަކީ ކޮން ދުވަހެއްކަން ނޭނގޭ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެއެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭ ވާހަކަތައް ގިނަމީހުންވާނީ އަޑުއަހާފައެވެ. ނަމަވެސް ހިތާމަ ކުރަންޖެހޭ ކަމަކީ މިފަދަ ވާހަކަތައް ދައްކަން އަހަރެމެންގެ ތެރެއިން ބައެއްމީހުން ބޭނުން ނުވާކަމެވެ. އަދި އެފަދަ ވާހަކައެއް މީހަކު ދައްކައިފި ނަމަ އަޑުއަހަންވެސް ބައެއްމީހުން ބޭނުމެއް ނުވެއެވެ. މީހަކު އެފަދަ ލިޔުމެއް ލިޔުނު ނަމަވެސް އެލިޔުން ކިޔާކަށްވެސް ގިނަފަހަރަށް ބައެއްމީހުން ބޭނުމެއް ނުވެއެވެ.


މިފަދަ ގިނަ މީހުންނަކީ ޤިޔާމަތް ދުވަސް އަތުވެދާނެ ކަމަށް ގަބޫލު ނުކުރާމީހުންނެވެ.
މިފަދަ މީހުންނާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވަނީ މިފަދައިންނެވެ. " وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَى رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا " މާނައަކީ: "އަދި ޤިޔާމަތް ވާނޭ ކަމަކަށް ވެސް އަހަރެން ހީއެއްނުކުރަމެވެ. އަދި އަހަރެންގެ ވެރި ރަސްކަލާނގެ حضرة އަށް އަހަރެން ރައްދު ކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހަރެންނަށް ފެންނާނެކަން ކަށަވަރެވެ." މި އާޔަތުގައި ބަޔާން ކޮށްދެއްވާފައި އެވަނީ ޤިޔާމަތް ދުވަސް އަންނާނެކަމަށް ގަބޫލު ނުކުރާ މީހުންގެ ވާހަކައެވެ. އަދި އެދުވަހާއި ދޭތެރޭ ޝައްކު ކުކުރާމީހުންގެ ވާހަކައެވެ. އަދިވެސް އެހެން އާޔަތެއްގައި މާތް ﷲ ވަހީ ކުރައްވަނީ " وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِي مَا السَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ " މި އާޔަތުގެ މާނައަކީ: " އަދި ހަމަކަށަވަރުން، ﷲގެ ވަޢުދު ފުޅަކީ ޙައްޤު ތެދުފުޅެވެ. އަދި ޤިޔާމަތާ ދޭތެރޭގައި ޝައްކެތް ނެތޭ ބުނެވޭހިނދު ތިޔަބައި މީހުން ބުނަމުއެވެ. ޤިޔާމަތަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމެވެ. ތިމަންމެން (އެކަމާމެދު) ހީއެއް ނޫނީ ނުކުރަމެވެ. އަދި ޔަޤީން ކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމެވެ."
ބައެއްމީހުން ދެކޭގޮތުގައި ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއް ނޫނެވެ. އަދި ފާޅުގައި އެދުވަހާ ދޭތެރޭ ބައެއްމީހުން ދެކޮޅު ހަދާ އެދުވަސް ދޮގުކޮށް އުޅެއެވެ. މިފަދަ މީހުންނާ ބެހޭ ގޮތުން މާތްﷲ ވަހީ ކުރައްވަނީ، " بَلْ كَذَّبُوا بِالسَّاعَةِ وَأَعْتَدْنَا لِمَن كَذَّبَ بِالسَّاعَةِ سَعِيرًا " މާނަ އަކީ: " އަދި ކިއެއްތަ؟ އެއުރެން ޤިޔާމަތުގެ ވަގުތު ދޮގު ކުޅައޫއެވެ. އަދި ޤިޔާމަތުގެ ވަގުތު ދޮގު ކުޅަމީހަކަށް އަނދަ އަނދާ ހުންނަ ނަރަކަ ތިމަން ރަސްކަލާންގެ ތައްޔާރު ކުރެއްވީމެވެ."
ކީރިތި ޤުރުއާނުގައި ބަޔާން ކޮށްދެއްވާފައިވާ މި އާޔަތްތަކަށް ފުންކޮށް ވިސްނާލުމުން އެނގެނީ ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއް ކަމެވެ. އެއީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި އެދުވަހުން، މާތް ﷲ ކަށްވަޅުތަކުގައި ތިބި މީހުން އަލުން ދިރުއްވާނެއެވެ. އެކަލާނގެ ވަހީ ކުރައްވަނީ މިފަދައިންނެވެ. " وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَن فِي الْقُبُورِ" މާނަ އަކީ: " އަދި ހަމަ ކަށަވަރުން ޤިޔާމަތް ދުވަހަކީ ޝައްކެއްނެތި އަންނާނޭ ދުވަހެކެވެ. އެއާމެދަކު ޝައްކެއް ނެތެވެ. އަދި ހަމަ ކަށަވަރުން، ﷲ، ކަށްވަޅުތަކުގައި ތިބިމީހުން އަލުން ދިރުއްވައި، ފޮނުއްވާ ހުއްޓެވެ."
އަހަރެމެންނަށް އޮޅުމެއްނެތި ސާފުކޮށް އެނގޭ ހަޤީގަތަކީ ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމެވެ. އަހެން ކަމުން އަހަރެމެން އެ ދުވަހަށް ތައްޔާރު ވާންވީއެވެ. ހެޔޮ އަމަލުތައް ގިނަ ކުރަންވީއެވެ. އޭރުން ހަމަ ގައިމުވެސް އަހަރެމެން ވާނީ ކާމިޔާބު ލިބިގެންވާ މީހުންގެ ތެރެއިންނެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, January 05, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޤިޔާމަތް ދުވަހާއި ބެހޭގޮތުން ޤުރުއާނުގައި އައިސްފާހުރި ބައެއް ވާހަކަތައް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް